"މަޑުން މީ އޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ.. މަޑުން މީ އޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ.. މަވީ މަވީ ލޯބިން ނަޔާ ރާގުގާ ކި ނަނާ.." އަނެއްކާވެސް އެ ލަވައިގެ އަޑު އިވެން ފެށުމާއިއެކު، އަހަރެންގެ ތެމިފައިވީ އެސްފިޔަތައް ހުޅުވައިލެވުނެވެ. ރަތްވެ، ދުޅަވެފައިވީ ދެލޯ ވަގުތުން އެކި ދިމަދިމާއަށް ދަތުރު ކޮށްލެވުނީ، އިވެމުން އެ ދިޔަ އަޑާއި މެދުގައި ޔަގީން ނުވެފައި ހުރެއެވެ. ކުރުގަޅުވާލައިގެން އިން ދެފައި ލަސްލަހުން މިނިވަންކޮށްލުމަށް ފަހު، އަހަރެން ތެދުވެ ހިނގައިގަތީ ކޮޓަރީގެ ކުޑަދޮރާ ދިމާއަށެވެ. ހިޔަންޏަށް ވެސް ސިއްރުވާނެހައި މަޑުމަޑުން އަހަރެން ކުޑަދޮރު ހުޅުވައިލާފައި، އަނދިރިކޮށް އޮތް ގޯތިތެރެއަށް ނަޒަރު ހިންގައިލީމެވެ.
"މަތިވެރި ޤަދަރާ ޝަރަފުން ފަޚުރުވެރި ވެދާހާ.." އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ އެ އަޑެވެ. ކިތަންމެ ދުވަހެއް ވިޔަސް، އަހަރެންގެ ކަންފަތުގެ ހިނދުރިއަށް ނޯޅޭނޭ، އަހަރެންގެ އުފަން މައިމީހާގެ އަޑެވެ. ތުއްތު އިރުގައި އަހަރެން ނިންދަވަން ކޮންމެ ފަހަރަކުވެސް ކިޔައިދޭ އެ ނާނާއަކީ، މިއަދާ ހަމައަށް ވެސް އަހަރެންގެ ހިތުގައި ރަސްކަން ކުރާ ނާނާއެކެވެ. އެހެނަސް، އަހަންނަށް ނޭނގުނު ކަމަކީ، ވެލީގެ ދާނުގައި މަންމަގެ ފުރާނަ ދެތަންވެފައިވާ ހަށިގަނޑު ފަސްއަޅައި، ފޮރުވައިލެވުނު ފަހުން، ހަ އަހަރު ވެއަތުވެގެން ދިޔަ އިރު، ކުއްލިއަކަށް އެ ނާނާގެ އަޑު އަހަންނަށް އިވެން ޖެހުނު ސަބަބެވެ. މެދުކެނޑުމެއްނެތި ކޮންމެ ރެއަކު ވެސް އަހަރެންގެ ކޮޓަރީގެ ކުޑަދޮރާ ދިމާއިން އިވޭ އެ ނާނާގެ އަޑު އަހަންނަށް އިވޭތާ މިހާރު ދެތިން މަސް ވެދާނެއެވެ. އެހެނަސް، އެ ނާނާގެ އަޑު އިވޭ ކޮންމެ ފަހަރަކު ބިރުގަތުމުގެ ބަދަލުގައި އަހަރެންގެ ހިތް އުފަލުން ފުރިގެން ދަނީ އަދިވެސް އަހަރެންގެ ލޯބިވާ މަންމަ އަހަރެން ގާތުގައި ހުރި ކަމުގެ ފޮނިފޮނި އިޙުސާސް، އެ ނާނާ އަޑު އިވުމުން ކުރެވޭތީއެވެ.
"އޭ ކަލޭ މިތާ ދެއަތް އުރާލައިގެން ހުއްޓަސް އަހަރެންގެ ބަނޑުފުރޭތަ؟ ކޯޗެއް ފެންނާނީތަ ދެލޯ ކާއްޓަކަށް ހަދައިގެން ބޭރު ބަލަން ތި ހުންނަނީ؟ ހަމަ މިހާރު އަހަންނަށް ކާން ހަދައިދޭން ހިނގާ!" ކުއްލިއަކަށް ފަހަތުން އިވުނު ބާރު އަޑާއި އެކުގައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެނބުރި ބަލައިލެވުނު އިރު، ރުޅި އައިސް ރަތްވެ، ފުފިފައި ހުރި ދޮންމަންމަގެ މޫނު ފެނުމާއި އެކު އަހަރެންގެ ހަށިގަނޑުގައި ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނީ އެސްފިޔައެއް ޖަހައިލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"މި.. މި ދަނީ.." ހިކިގެން ގޮސް ފަޅަފަޅައިގެން ގޮސްފައިވާ އަހަރެންގެ ދެތުންފަތުގެ ތެރެއިން އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. ދޮންމަންމަގެ އަނދައަނދާ ހުރި ދެލޮލުން އަހަރެން ފިއްސައިލަފާނެ ވަރުގެ ނަޒަރެއް ދިނުމަށް ފަހު، ކޮޓަރިން ނުކުމެގެން ދިޔުމާއި އެކު، އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ، މިފަހަރު ދޮންމަންމަގެ އަނިޔާއަކާ ކުރިމަތިލާން ނުޖެހުނީމައެވެ. ނަމަވެސް އަހަރެން ނުގޮސް ގިނަ އިރު ވީ ވަރަކަށް، އަހަރެންގެ ނިކަމެތި ހަށިގަނޑުގައި އަޅާނެ ވޭނާއި، ލާނެ ލަކުނުތައް ގިނަވާނެކަން ހިތަށް އަރުވައިލެވުމާއި އެކު، އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމެގެން ގޮސް، ބަދިގެއަށް ވަނީމެވެ.
"އޭ އަދި ހަނދާން ނެތިފައޭ މިހުރީ ބުނަން.. މިރޭ އަންނާނެ މެހެމާނަކު.. ކަލޭ ރީތިކޮށް ފެންވަރައިގެން ތަންކޮޅެއް ގައިން ތާހިރުވެގެން ހުންނާތި! އެމީހާގެ ކުރިމަތީގައި މަގޭ އަގުވެއްޓޭ ވަރުގެ ކަމެއް ކޮށްފިއްޔާ ނިމުނީ!" ދޫކޮށްލި އިސްކުރު ބަންދުކުރަން ވެސް ނޭނގިފައި އަހަންނަށް ހުރެވުނީ ދޮންމަންމަ އައިސް ބުނި ވާހަކައަކުންނެވެ. އިސްކުރުން ފައިބަމުން ދިޔަ ފެންތަކާ އެއްވަރަށް، އަހަރެންގެ ލޮލުން ވެސް ދިޔައީ ކަރުނަ ފައިބަމުންނެވެ. މިރެއަކީ ވެސް އެކަހަލަ ރެއެއްތާއެވެ. އަނެއްކާވެސް އަނިޔާވެރި ފިރިހެނެއްގެ އަތްމައްޗަށް އަހަރެން ދޫކޮށްލާފައި، އޭގެ ފައިދާ ދޮންމަންމައަށް ދިނުމަށް ކަނޑައެޅިފައިވާ ރެއެކެވެ. މިއީ މިހާރު އަހަންނަށް އައު ކަމެއް ނޫނެވެ. އެހެނަސް އަހަރެންގެ އަބުރާއި ޢިއްޒަތް އެތައް ފަހަރެއްގެ މަތިން ފޭރިގަންނަ އިރު، އަހަންނަށް އެކަމަށް އެއްބަސްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ އެންމެ އަގުބޮޑު ހަދިޔާ ކަމުގައިވީ ޢިއްފަތްތެރިކަން ކަތިލެވިގެން ދާ އިރު، އަހަރެންގެ ހަށިގަނޑާއި ހިތުގައި ލެވޭ ޒަޚަމްތަކަށް ކެތް ކުރާނީ ކިހިނަކުން ހެއްޔެވެ؟
ޚިޔާލުގެ ކަނޑުގައި އޮޔާ ދެމެމުން ދިޔަ އަހަރެންގެ ސިކުނޑިއަށް ހަމަހޭވެރިކަން ވީ ދޮންމަންމަ "ކޮބައި ކާން ހެދިއްޖެހެއްޔޭ" ގޮވައިލުމުންނެވެ. އެއާއެކު، މުޅި ހިތާއި މޭ ކުދިކުދިވަމުން ދިޔަ ޙާލުގައި ވެސް އަހަރެން މޭޒުމަތި ރަމަތަ ކުރުމުގެ މަސައްކަތް ފެށީ، މި މަސައްކަތް ރަނގަޅަށް ކުރެވިއްޖެއްޔާ، މިރޭ ދޮންމަންމަ ދޭން އެ އުޅޭ ރަޙުމުކުޑަ އަނިޔާއިން ސަލާމަތްވެވޭނޭ ހިތައެވެ.
މެންދުރަށް ކެއްކި ގަރުދިޔަ ފޮދު ހޫނުކޮށްލުމަށްފަހު، ކުކަރުގައި ހުރި ބަތް ތެލި ނަގާފައި، އަހަރެން މޭޒުމަތީގައި ބެހެއްޓީމެވެ. އެހެނަސް، މެންދުރުވެސް ދޮންމަންމަ ކެއީ ބަތް ކަމުން، މިގަޑިއަށް ބަތް ކަމުނުގޮސްފާނެތީ، އަތްމަތި އަވަސްކޮށްލަމުން އަހަރެން ހައެއްކަ ރޮށި ވެސް ފިހެލީމެވެ. މޭޒުމަތި ރަމަތަ ކޮށްލުމަށް ފަހު، އަހަރެން ކަބަޑު މަތީގައި ހުރި ތެލުލިފަތް ދަޅު ވެސް ނެގީމެވެ. އެއަށްފަހު، ފިޔާކޮޅެއް ކޮށާފައި، ލުނބޮއެއް ފަޅިކޮށްލާފައި، ދެތިން ގިތެޔޮ މިރުސް ވެސް މޭޒުމައްޗަށް ނެގީމެވެ. ހުރިހައި އެއްޗެއް ހަމަވިތޯ ޔަގީން ކުރުމަށް ފަހު، އަހަރެން ދޮންމަންމައަށް ގޮވައިލާފައި، ކާން ތައްޔާރުވެއްޖެ ކަމުގައި ބުނީމެވެ. އެވަގުތު ބަދިގެއަށް ވަން ދޮންމަންމަ ގޮސް މޭޒުދޮށުގައި އިށިނީ، އަހަންނަށް ރުޅިވެރިކަމުން ފުރިގެންވީ ނަޒަރެއް ދިނުމަށް ފަހުގައެވެ. އެ ނަޒަރުން އެކަނިވެސް އަހަރެން އަންދައި، އަޅިއަށް ހަދައިލި ކަހަލައެވެ.
"ކަލެއަށް ހަމަ މި ނޫން އެއްޗެއް ހަދާކަށް ނޭނގުނު؟ ހެނދުނު ވެސް ގަރުދިޔަ، މެންދުރު ވެސް ގަރުދިޔަ، އަނެއްކައި ރޭގަނޑު ވެސް؟ ކިހައި ދެރަވެއްޖެ ކަމެއް މީ ދެން މިންހާ؟ ހިސާބަށް ވުރެ ކަންނެތް ވިޔަސް ދެން ބޮޑު ވަރު!" ކާ މޭޒުމަތީގައި ހުރި އެއްޗެއްސަށް ނަޒަރެއް ދިނުމަށް ފަހު، ގަރުދިޔަ ބޯތަށީގައި އަތުން ޖަހައިލާ، ތަށި ތަޅައިލި ގޮތަށް ދޮންމަންމަގެ އަނގައިން ބޭރުވި ނުރުހުމުގް ލަފްޒުތައް ރުވާފައި އައި ތީރުތަކެއްހެން ހެރުނީ ސީދާ އަހަރެންގެ ހިތަށެވެ. އެއާއެކު އަނެއްކައި ވެސް އަހަންނަށް ގިސްލެވެން ފެށުނު އިރު، އަހަރެންގެ ކޯތާފަތް ތެންމަމުން ދިޔަ ހޫނު ކަރުތަނިކިތަކުން ވެސް ދޮންމަންމަގެ އެ ހަރުހިލަ ހިތް ވިރުވައިނުލެވޭނެކަން އަހަންނަށް މާ ކުރިން ވެސް އެނގެއެވެ.
"މެންދުރު ކެއްކި ގަރުދިޔަ.. ހުސް ނުވާތީ.. އަހަ.. އަހަރެން ހޫނުކޮށްލީ.. މިރޭ ކާން-" ކަށީގައި ނެތް ހިތްވަރު ލައިގެން އަހަރެން ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ މޫނުމައްޗަށް އަރައިގެން ދިޔަ ދޮންމަންމަގެ އަތުގެ ހޫނު ޙަމަލާއިންނެވެ. ކޯތާފަތަށް ތަދުވީ ވަރުން، އަހަންނަށް ކޯމަތީގައި އަތް އަޅައިލެވުނު އިރު، އަތުގައި ފިނި ދިޔާ އެއްޗެއް ހޭކުމުން އަމިއްލަ އަތަށް ބަލައިލެވުނެވެ. އެއާއެކު ތުރުތުރު އަޅަމުން ދިޔަ އަހަރެންގެ އަތުގައި ހޭކިފައިވީ ލެއިން އަހަރެންގެ މޭ ނުބައި ކުރުވިއެވެ. ނަމަވެސް ދެން އަންނާނޭ ޙަމަލާ މާ ވަރުގަދަވާނެ ކަން އެނގުމާއި އެކު، އަހަންނަށް އިތުރަށް ރޮއެގަނެވުނީ، އަހަރެންގެ ކަރުނަވީ އާދޭސްތަކަށް ދޮންމަންމަ ފުރަގަސް ނުދޭތޯ ހެއްދެވި ފަރާތަށް އެތައް ފަހަރަކު ދުޢާ ދަންނަވަމުންނެވެ. އެކަން އެގޮތަށް ނުވާނޭ ކަން އެނގޭ އިރުވެސް، އަހަންނަށް ދިޔައީ ކުލަޖެހެން ނެތް އުއްމީދުތަކެއް ކުރެވެމުންނެވެ.
"މިހާރު އަދި އަހަރެންގެ ކުރިމަތީގައި ބަސްބުނަން ވެސް ފަށައިފިއެއްނު.. ހުރެބަލަ މިފަހަރު ނިކަން! ކުޅިދައްކައިލާނަން!" އެހެން ބުނެފައި ދޮންމަންމަ ގުދަނަށް ވަނުމާއި އެކު، އަހަރެންގެ ދެފައިން ބާރު ދޫވެގެން ބިންމައްޗަށް ދެމުނެވެ. މިފަހަރު ދޮންމަންމަގެ ރަޙުމުކުޑަ އަނިޔާއާ ކުރިމަތިލާން ޖެހޭނީ އަހަރެންގެ ހަށިގަނޑުގެ ކޮން ގުވަނަކަށް ބާވައޭ ހިތަށް އެރި އިރު، އަހަރެންގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ސަލާމަތަށް އެދި ރޮމުން ދިޔަ ކަހަލައެވެ.
ފަސްވަރަކަށް މިނެޓު ފަހުން ގުދަނުން ނުކުމެގެން އައި ދޮންމަންމަގެ އަތުގައި އޮތް ހެޔޮވަރުގެ ލަޓިބުރި ފެނިފައި އަހަންނަށް ވަގުތުން ނޫނެކޭ ކިޔައި ރޮއެގަނެވުނެވެ. ތިހެން ނުހަދާށޭ ކިޔައި އާދޭސް ކުރީމެވެ. ކަރުން ހަންދާހާ ބާރަށް ސަލާމަތަށް އެދިގެން ރޯން ފެށީމެވެ. އެހެނަސް، ކުރިން ވެސް އަސަރު ނުކުރި ހިތަކަށް، މިފަހަރު ވަކި އެއްޗެކޭ ހިތަށް އަރާނެ ހެއްޔެވެ؟
ދޮންމަންމަގެ އަތުގައި އޮތް ލަޓިބުރިން އަހަރެންގެ ހަށިގަނޑުގައި ދުވަހަކު ނުފިލާ ވަރުގެ އެތައް ޒަޚަމްތަކެއް ކަނޑައި ނެގުމަށް ފަހު، އަހަރެންގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ވެއްދީ، ދެންމެ ދޮންމަންމަ ވަން އަނދިރި ގުދަނުގެ ތެރެއަށެވެ. އެތަނުގެ ތެރެއަށް އަހަރެންގެ ވާގި ހުސްވެފައިވީ ބަލިކަށި ހަށިގަނޑު އެއްލައިލާފައި، ދޮންމަންމަ ގުދަން ތަޅުލީ "ހެޔޮނުވާނޭ، އަހަންނަށް ރަހުމު ކުރާށޭ" އަހަރެން ގޮވަގޮވައި އޮއްވައެވެ.
އެ އަނދިރި ހަތަރުފާރުގެ ތެރޭގައި އަހަރެން ހައްޔަރުވުމާއި އެކު އަހަރެންގެ ހިތް ގެނބިގެން ދިޔަ ކަހަލައެވެ. އަނދިރިކަން ދެކެ ކުޑައިރުއްސުރެ އަހަރެން ގަންނަ ބިރަކީ މިއަދާ ހަމައަށް ވެސް އަހަރެންގެ ހިތުގައި ވެރިކަން ކުރާ ކަމެކެވެ. އެހެންނަމަވެސް މިއަދު މި އޮތީ ދޮންމަންމަގެ އަނިޔާވެރި ކަމުގެ ސަބަބުން އެ ބިރުވެރިކަމުގެ ތެރޭގައި ވެސް ތާށިވެފައެވެ.
އަހަރެންގެ ގިސްލުމުގެ އަޑު ހިނދަކަށް ވުރެ ހިނދެއް މަޑުވަމުން ދިޔައީ، އަހަރެންގެ ހަށިގަނޑުގައިވީ ހުރިހައި ހަކަތައެއް ހަށިގަނޑާ ވަކިވަމުން ދިޔުމުންނެވެ. މުށިނުޖަހައި ހުރި ތަޅުންގަނޑުގެ މައްޗަށް އަހަރެން ދެމުނު އިރު، އަހަރެންގެ ހަށިގަނޑުގައި އިތުރަށް އެ ވޭނާއި ހަނގުރާމަ ހިތްވަރު ވެސް ނެތް ފަދައެވެ. ގުދަނުގެ ތެރޭގައި ރަސްކަން ކުރަމުން ދިޔަ ހޫނުކަމުގެ ސަބަބުން، އަހަރެންގެ އެސްފިޔަތައް ފޫދުއްވައިލާފައި ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް ވެސް އަހަރެންގެ މޫނުމަތީގައި ބަބުޅަމުން ދިޔަ ދާދިކިތަކާ އެކުވެގެން، ކޯތާފަތް ތެންމަމުން ދިޔައެވެ. ރޮއެރޮއެ، ދެލޮލުން ދިލަނަގާ ވަރު ވުމާއި އެކު އަހަންނަށް ލަސްލަހުން އެސްފިޔަތައް ލައްޕައިލެވުނީ، މީގެ ހައަހަރު ކުރީގެ މާޒީއަށް ދަތުރު ކުރަމުންނެވެ.
އެންމެ ތުއްތު އިރުއްސުރެ ވެސް އަހަރެންނަކީ އުފަލާއި މަޖަލުގައި ޅަޢުމުރުގެ ދުވަސްތައް ހޭދަކުރަމުން ދިޔަ އަންހެން ކުއްޖަކީމެވެ. އެއްވެސް ފިކުރެއް، ޚިޔާލެއް ނެތި އަހަރެން އުޅެމުން ދިޔައީ އަހަރެންގެ މައިންބަފައިންގެ ލޯތްބާއި އަޅައިލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. ކުޑަކުއްޖެއްގެ ގޮތުގައި ވޭތުކުރަމުން ދިޔަ ދުވަސްތަކަށް ނިމުމެއް އައިސް، ފުރާވަރުގެ އެންމެ ނާޒުކު ޢުމުރުގެ ދުވަސްތައް ގުނަން ޖެހުނު ހިސާބުން ދެން ކުރިމަތިވީ މުޅި ހަޔާތް ބަނަވެ، އަހަރެން މުޅީން ބިކަކޮށްލި ކަމަކާއެވެ.
އަހަރެންގެ ޢުމުރުން އެންމެ ބާރަ އަހަރުގައި، ކެންސަރުބަލީގައި މަންމަ މި ފަނާވަނިވި ދުނިޔެ ދޫކޮށް، ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރީ، އަހަރެންގެ މުޅި ހިތް އެކީ ފުނޑުފުނޑު ކޮށްލަމުންނެވެ. މަންމަގެ ލޯތްބާއި އަޅައިލުމަށް އަންހެން ދަރިއަކު އެންމެ ބޮޑަށް ބޭނުންވާނޭ ދުވަސްވަރު، އެ ލޯބިން އަހަރެންގެ ނިކަމެތި ނަފްސު މަޙުރޫމުވެގެން ދިޔައީ، އަހަރެންގެ މުޅި ޙަޔާތަށް ވެސް ޒަލްޒަލާއެއް ގެނުވަމުންނެވެ. އުފާވެރި ދިރިއުޅުން ބަނަވެ، ބަރުބާދު ވެގެން ދިޔައީ އަހަރެންގެ މުޅި ހިތް ވެސް ލެއިން ކަޅިކޮށްލަމުންނެވެ.
މަންމަ ނިޔާވިތާ އަހަރެއްހައި ދުވަސް ފަހުން ބައްޕަ އެހެން ކައިވެންޏެއް ކުރަން އުޅުނު ޚަބަރު އެންމެ ފުރަތަމަ ލިބުނީ ބޮޑުދައިތަގެ ފަރާތުންނެވެ. ފުރަތަމަ ވެސް އެ ޚަބަރާއި މެދުގައި އަހަރެން ނުރުހުން ފައުޅުކުރީމެވެ. ބައްޕަގެ އަތންބެއްގެ މަޤާމަށް، އަދި އަހަރެންގެ މައިމީހާގެ މަޤާމަށް އިތުރު އަންހެނަކު ގެންނަން އަހަރެން ވަގުތުން ދެކޮޅުހެދީމެވެ. އަހަރެމެންގެ ދިރިއުޅުމުގައި މަންމައަށް ދެވިފައިވީ މާތް، މަތިވެރި މަޤާމާއި ދަރަޖަ އެހެން ފަރާތަކަށް ދޭން އަހަރެން ހަމަ ހިލާ އެއްބަހެއް ނުވާނަމޭ އެތައް ފަހަރަކު ބުނީމެވެ.
އެހެނަސް، އަހަރެންގެ ރުއިމާއި އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ބައްޕަ އަހަންނަށް ވިސްނައިދިނީ، ބައްޕަގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމުގައެވެ. މިގޭގައި މަންމަ ނެތް ތަންވަޅު ފޫބައްދައިލުމަށް ޓަކައި ބައްޕަ ގެންނާނީ އެކަމަށް އެކަށީގެންވާ، ހިތްހެޔޮ، މުރާލި، ގެވެހި، އަދި އަހަރެން ދެކެ ވަރަށް ލޯބިވާ ދޮންމަންމައެއް ކަމުގައި ބައްޕަ ބުނި ނަމަވެސް، އެ ދުވަހުވެސް އަހަރެން އެ އަޑެއް ނާހަމެވެ. ނަމަވެސް ބައްޕަ ނިންމައިފި ގޮތެއް ބަދަލު ނުކުރެވޭނެ ކަން އެނގޭތީ، އަހަންނަށް އެންމެ ފަހުން މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. ގެއަށް އަންނަން އުޅޭ ދޮންމަންމައަކީ ރަނގަޅު މީހަކަށް ވޭތޯ އަހަރެން އެތައް ފަހަރަކު މާތްﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވީމެވެ.
ބައްޕައާއި އިނދެގެން ދޮންމަންމަ އެންމެ ފުރަތަމަ މިގެއަށް އައި ދުވަސްކޮޅު، އަހަންނަށް ވަރަށް ހެވެވެ. ދޮންމަންމަ އަހަރެންގެ ހުރިހައި ކަމެއް ވެސް ބަރާބަރަށް ކޮށްދީ، ގޭތެރޭގެ ހުރިހައި މަސައްކަތެއް ވެސް ކޮށް، ބައްޕަގެ ހުރިހައި ކަމެއް ވެސް ކޮށްދެނީ އަބަދުވެސް ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ދޮންމަންމަ އަހަންނާ ދޭތެރޭގައި ކަންތައް ކޮށްދެމުން ދިޔަލެއް ރަނގަޅުކަމުންނާއި، މަންމަ ނިޔާވިފަހުން ބައްޕަގެ މޫނުމަތިން ދުވަހަކު ނުފެންނަ ފަދަ އުޖާލާ ހިނިތުންވުމެއް ފެންނާތީ، އަހަރެންގެ ހިތުގައި ދޮންމަންމައަށް ޓަކައި ދެވަނަ މަންމައެއްގެ ޖާގައެއް ދެވޭކަށް ދުވަސްތަކެއް ނުނެގިއެވެ. ނަމަވެސް، ދޮންމަންމަގެ އެ ރަނގަޅު ކަމުގެ ފަހަތުގައި ފޮރުވިފައިވީ ނުބައި ނުލަފާކަން އޭރު އަހަންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ދޮންމަންމަގެ އެ ހެޔޮލަފާ އާދަތަކާއި، ލޯބިވެތި ޢަމަލުތައް އެއީ ބައްޕަގެ ލޮލުގައި އަޅުވައިލި އަނދުނެއް ކަމާއި، އެހެން މީހުންގެ ލޮލަށް ދައްކައިލި ދަޅައެއް ކަން އޭތު އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނައިނުގަނެވުނީއެވެ.
ބައްޕައާއި ކައިވެނި ކުރިތާ ހައެއްކަ މަސް ފަހުން އަހަންނަށް ދޮންމަންމަގެ ޙަޤީޤީ ކުލަވަރު ފެންނަން ފެށިއެވެ. ކުރީގައި އަބަދުވެސް ހިނިތުންވުމެއް ހުންނަ މޫނުމަތީގައި، ފަހުން އަބަދު ރަސްކަން ކުރާތީ ފެންނަނީ ރުޅިވެރިކަމެވެ. ބައްޕަ އަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހަކަށް ވެފައި، ގިނަ ވަގުތު ކަނޑުމަތީގައި އުޅޭތީ، އެކަމުގެ ފައިދާ ދޮންމަންމަ ވަރަށް ރަނގަޅަށް ނެގިއެވެ. ބައްޕަ ގޭގައި ނޫޅޭ ވަގުތުތަކުގައި ގޭތެރޭގެ ހުރިހައި މަސައްކަތެއް އަހަރެން ލައްވައި ކުރުވައި، ކިރިޔާވެސް ދޮންމަންމަ ހިތްހަމަނުޖެހޭ ފަދަ ޢަމަލެއް ކުރެވިއްޖެ ނަމަ، ނުވަތަ އެއްޗެއް ބުނެވިއްޖެ ނަމަ، އެކަމުގެ އަދަބު އަހަރެންގެ ހަށިގަނޑުގައި ލައްވައިލެވޭ ލަކުނުތަކަކުން ދޭން ފެށިއެވެ. ޢުމުރުން ސާދަ އަހަރުގައި ސްކޫލަށް ފޮނުވުން ވެސް ހުއްޓައިލާފައި، ބައްޕަ ގާތު އަހަރެން ސްކޫލަށް ނުދާން ބޮޑާހާކަނީއޭ ކިޔައިގެން އެތައް ދޮގެއް ހެދިއެވެ. ދޮންމަންމަ ހުރީ ރަނގަޅަށް ވެސް ބައްޕަގެ ބޯ ކައިލާފައިކަން އަހަންނަށް އެނގުނީ އެއްވެސް ފަސްޖެހުމަކާ ނުލައި ދޮންމަންމަގެ ކޮންމެ ވާހަކައެއް ވެސް ބައްޕަ ޤަބޫލު ކުރަމުން ދިޔައީތީއެވެ. އެކަމުގެ ސަބަބުން އަހަންނާއި ބައްޕައާއި ދޭތެރޭގައި އޮތް ގުޅުން ވެސް އިންތިހާއަށް ހީނަރު ވެގެން ދިޔައެވެ.
ޢުމުރުން ސޯޅަ އަހަރު ވެގެން އައި އިރު އަހަރެން ފުރާފުރިހަމަ ވެއްޖެއެވެ. މަންމަގެ ހުރިހައި ރީތި ސިފަތަކެއް މިލްކުވީ އިރު، މަލެއް ފަދައިން ފަރިވެ ފޮޅިފައިވީ އަހަރެންގެ މޫނަށް ނަޒަރު ނުހުއްޓޭ ފިރިހެނެއްގެ ލޮލެއް މަދުވާނެއެވެ. ޤުދުރަތުން އަހަންނަށް ދެއްވާފައިވާ އަލި ހަންގަނޑާއި، ރޫފަ ރަނގަޅު، ހެދިހުރި ހަށިގަނޑަކީ އެތައް ފިރިހެނުންތަކެއްގެ އެދުން ކަމުގައި ވަނީ ވެފައެވެ. ދިހުން ކުލަ އަރާ، ފަން، ދިގު، ވަރުގަދަ އިސްތަށިގަނޑަށް އަދި ވަކިން ގިނަ ބައެއްގެ ކަޅި ދިޔައީ އަމާޒު ވަމުންނެވެ.
މިކަން ދޮންމަންމައަށް ފާހަގަ ވުމާއެކު، އަހަރެންގެ ރީތިކަމުގެ ބޭނުން އޭގެ އެންމެ ނުބައި، ނަހަމަ ގޮތުގައި ހިފަން އެ ހިތަށް އެރީ ކިހިނެއްބާވައޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ. ވިޔަފާރީގެ އުސޫލުން އަހަރެންގެ ޒުވާން ހަށިގަނޑު ހިލޭ ފިރިހެނުންނަށް ވިއްކަން އަހަންނަށް މަޖުބޫރު ކުރުވި އިރު، ހަމަ އެއްވެސް އެއްޗެއް އެ ހަރު ހިތަށް ނާރަނީ ބާވައޭ އަހަރެން ހިތަށް އެރިއެވެ. ދެމަހުން އެއްމަހުން ކަހަލަ ގޮތަކަށް އެންމެ ފަހަރަކު ގެއަށް އާދެވޭ ބައްޕއަށް މިކަމުގެ ހިލަމެއް ވެސް ނުވަނީ، ދޮންމަންމަގެ މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ސަބަބުން ކަން އަހަންނަށް މާ ކުރިން ވެސް އެނގެއެވެ. ވިޔަފާރި މުދަލެއްގެ ގޮތުގައި އަހަރެންގެ ބޭނުން ހިފައިގެން، އޭގެ ފައިދާގައި ދޮންމަންމަ އުފަލުގައި އުދުހެމުން ދިޔަ އިރު، އަހަންނަށް ޖެހުނީ، ކުދިކުދިވެފައިވާ ހިތަކައިގެން އެ މަންޒަރު ބަލަން ހުންނާށެވެ. އަހަރެންގެ އިއްފަތްތެރިކަމާއި އަބުރުވެރިކަން ވެއްޔާއި މޮޑެވިގެން ދިޔަ އިރު، އަހަންނަށް ޖެހުނީ އެއްވެސް ބާރެއް ނެތް އިންސާނެއް ފަދައިން ރޯލަރޯލައި ހުންނާށެވެ.
"އޭ ކަލޭ ހަމަ މިހާރު މިތަނުން ނުކުމޭ! ގޮސް ތި މޫނާ ތަންތަން ރީތިކޮށް ތާހިރު ކޮށްގެން ކޮޓަރިއަށް ދޭ! އިރުކޮޅަކުން އަންނާނެ މިރޭގެ މެހެމާނު!" މާޒީގެ ފުން ކަނޑުގައި ޣަރަގުވެގެން ދިޔުމުގެ ކުރިން އަހަންނަށް ދެލޯ ހުޅުވައިލެވުނީ، ގުދަނުގެ ދޮރު ހުޅުވައިލަމުން ދޮންމަންމަ ބުނެލި ވާހަކައިންނެވެ.
"ކަލޭ ތިހެން އޮތަސް މަށަށް މަގޭ ލާރިކޮޅެއް ނުލިބޭނެ! ހަމަ މިހާރު ތެދުވޭ! ދޭ ހަމަ މިހާރު! މިރޭ ވެސް އެންމެ ތަންފުކެއް ވެސް ކަލޭ ގަދަ ދެއްކި ކަން އެނގިއްޖެއްޔާ ނިމުނީ.. ކަލޭގ ދުވަސް އެއްފަހަރުން ދުއްވައިލާނަން!" ހަރު ފިޔަވަޅުތަކެއްގައި އައިސް އަހަރެންގެ އަތުގައި ހިފައި، ދަމާ ކޫއްތަމުން ގެންގޮސް، ގުދަނުން ނެރެމުން ދޮންމަންމަ ދެއްކި ވާހަކައިން އަހަރެންގެ ޒަޚަމްވެފައިވީ ހިތުގައި އިތުރަށް ވޭން އެޅުން ނޫން ކަމެއް ނުވިއެވެ. ނަމަވެސް ދޮންމަންމައާ ދެކޮޅަށް ބާރެއް ދައްކަން ކީއްކުރަން، ދެކޮޅަށް ބަހެއް ބުނެލާނެހައި ހިތްވަރު ވެސް އަހަރެންގެ ހަށްޓަކު ނެތެވެ.
"މަޑުން މީ އޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ.." ކުއްލިއަކަށް އަހަންނަށް ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދައިލެވުނީ، އަނެއްކާ ވެސް މަންމަގެ އަޑުން އެ ނާނާ ކިޔައިލި އަޑު އިވުމުންނެވެ. ދެކޮޅަށް ދެކޮޅަށް ދަތުރު ކުރަމުން ދިޔަ އަހަރެންގެ ނަޒަރު ކުއްލިއަކަށް ހުއްޓައިލެވުނީ، އަނދިރިކޮށް އޮތް ގޯތިތެރެއިން އައިސް ފެންޑާއަށް ވަން މީހާ ފެނިފައެވެ. އާއެކެވެ. އެއީ ހަމަ އަހަރެންގެ މަންމައެވެ. ޤަބޫލު ކުރަން އަހަންނަށް ކިތަންމެ ދަތިވީ ނަމަވެސް، މީގެ ހައަރު ކުރިން ނިޔާވި އަހަރެންގެ މަންމަ މިހާރު އެހުރީ އަހަރެންގެ ކުރިމަތީގައެވެ. އެ މަންމަގެ ރުޅިވެރި ނަޒަރު އަހަރެންގެ ދޮންމަންމައަށް ހުއްޓިފައި ހުރި އިރު، އަތުގައި ރިހި ކުލައިގެ ވިދަވިދާ އޮތް އެއްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޯޗެއްކަން އެނގުމާއި އެކު، އަހަރެންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
ދެން ވީ ނުވީ އެއް ވެސް އަހަންނަކަށް ނޭނގުނެވެ. އަތުގައި އޮތް ވަޅި މައްޗަށް ނަގަމުން، މަންމަ ދުވެފައި އައި އިރު، އެ ވަޅި އަމާޒު ކޮށްލެވިފައިވަނީ ސީދާ ދޮންމަންމަގެ މެޔަށެވެ. މަންމަ އައިސް ދޮންމަންމައާއި އަރާ ހަމަވުމާއި އެކު އަހަންނަށް ލޯމަތީގައި އަތް އަޅައިލެވުނީ ދެން ވާނޭ ގޮތް ބަލަން ކުޅަދާނަ ނުވުމުންނެވެ. އެއާއެކު އިވިގެން ދިޔަ ދޮންމަންމަގެ ވޭނީ ރުއިމުގެ އަޑާއި އެކުވެގެން އައި މަންމަގެ އަޑު އަހަރެންގެ ކަންފަތަށް ވަރަށް ސާފުކޮށް ފޯރިއެވެ.
"ދުވަސް ވެއްޖެ އެއްނު ކަލޭ މަގޭ ދަރިއަށް އަނިޔާ ކުރާތާ! އެވަރުން ނުވެގެން ވިޔަފާރި މުދާގަނޑަކަށް ވެސް މަގޭ ދަރި ހަދައިފިއޭ! އަހަރެން ކަލޭ މަރައިލާނަން! މަރައިލާނަން!" މަންމަ ހަޅޭލަވަމުން ކީ އެއްޗެހި އަޑުއިވުމާއި އެކު، އަހަންނަށް ރޮއެގަނެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ހިތަށް އެރިއެވެ. އަހަރެންގެ މަންމަ އެނބުރި އައީއެވެ. ދެން އެއްވެސް މީހަކަށް އަހަރެންގެ ގައިގައި އިނގިލި ކުރި ވެސް ޖައްސައިނުލެވޭނެއެވެ.
އިރުކޮޅެއްގެ ފަހުން މަންމަގެ އަޑާއި އެކު، ދޮންމަންމަގެ ރުއިމުގެ އަޑު ވެސް އެކީ ކެނޑިގެން ދިޔުމުން، އަހަރެން ލަސްލަހުން ލޯމަތިން އަތް ނެގީމެވެ. އެއާއެކު، ކުރިމަތީގައި އޮތް ދޮންމަންމަގެ ފުރާނަ ނެތް މަސްގަނޑުގެ އެތަން މިތަނަށް ވަޅިން ދީފައިވާ ޙަމަލާތައް ފެނުމުން، އަހަރެންގެ ހެޔަށް ގޮތް ވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި، އަހަރެން ދެން ބަލައިލީ މަންމައަށެވެ. އެވަގުތު މަންމަ ވެސް އަހަންނާ ދިމާއަށް ބަލައިލުމުން، ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު، އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ، އިތުރަށް ހިތަށް ކެތް ނުވުމުންނެވެ. އަހަރެން ބޭނުންވީ ވަގުތުން ދުވެލާފައި ގޮސް މަންމަގެ އަތުގެ ޙިމާޔަތް ހޯދާށެވެ، އެ އުނގުގައި އޮވެ، ހިތް ފުރެންދެން ރޯލާށެވެ. އެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެ، ހިތުގައިވީ ހުރިހައި ޝަކުވާއެއް އެއްފަހަރާ ބޭރުކޮށްލާށެވެ.
ފަނަރަ ވަރަކަށް ސިކުންތު ވާންދެން އަހަންނަށް ބަލަހައްޓައިގެން ހުރެފައި، މަންމަ ކަރުނައިގެ ތެރެއިން ހިނިތުންވެލީ ދަރިފުޅާ ދެން ނުރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ. އެއަށްފަހު، ދޮންމަންމަގެ ލެއިން ކަޅިވެފައިވީ ވަޅި ހިފައިގެން މަންމަ ފަސްއެނބުރި ހިނގައިގަތުމާއި އެކު، އަހަންނަށް މަންމާއޭ ކިޔައި ރޮއެގަނެވުނީ ދެވަނަ ފަހަރަށް ލޯ ކުރިމަތިން މަންމަ ގެއްލެން ބޭނުން ނުވެފައި ހުރި ވަރުންނެވެ. ނަމަވެސް، ފަސްއެނބުރި ބަލައި ވެސް ނުލައި މަންމަ ހިނގާފައި ގޮސް، އަނދިރިގަނޑުގެ ތެރެއަށް ގެއްލުނީ، އަހަރެންގެ ރުއިމާއި އާދޭސް އަޑު ނީވޭ ފަދައިންނެވެ. ލޯ ކުރިމަތިން މަންމަ ގެއްލުމާއި އެކު، އަހަންނަށް ކުރިއަށް ވުރެ ވެސް ބާރަށް ރޮއެގަނެވުނެވެ. މޭ ކަފައިގެންދިޔަ ފަދަ ދިލަ ދަތެއް އިޙުސާސްވުމާއި އެކު، ދެލޯ މަރައިލަމުން އަހަންނަށް މޭމަތީގައި އަތްއަޅައި، ބާރުކޮށްލެވުނީ، އެ ވޭނަށް ކެތް ނުކުރެވުމުންނެވެ.
"ސުބުޙާނަﷲ.. މިންހާ.." ކުއްލިއަކަށް ދޮރުމަތިން ބައްޕަގެ އަޑު އިވުމާއި އެކު އަހަންނަށް ދެލޯ ހުޅުވައި، ބަލައިލެވުނެވެ. ބައްޕަގެ މޫނުމަތީގައިވީ ކުލަވަރުން އަހަންނަށް ވެސް އިތުރަށް ރޮއެވުނީ، ވެދިޔަ ކަންތައް ބައްޕައަށް ކިޔައިދޭނެ ގޮތެއް ދުލަށް ނައުމުންނެވެ.
"މިންހާ ކީއްވެ..؟ މަންމަ.. މަރައިލީ..؟" ކުރަކިވެގެން ދިޔަ އަޑުން ބައްޕަ ކޮށްލި ސުވާލާއި އެކު އަހަންނަށް ދެލޯ ބޮޑުކޮށްލަމުން އަވަސްއަވަހަށް ދެފަރާތަށް ބޯހުރުވައިލެވުނީ ދޮންމަންމަ މަރައިލީ އަހަންނެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ހަށިގަނޑަށް ބަލައިލެވުމާއެކު، އަހަރެންގެ ނޭވާ އަވަސްވެގެން ދިޔައީ، ލެއިން ފޯވެފައިވާ އަހަރެންގެ ހެދުން ފެނުމުންނެވެ. ދާދި ދެންމެއަކު މޭމަތީގައި އަޅައިލެވިފައިވީ އަތަށް ބަލައިލެވުމާއެކު، އަހަންނަށް ސިހުމެއް ލިބުނީ، ލެއިން ކަޅިވެފައިވީ ވަޅި އަހަރެންގެ އަތުގައި އޮތުމުންނެވެ.
ވިސްނައިލެވުނީ ދެނެވެ. ވަޅި މި އޮތީ އަހަރެންގެ އަތުގައެވެ. އަހަންނަށް މި އިނދެވުނީ ދޮންމަންމައާ ނުހަނު ކައިރީގައެވެ. އަހަރެންގެ މުޅި ހެދުން ފޯވެފައިވަނީ ދޮންމަންމަގެ ލެއިންނެވެ. އެހެންވީމާ... ދޮންމަންމަ މަރައިލީ އަހަރެން ހެއްޔެވެ؟ އެކަމަކު... މަންމަ...
ވިސްނި ވަރަކަށް އަހަރެންގެ ބޯ ދިޔައީ ހާސްވަމުންނެވެ. ސިކުނޑިއަށް ބާރުކުރަމުން ދިޔުމާއި އެކު، އަތުގައި އޮތް ވަޅި ދޫކޮށްލާފައި، ދެއަތުން ބޮލުގައި ހިފަހައްޓައިލީމެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައީ ދެންމެ ކަންތައް ވެގެން ދިޔަ ގޮތެއް، އަދި ފަހުން ކަންތައް ވެގެން ދާނެ ގޮތެއް ވެސް ނުވިސްނުމުންނެވެ. ކަރުން ހަންދާހާ ބާރަށް އަހަންނަށް ހަޅޭލަވައިގަނެވުނީ، ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކަށް މިނިވަން ވާނޭ ފުރުސަތު ދެމުންނެވެ.
މިއަދު ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި އަހަރެން މި އިނީ އަހަރެން ކުރި "ކުށުގެ" އަދަބު ލިބިގަންނާށެވެ. އެހެންނަމަވެސް، އަދިވެސް އަހަރެންގެ ސިކުނޑިއަކަށް އެރޭ ކަންތައް ވީ ގޮތެއް ނުވިސްނެއެވެ. ހަމަ ޔަޤީނުން ވެސް ދޮންމަންމަ މަރައިލީ އަހަރެންގެ މަންމައެވެ. މަންމަ ދަމުން ދިޔައީ ވެސް ވަޅި ހިފައިގެންނެވެ. ދެން އެ ވަޅި އަހަރެންގެ އަތުގައި އޮންނަންވީ ކީއްވެގެން ބާވައެވެ؟ އަހަރެންގެ އަތުން ދޮންމަންމަ މަރައިލެވުނު ކަމަށް ޚުދު އަހަރެންގެ އަމިއްލަ ނަފްސަށް ވެސް ހީވަނީ ކީއްވެގެން ބާވައެވެ؟ ނޫނީ، އެރޭ މަންމަ ފެނުމަކީ އަހަރެންގެ ދެލޮލަށް އޮޅިފައިވީ ޙަޤީގަތެއް ބާވައެވެ؟
ވިސްނަމުން ދިޔަ ވަރަކަށް ހާސްވަމުން ދިޔަ ސިކުނޑި ހަމަހިމޭން ކޮށްލުމަށް ބޭނުންވެފައި ހުރެ، އަހަރެން ދެކަކޫ ގަޔާ ކައިރިކޮށްލުމަށްފަހު، ކުރުގެޅިލީމެވެ. އެއާއެކު، އަނެއްކާވެސް މަންމަގެ އަޑުން އެ ނާނާ ކިޔައިލި އަޑު އިވި، އަހަންނަށް ސިހިފައި ހަށިގަނޑު ސީދާކޮށްލެވުނެވެ.
"މަޑުން މީ އޮވެ ނިދައިލާތޯ، ކިޔޭކިޔޭ ނާނާ.."
- ނިމުނީ -