ދުނިޔެ ހިނގަނީ ތޮށަލިދުޅަޔަށޭ ކިޔާ އަޑު އަހަމެވެ. ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ހިތާމައިގެ ދަނޑިވަޅަކަށްފަހު އުފާވެރިކަމެވެ. އެއަށްފަހު އަނެއްކާވެސް ހިތާމައެވެ. މިއީ ދުނިޔޭގެ އާދައެވެ. މިހަސްތީގެ ސުންނަތެވެ. ޒަމާނުގެ އިރުޝާދެވެ.
ހުޒާމް އަހަރެންގެ ޙަޔާތަށް އައީ ލޯބީގެ މަތިން އިންތިހާއަށް ފޫހިވެ، އުންމީދު ކެނޑިފައި ހުރި ދުވަސްވަރެއްގައެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާ ދިން ކެހީގެ ހިތި އަސަރު އަރުތެރެއިން ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށް ނިންމައިގެން ހުއްޓައެވެ. "ދިން މިހިތެއް އަނބުރާ ނުގެންނާނަން އިނގޭ، ހަދިޔާކޮށްފައި ތިޔަވަނީ" އޭ ބުނެ، ހުޒާމް އަހަރެންނަށް ފޮނުވި ފުރަތަމަ މެސެޖު ވެގެން ދިޔައީ ބޮޑު ފޫއްސަކަށެވެ. ކޮއްޓާފޮށީގެ ޒަމާނުގެ ލަވަތަކުން އަހަރެންގެ ޒަމާނީ ހިތުގެ ނާރުތަކާ ކުޅެން މިއުޅެނީ ކޮން މޫސީގާރެއް ބާއޭ ހިތަށް އެރިއެވެ. އެހެނަސް، އާޚިރުގައި، އަހަރެންގެ ހިތުގެ މައިދާން ފަތަޙަކުރީ ހަމަ އޭނާއެވެ. ހުޒާމް އަހަރެންގެ ލޯބި ހާސިލްކުރީ އޭނާގެ ބުރުސޫރައިގެ އޮމާންކަމަކުންނެއް ނޫނެވެ. އަޚްލާޤުގެ ރިވެތިކަމާއި ސާދާކަމުންނެވެ. ހުޒާމާ ކައިވެނި ކުރި ދުވަހު، ހީކުރި ވަރަށް ވުރެ މިހިތް ޒަމާނީއެއް ނުވިތާއޭ ހިތަށް އެރިއެވެ.
ހުޒާމް އަހަރެންގެ ޙަޔާތާ ގުޅުންވެގެން ދިޔައީ އުފާވެރި ޢަޞްރެއްގެ ފެށުން ކަމުގައެވެ. "މީގެ ފަހުން އެއްވެސް ކަމަކާ ރީމް ހާސްވާކަށް ނުޖެހޭނެ"އޭ ބުނި ބަހަކީ ޙަޤީޤަތެއްކަން އޭނާ ދިޔައީ ހަރުދަނާކަމާއެކީގައި ސާބިތުކޮށްދެމުންނެވެ. ރިޒޯޓުތަކަށް މުދާ ފޯރުކޮށްދޭ ބޯޓެއްގެ ކެޕްޓަންކަމުގެ ވަޒީފާ ދުވާލު އަދާކޮށްފައި، ދެން ލިބޭ ހުރިހާ ވަގުތެއް ހޭދަކުރަނީ އަހަރެންނާ އެކީގައެވެ. ހިންދީ ފިލްމު ބެލުމަކީ އޭނާ އެއް އިރެއްގައިވެސް މާ ކުރާހިތްވި ކަމަކަށް ނުވިޔަސް، އަހަރެންނަށްޓަކައި އެ އުޞޫލު މުގުރައިލިއެވެ. ހުކުރުދުވަހުގެ ރެއަކީ ދެމަފިރިންގެ ޝަރަފުގައި މުޅި ނިދާ ކޮޓަރި ކުޑަވަރެއްގެ "އޮލިމްޕަހަކަށް" ބަދަލުވާ ރެއެވެ. ހުޒާމަށް ހިންދީ ބަސް ނޭނގޭތީ، ތަރުޖަމާނަކީ އަހަރެންނެވެ. އެއް ރޭ، ފިލްމު ބަލަން އެނދުގެ ކޮޅުގައި އިށީނދެފައި، އާދައިގެ މަތިން، ފިލްމުގެ ނަމަކީ ކޮބައިތޯ ހުޒާމް އަހަރެން ގާތު އަހައިލިއެވެ. "ކަބީ ޚުޝީ، ކަބީ ޤަމް" އޭ އަހަރެން ބުނީމެވެ. އަހަރެންގެ ތަޖުރިބާގެ އަލީގައި، އެއާ ވިދިގެން ހުޒާމް ކުރާނީ ކޮން ސުވާލެއްކަން އެނގޭތީ އިތުރުކޮށްލީމެވެ. "އޭގެ މާނަޔަކީ، ބައެއް ފަހަރު އުފާ، އަނެއް ބައި ފަހަރު ހިތާމަ." ނުސިޔާނު ގޮތަކަށް ހުޒާމް ޖަހައިލީ ހިނިގަނޑެކެވެ. "އުފަލާއި ހިތާމަޔަކީ ދެ ދުޝްމަނުންތަ؟ އެކަކު ހުންނަ ތަނެއްގައި އަނެކަކަށް ނުހުރެވޭހެން ހީވަނީ." އަހަރެން އެއްޗެކޭ ނުބުނީ، ހުޒާމްގެ ފަލްސަފީ ޚިޔާލުތައް، އަހަރެންގެ ބޯމަތިން އާންމުކޮށް ދާހެން، ފިޔަގަނޑު ދަމާލާފައި މިފަހަރުވެސް އުދުހިގެން ދިޔައީތީއެވެ.
ހުޒާމްގެ ދަރިއަކަށް ބަލިވެ އިންކަން އެނގުން ވެގެންދިޔައީ، އުފާވެރިކަމުގެ ނަޔާ ދައުރެއްގެ ފެށުން ކަމުގައެވެ. ދަރިފުޅަށް ބަލިވެ އިންކަން އެނގުނު ވަގުތުން ފެށިގެން، ވިއްސާ ކޮޓަރިއަށް އަހަރެން ވެއްދުމާ ހަމަޔަށް، ހުޒާމްގެ ކިބައިން، ނިހާއީ އޯގާތެރިކަން ނޫން ދެވަނަ ސިފައެއް ނުފެނުނެވެ. އަހަރެން ވިހަން އޮތް ތާރީޚާ ކައިރިކޮށް، އަހަރީ ޗުއްޓީ ނަގައިގެން، ހުޒާމް ހުރީ އަހަރެންނަށް ހޭހަންކޮށްދޭން ގޭގައެވެ. އަހަރެންގެ ކޮންމެ އެދުމަކަށް އިޖާބަ ދޭން އޭނާ ހުރީ ތައްޔާރަށެވެ. މިސާލެއް ދީފާނަމެވެ.
އެއްރޭ މެންދަމުން އަނބުރާ 2 ޖަހަނީއެވެ. އަހަރެންނަށް ނިދިން ހޭލެވުނީ ކުއްލިއަކަށެވެ. ބަނޑުހައިހޫނުކަމުގެ ގިނި ދިޔައީ އަނދަމުންނެވެ. ނޫޑުލްސް ކޮޅެއް ކައްކައިލަން އެނދުން ތެދުވެވޭހާ ހިތްވަރެއް ނެތެވެ. ހުޒާމްގެ ގައިގައި ކޮއްޓައިލީ އިތުރު ގޮތެއް ނެތިގެންނެވެ. ހުޒާމް ފުންމައިގެން ތެދުވީ "ލަޝްކަރީން ސަމާލޭ!" ބުނި އަޑަށް ތޯއްޗެވެ. އަހަރެން ގާތަށް ހިނިވެސް އައެވެ. އަހަރެންގެ މޫނަށް ބަލައިފައި އަހަރެންގެ މުހުތާދު އޭނާގެ ހިތަށް އިލްހާމުވި ކަހަލައެވެ. އަހަރެން ކާހިތްވަނީ ކޮން އެއްޗެއްކަން އޮޅުންފިލުވުމަށްފަހު، ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާފައި، ވަގުތުން މީހަކަށް ގުޅައިފިއެވެ. "އޭ ފިރާޝް، ހުޒާމް އިނގޭ. މަގޭ އަންހެނުން ބަލިވެއިން ވާހަކަ ބުނީމެއްނު. އޭނާ ބަނޑުހައިވެގެން ނުނިދިގެން އުޅޭތީ، ވަރަށް އަވަހަށް ތަރުކާރީ ނޫޑުލްސް ކޮޅެއް ހަދާލަ ދީބަލަ. ނިމުނުހާ އަވަހަކަށް ބަލާ ދާނަން!" ހުޒާމް ފޯނު ބޭއްވީ އަމިއްލަޔަށް މީރުކޮށް ކައްކަން އެނގޭ ނަމަ ކިހާ ރަނގަޅު ވީހޭ ބުނާ ބުނުން ތަކުރާރުކުރަމުންނެވެ. ފިރާޝަކީ ކާކުތޯ އަހަރެން ސުވާލުކުރުމުން ބުންޏެވެ. "އެއީ އަހަރެމެން ސަޕުލައިކޮށްދޭ ރިޒޯޓެއްގައި ކައްކާއަކަށް އުޅުނު ވަރަށް ރަނގަޅު ކުއްޖެއް. މިދޭތެރެއިން ރިޒޯޓުގެ މެނޭޖުމަންޓު ބަދަލުވީމާ ޚަރަދު ކުޑަކުރާށޭ ކިޔާފައި އެސޮރު ބޭރުކޮށްލީ. ދެން އެހީވާނެ މީހަކު ނުވެގެން އަހަރެންނާ ގުޅީ. އަހަރެން ބުނިން ވަޒީފާއެއް ލިބެންދެން ވީވަރަކުން އެހީވާނަމޭ. ކޮންމެ މަހަކުވެސް އެއްޗެއް ދިއްކޮށްލެވޭތޯ ބަލަން."
"ދެން އޭނާގެ މައިންބަފައިން ކޮބާ؟" ބޭއިޚްތިޔާރުގައި އަހަރެންނަށް އަހައިލެވުނެވެ. އިސްޖަހާލާފައި ހުޒާމް ބުންޏެވެ. "އެއީ ޔަތީމު ކުއްޖެއް. ބައްޕަވެސް، މަންމަވެސް ދުނިޔެއަކު ނެތް." "ސުބްޙާނަﷲ"، އަހަރެންނަށް ބުނެވުނެވެ. އެއިރު، ހުޒާމް އިނީ ފިރާޝަށް ދިނުމަށްޓަކައި، ވޮލެޓުން ފަސްސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި، ދެ އިނގިލި ދޭތެރެއަށް ލައިގެންނެވެ. "މިރޭ ރީމް ކާން ތިއުޅެނީ މުޅި މާލެއިންވެސް ލިބޭނެ އެންމެ އަގުބޮޑު ނޫޑުލްސް!" ހުޒާމް ސަމާސާކޮށްލިއެވެ. އަހަރެންގެ ހިތުގައި ހުޒާމަށް އޮތް ލޯތްބާއި އިތުބާރާ އެއްވަރަށް، އިޙްތިރާމާއި ޤަދަރުވެސް އުފުލިފައިވާކަން އެހިނދު އިޙްސާސްކުރެވުނެވެ. ހުޒާމްގެ ލޯބިން ފުރިގެންވާ ހިތަކީ ޤުދުރަތުން އަހަރެންނަށް ދެއްވި އެންމެ އަގުބޮޑު ހަދިޔާކަމަށް އިޤްރާރުވެވުނެވެ.
ޖިނާން ދުނިޔެއަށް އުފަންވުމާއެކީ އަހަރެންގެ ޙަޔާތަށް އަނެއްކާވެސް ރަބީޢު މޫސުން އަތުވެއްޖެއެވެ. މާބަނޑު ދުވަސްވަރު އަހަރެންގެ ބަނޑުގައި ރިހުނު ރިހުމާއި، ވިހެއުމުގެ ތެރޭގައި ކެފި ކެފުންތަކުގެ ތޫނާއި ތަދު، އިސާހިތަކު ވިރިގެން ދިޔަ ކަހަލައެވެ. ޖިނާންގެ މޫނު ފެނުމާއެކީ، އެފަދަ ހުރިހާ ޝިކާޔަތެއް މައިވަންތަކަމުގެ މުޤައްދަސް އާރަށް ގިރިގެން ދިޔަ ކަހަލައެވެ. އެވަގުތު، އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި ހުޒާމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔަ މަންޒަރު ފެނި، އަހަރެންގެ ހިތް މަޑު ކަފަކޮޅެއް ފަދައިން ވިއެވެ. އަހަރެންގެ އުރުގައި މިއޮތް ދަރިފުޅަށް ހޯދައި މިދެވުނީ، ހިތުގެ ހާލަތާއި އިހްސާސްތައް ފާޅުގައި ބަޔާންކޮށް، ލޯބިދީ އުޅެން ފަސްނުޖެހޭ، އޯގާތެރި، ހެޔޮލަފާ ބައްޕައެކޭ ހިތަށް އެރިއެވެ. މާތްﷲގެ ރަޙްމަތްފުޅުން، ކަންވީވެސް ހަމަ އެހެންނެވެ.
ޖިނާންގެ ޢުމުރުން 2 އަހަރު ފުރުނުއިރު، އަހަރެމެން ދެމަފިރިންގެ އާއިލާގެ މީހުންނާއި ރައްޓެހިންގެ އަޣްލަބިއްޔަތުން ބުނަމުން ގެންދިޔައީ، ޖިނާން ބޭރުފުށުން ވައްތަރީވެސް އޭނާގެ ބައްޕަޔާ ކަމުގައެވެ. އެކަމާ ހުޒާމް ފަޚުރުވެރިވަނީ އަމަށަކު ނޫނެވެ. އަހަރެން ބައެއް ފަހަރު ބުނަމެވެ. "ބޭރުފުށުން ހުޒާމާ ވައްތަރިއްޔާ، އެތެރެފުށުން ވައްތަރުވާނީ މަށާ!". ރައްދުގައި ހުޒާމް ބުނެއެވެ. "ސާބަސް! އެއިރުން އޭނާ ވާނީ ދެފުށްދެގޮތް ކުއްޖަކަށެއްނު!" އަހަރެންނަށް ޖެހެނީ ހަތިޔާރު ބަހައްޓާށެވެ. ވާނީވެސް އެހެންތާއެވެ. ޖިނާންގެ އެއްވެސް ކަމެއްގައި އަހަރެން ހާސްވާކަށް ނުޖެހެއެވެ. ހުޒާމާ ކައިވެނިކުރިއްސުރެ، ވަޒީފާއަކަށް ނުގޮސް، ގޭގައި އިނަސް، ދިރިއުޅުމުގެ ޚަރަދުތައް ފަސޭހަކަމާއެކީ ހަމަޖެއްސޭނެކަމަށް ހުޒާމްވީ ވަޢުދުގެ މަތީގައި އޭނާ ހުރީ ސާބިތުވެގެންނެވެ. އެހެނަސް، މިޒަމާނުގައި އެއް މަސައްކަތެއް ކޮށްގެން ލިބޭ އެއްޗަކުން، އެންމެ ފުރިހަމަ ތަޢުލީމެއް ދަރިފުޅަށް ހޯދައި ނުދެވިދާނެކަމުގެ ބިރު އޮތުމުން، އިތުރު ކަމެއް ފެށުމަށް އަހަރެން ހުޒާމްގެ ކިބައިން އެދުނީމެވެ. އަހަރެން އެދުނު އެދުމަށް ހުޒާމް ދިނީ ފުރިހަމަ އިޖާބައެކެވެ. މާގިނަ ދުވަހެއް ނުވެ، މާލެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަ ޓުއަރ ކުންފުންޏެއްގެ ބިންގާ އަޅައިފިއެވެ. މިބިންގަލުގެ ފުރަތަމަ އީޓަކީ، އޮފީސް ހިންގަން ކުޑަ ތަނެއް ހޯދުމެވެ. އެއަށްފަހު، އިތުބާރުކުރެވޭ ޙިއްސާދާރުން އެކަމުގައި ޝާމިލްކުރުވުމެވެ. އޭގެ ތެރެއިން އެކަކަށްވީ ފިރާޝެވެ. ފިރާޝްގެ މައިގަނޑު ވަޒީފާއަކީ، މާލޭގެ މަޝްހޫރު ހޮޓަލެއްގައި ވަޒީފާ އަދާކުރުން ކަމަށް ވިޔަސް، އަރިމަތިން ކުރާ މަސައްކަތަކީ "ރީމް ޓްރެވަލްސް"ގެ އިދާރީ ބެލެހެއްޓުންތެރިޔާގެ މަޤާމު ކަމުގައި ކަނޑައެޅުނެވެ. ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. ހުޒާމް އޭނާގެ ކުންފުންޏަށް ނަން ދިނީ އަހަރެންގެ ނަމުންނެވެ.
ކުންފުނި އުފެއްދިތާ 2 އަހަރު ފުރުނުއިރު، ކުންފުންޏަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. ވަރުނުލައި، އެކަށޭނަ މިންވަރަކަށް ދަތުރުތައް ލިބެމުން ދިޔައެވެ. މާލެ އަތޮޅުގެ ރަށްތައް ބަލަން އަންނަ ފަތުރުވެރިންނަށް ދެމުން ގެންދިޔަ "ޑޮލްފިން ކުރޫޒް" އާއި "ނައިޓު ފިޝިންގ" ފަދަ ޚިދުމަތްތަކަށް ތަރުޙީބު ލިބެމުން ދިޔައެވެ. އެހެންކަމުން، ރިޒޯޓު ސަޕުލައި ކުންފުނިން ވަކިވެ، އަމިއްލަ ވިޔަފާރި ހިންގުމަށްޓަކައި ހުރިހާ ވަގުތެއް ހުސްކުރަން ހުޒާމް ނިންމައިފިއެވެ. ކުންފުންޏަށް އިންވެސްޓުކުރާނެ ބަޔަކު ހޯދައިގެން، ކުންފުނި ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުންފުންޏަށް އިތުރު އާރޯކަމެއް އަންނަން އުޅޭކަމުގެ ފިނި ވައިރޯޅި ޖެހެމުން ދަނިކޮށް، ބޯމަތިވީ ކޯވިޑު-19ގެ ކަޅުބޯ ވިލާގަނޑެވެ. ކުރިއަށްއޮތީ ކިހާ ވަރުގަދަ ކޮޅިގަނޑެއްކަން އަންދާޒާކުރަން އަހަރެމެން ތިބީ ނުކުޅެދިފައެވެ.
ކޯވިޑާއެކީ، ފަތުރުވެރިން އައުން ހުއްޓިއްޖެއެވެ. ޗައިނާއިން އަންނަ ފަތުރުވެރިންނަކީ ކުންފުނީގެ މައިބަދަ ކަމަށް ވުމުން، އެބަލިމަޑުކަން ވެގެން ދިޔައީ އަހަރެމެންގެ ވިޔަފާރިއަށް ޒަމާނުގެ އަތުން ޖެހި މަރުގެ އެތިފަހަރަކަށެވެ. ޢުމުރުން 5 އަހަރުގެ ޖިނާންގެ މުސްތަޤްބަލާމެދު އަހަރެން ކުރަމުންދިޔަ ފިކުރަށް އިތުރުވީ ހާސްކަމުގެ ބޮޅުތަކެކެވެ. އެބޮޅުތައް ނިއުޅުވައިދީ، އެގޮށްތައް މޮހައިދޭން ހުޒާމް މަސައްކަތްކުރީ ޙިކްމަތާ އެކީގައެވެ. މުޅި މާލެ ފުރަބަންދަކަށް ވެއްޓިގެން ދިޔަ ދުވަހު، އަހަރެންގެ ގައިގައި ބައްދާލާފައި ބުންޏެވެ. "މިއަދުން ފެށިގެން، އަހަރެން މިހިރީ ރީމްގެ ޚިދުމަތުގައި. ބުނޭ، ކޮންމެ ކަމެއް ކޮށްދޭންވީ؟" ހުޒާމްގެ ފައްސި ވިސްނުމުން އަހަރެންނަށް އެއްވެސް ތަސައްލީއެއް ނުލިބުނެވެ. ޖިނާން ޕްރީސްކޫލް ނުފެށި ލަސްވާތީ ހަމަ ނިންޖެއް ނުލިބެއެވެ. ހިތްފަސޭހަކޮށްލަން ދަރިފުޅު ގޮވައިގެން ޕާކަށް ނުދެވެއެވެ. ދެފަރާތުގެ މައިންބަފައިން ދެކިލަން ދެވޭގޮތެއް ނުވިއެވެ. ބޭރަށް ދިޔުން މަނާވެއްޖެއެވެ. ދިރިއުޅުން އިންތިހާއަށް ދަތިވެއްޖެއެވެ. އަނެއް ކޮޅުން، ކޯވިޑުގެ ވަބާ ގޭގެ ހަތަރު ފާރުން އެތެރެ ވެދާނެތީ، އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. ލޯބިވާ ފިރިޔަކު ހުއްޓަސް، ދުނިޔެ ނާމާންވެއްޖެއެވެ.
ނަމަވެސް، ހުޒާމަށް ކޯވިޑު ވެގެންދިޔައީ މުޅިން ތަފާތު ތަޖުރިބާއަކަށެވެ. އަހަރެންނާއި ޖިނާންގެ ޙައްޤުގައިކަމަށް ބުނެ، އިންޓަރނެޓުން ބަލައިގެން، ކެއްކުމުގެ ހުނަރު އޭނާ ދަސްކޮށްފިއެވެ. އަހަރެމެން ދެމަފިރިންނާއި ޖިނާން ދިރިއުޅެމުންދިޔަ ގޭގެ އާބާތުރަ ފިލުވައި، މަރާމާތުތައް ފުރިހަމަކޮށްފިއެވެ. ޖިނާނަށް އަލިފުބާއާއި ހާށަވިޔަނި ކިޔަވައިދޭ އެދުރެއްގެ "ތާކިހާ" އެޅީވެސް ހުޒާމެވެ. އަހަރެންގެ މަސްއޫލިއްޔަތަކަށްވީ "އޭބީސީ" އާއި "ވަންޓޫތުރީ" ކިޔަވައިދިނުމެވެ. ހުޒާމްގެ ރޭވުންތެރި ސިކުނޑީގެ މޮޅުކަމުން، ވަކި މިވެނި ކަމެއް ނުފުދިގެން އުޅޭކަށް ނުޖެހުނެވެ. އެހެންކަމުން، ކޯވިޑުގެ ވަބާ ވެގެންދިޔައީ މުޅި އާއިލާއާއެކު ބިނާކުރަނިވި، އުފެއްދުންތެރި ވަގުތުތަކެއް ހޭދަކުރަން ލިބުނު ރަނުގެ ފުރުޞަތަކަށެވެ. ޚަރީފުގެ ތެރެއިންވީ ބަހާރު މޫސުމަކަށެވެ.
އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، ކޯވިޑުގެ ކަންތައް ކޮޅެއްގައި ޖެހި، ތޮށަލިދުޅައިގެ އުޞޫލުން، އަޑިގަނޑުން އުސްގަނޑަށް ދިޔުމުގެ ދަތުރު ފެށިއްޖެއެވެ. މަޑުމަޑުން "ރީމް ޓްރެވަލްސް" ހިންދެމިލައިފިއެވެ. ކޯވިޑުގެ ތެރޭގައި ކުންފުނިން ބައެއް މުވައްޒަފުން ދޫކޮށްލަން އިންވެސްޓަރުން މަޖުބޫރުކުރުމުން، އެކަމުގެ ބުރަ އުފުލަންޖެހުނީ ހުޒާމަށެވެ. ފަތުރުވެރިން ގޮވައިގެން ރަށްރަށަށްދާނެ މާ ގިނަ މީހުންނެއް ނެތެވެ. އެއިރު، ފަތުއަޑުކިޔާފައި އަވަށްޓެރި ޤައުމުތަކުން ފަތުރުވެރިން އަންނަނީއެވެ. ކުންފުނި ހިންގުމުގެ އިތުރުން، ހުޒާމަށް ޖެހުނީ ޓުއަރ ގައިޑުކަން ކުރާށެވެ. ބޭރު މީހުންނާ މުޢާމަލާތްކުރުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމަކަށް ވާތީ، އަހަރެން އެއްޗެއް ނުބުނަމެވެ.
ދުވަހަކީ ހޮނިހިރެވެ. އުޑުމަތި ސާފެވެ. ޖިނާނަށް 7 އަހަރު ފުރުން ފާހަގަކުރަން، އޭގެ ކުރީ ދުވަހު ބޭއްވި ޕާޓީގައި ފެޅި ކޭކުން ބާކީވި ބައި ނަގަން އަހަރެން ފުރިޖު ހުޅުވާލީމެވެ. އެއިރު ހެނދުނު 8 ޖަހަނީއެވެ. ކޭކުން ފޮއްޗެއް ވަކިކޮށްލުމަށްފަހު، އަހަރެން ކާމޭޒު ކައިރީގައި އިށީނދެލީ މެންދުރަށް ކައްކާނެ އެއްޗަކާ މެދު ގޮތެއް ނިންމާށެވެ. ކައްކާ އެއްޗަކުން ބައެއް މަންމަމެންނަށް ފޮނުވާނެ ވާހަކަ ޕާޓީ ތެރޭގައި ބުނެވުނު ހަނދާންވެގެން، އެޚިޔާލުގައި އިނދެވުނީ ކޭކުފޮއްޗަށް އޫ ހަރައިގެންނެވެ. އެހެން އިންދާ، މީހަކު އައިސް، އަހަރެންގެ އަތް ނަގާ، އޭނާގެ އަނގަޔާ ކައިރިކޮށް، އުލުގެ ދަތްތަކުގައި ގަންފައި އޮތް އެތިކޮޅު ކާލައި ދިރުވާލައިފިއެވެ.
"ހުޒާމް، ހޭލީތަ؟ ބަލަ މިއަދު މިއީ ލަހުން ދާ ދުވަހެއްނު؟" އަހަރެންނަށް އަހައިލެވުނެވެ.
"އާން. މިއުޅެނީ ރަޝިޔާ ބަޔަކު އައިސްގެން 'އައިލެންޑް ހޮޕިންގ' އަށް ދާން ޖެހިގެން. އެއްދުވަހުން ތިން ރަށް ދައްކައިލެވޭތޯ މިއުޅެނީ،" ކޭކުފޮތީގެ ބާކީ ބަޔަށް އުލުން ޙަމަލާދެމުން އިނދެ ހުޒާމް ބުންޏެވެ.
"ދެން އެހެން މީހަކު ނެތީތަ؟ ޖިނާން ހޭލާފައި އަހާނެ ބައްޕަ ކޮބައިހޭ؟ މިއީ އޭނާޔާ އެއްކޮށް ހަދިޔާ ކަނޑާ ދުވަހެއްނު"، ޝަކުވާގެ ރާގަކަށް އަހަރެން ބުނެލީމެވެ.
"ތެދެކޭ ދޯ. އަޞްލު، އިންވެސްޓަރެއްގެ ވަރަށް ގާތް މީހަކު މެދުވެރިކޮށް ކުއްލިއަކަށް އައި ކަމެއް މިއީ. މިކަން ކޮށްދޭންޖެހޭ ކޮންމެހެންވެސް. ދެން އަހަރެން ދަނިއްޔޭ. ޖިނާން ހޭލީމާ ބުނާތި ބައްޕަ ދިޔައީ ހަދިޔާ ބަލައޭ"، ނުކުންނަމުން ހުޒާމް ބުނެލިއެވެ. އަހަރެން ހޫނސެއްކޭ ލައްވައިލީމެވެ.
ޖިނާން އޮތީ ގަދަ ނިދީގައެވެ. އޭނާ ހޭލައިފިއްޔާ، އަހަރެންގެ ކެއްކުމަށް ބުރޫ އަރާފާނެތީ، ނިދަން ބާއްވާފައި، އަހަރެން ވަނީ ބަދިގެއަށެވެ. ކައްކަން ބޭނުންވާ އެއްޗެހި އެއްތަންކޮށްފައި، އަހަރެން ދިޔައީ ގައިދޮވެލާށެވެ. ފެން އިސްކުރު ދޫކޮށްލައިގެން، މާގަނޑު ދަށުގައި ހުރެވުނީ ޝާއިރާނާ ޚިޔާލެއްގައެވެ. މިފެނަކީ ހާދަހާ ވާ އާދަޔާޚިލާފު އެއްޗެކޭ ހިތަށް އެރިއެވެ. ހަމުގައި ޖެހުމާ އެކީ، ރިހުމާއި ވަރުބަލިކަން ފިލައިގެން ދެއެވެ. ޖިސްމަށް އަރާމުކަމާއި ތާޒާކަން ލިއްބައިދެއެވެ. މިލަޔާއި ޖަރާސީމާއެކު އުދާސްތަކާއި ފިކުރުތައްވެސް ދޮވެލައެވެ. މާގަނޑު ދަށުގައި ހުރެ އަހަރެން އާރާސްތުކޮށް، އާބާދުކުރަމުންދިޔަ ޚިޔާލީ ދުނިޔޭގެ މަސްތުގައި ގަޑިއިރެއް ހާއިރު ހުއްޓައި، ފޯނު ރިންގުވާ އަޑު އިވޭހެން ހީވިއެވެ. މިގަޑީގައި އެގުޅަނީ މަންމައޭ ހިތަށް އެރިއެވެ. ފަހުން ގުޅާނީއޭ ހިތަށް އަރާ، މާބޮޑު ސަމާލުކަމެއް ނުދީ، "ފެނާރު" ދަށުގައި ހުރެވުނެވެ. އަނެއްކާވެސް، ފޯނު ރިންގުވާ އަޑު އިވުނެވެ. މާގިނައިން ފޯނު ރިންގު ވަންޏާ ޖިނާން ހޭލާނެތީ، އަހަރެން ތުވާލި އަނދެލައިގެން، ބޯވެސް ނުހިއްކާ، ފާޚާނާއިން ނުކުތީމެވެ. އެއް ނަމްބަރަކުން 2 "މިސްޑް ކޯލް" އައިސްފައިވާ ކަމަށް ފޯނު ހެކިދިނެވެ. ގުޅި ފަރާތަކީ ފިރާޝެވެ. ފިރާޝަކީ މަސައްކަތުގައި ހުޒާމްގެ ކަނާތު އަތް ކަމަށް ވާތީ، އެގުޅީ ހުޒާމް ބުނެގެން ކަމަށް ހީކޮށް ގުޅައިފީމެވެ. އޭނާ ވަގުތުން ފޯނު ނެގިއެވެ.
"ފިރާޝް، ކިހިނެތްވީ؟ ދައްތަ ހުރީ ފޯނާ ދުރުގައި"، އަހަރެން ބުނީމެވެ.
"ރީމްދައްތަ.. ރީމްދައްތަ... މިއުޅެނީ.." ފިރާޝަކަށް ކުރިއަކަށް ނުދެވުނެވެ. އޭނާގެ އަޑު ތުރުތުރުލަނީއެވެ.
"ކީކޭ ފިރާޝް؟ ބުނެބަލަ.." އަހަރެން ހާސްވާން ފަށައިފިއެވެ.
"ރީމްދައްތަ.. ހުޒާމްބެ.. ހުޒާމްބެ ހަމަ ދެންމެ ގެނބިގެން ނިޔާވެއްޖެ.." ފިރާޝަށް ޖުމްލަ ފުރިހަމަކުރެވުނީ ކިރިޔާއެވެ. ފޯނު ކެނޑިއްޖެއެވެ.
އަހަރެންނަށް ހުރެވުނު ތަނެއް ނޭނގުނެވެ. ފޯނު އަތުން ދޫވެ، އެނދުމައްޗަށް ވެއްޓިއްޖެއެވެ. އަހަރެން ހުރީ ރޯންވެސް ނޭނގިފައެވެ. ހަޅޭއްލަވައިގަންނަން ނުކުޅެދިފައެވެ. މާގަނޑު ދަށުގައި އޭގެ އިރުކޮޅެއްކުރިން ބިނާކުރަމުންދިޔަ ޚިޔާލީ ދުނިޔޭގައި އަބަދަށް ހުރެވުނު ނަމައޭ ހިތަށް އެރިއެވެ. އެވަގުތު، އަހަރެންގެ ނަޒަރު ދިޔައީ ޖިނާނާ ދިމާއަށެވެ. އެކުއްޖާފުޅު ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމުވީއެވެ. އަހަރެންގެ ހާލަކީތޯއެވެ؟ އަހަރެން ހުވަފަތްވީއެވެ. އެކަނިވެރި މަޔަކަށްވީއެވެ. ފިރިއެއްގެ ލޯބިން މަޙްރޫމުވީއެވެ. މިއީ ހުވަފެނެއް ނަމަ ކިހާ ރަނގަޅުވީހެވެ. ވިނަވާލެވިފައި ހުރި އަހަރެންގެ ބޮލުގެ އިސްތަށިތަކުން ވެއްޓުނު ފެންތިއްކެއް، ލޮލުން ނީރާލި ކަރުނަ ތިއްކަކާ އެއްވެ، ކޯތާފަތުން ތިރިއަށް ދަތުރުކުރަމުންދާކަމުގެ ނާޒުކު އިޙްސާސްކުރެވުނެވެ. އަހަރެންނާއި ހުޒާމްގެ ޙަޔާތުގެ ނާ، ޓައިޓެނިކު ފަދައިން، ގަނޑުފެންގަނޑެއްގައި ޖެހި، އަނިދިރީގެ ތެރޭގައި، އެއްވެސް އައްސޭރިއެއް، ހިކިފަސްތަނެއް ފެންނަން ނެތް ބަހުރަކަށް މިއޮތް ޣަރަޤުވެ، އަޑިއަށްދަނީއެވެ. އޭގެ އިރުކޮޅެއް ކުރިން، އަހަރެންގެ ޚާދިމަކަށްވީ ފެން، ފަޅިސިކުންތެއްގެ ތެރޭގައި، ހަތުރަކަށް ބަދަލުވީއެވެ.
އެވަގުތު، ހުއްޓުމެއްނެތި ރިންގުވަމުންދިޔަ ފޯނުގެ ނަޣަރާތަކުން އަހަރެންނަށް މަޖުބޫރުކުރީ ކުރިއަށް ފިޔަވަޅު އަޅާށެވެ. އަހަރެންގެ ކިބައިގައި ނެތް ޤާބިލުކަމަކާއި ހިތްވަރެއް ނެރެގެން، އެއްޗެހި ބަދަލުކޮށްގެން، ޖިނާން އުރާލައިގެން، އަހަރެން ނައްޓާލީ ސަހަރާއަށެވެ. ހުރިހާ ކޯލަކަށް ޖަވާބު ދިނީ ޓެކްސީގައި އިނދެގެންނެވެ. ޓެކްސީ ޑުރައިވަރަށް ވާނުވާ ފަހުމްވުމުން، އަލަތު ތަޢުޒިޔާ ރައްދުކުރިއެވެ.
އަހަރެންގެ އުނގުތެރޭގައި ނިދާފައި އޮތް ޖިނާނަށް ނިދިން ހޭލެވުނީ އޭނާގެ ބައްޕަގެ ފުރާނަނެތް ޖިސްމު ކުރިމަތީގައި އޮއްވައެވެ. އެއިރު، އަހަރެންގެ ވަށައިގެން ތިބީ ދެފަރާތުގެ އާއިލާގެ މެންބަރުންނެވެ. އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައީ އަހަރެންގެ މަންމައެވެ. އަހަރެންގެ ކޮނޑުމަތީގައި އަތް އަޅާލައިގެން ހުރީ ހުޒާމްގެ ދައްތައެވެ. ހުޒާމްގެ ބައްޕައާއި އަހަރެންގެ ބައްޕަ އުޅުނީ ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގައެވެ. ހުޒާމްގެ އާއިލާގެ ދެން ތިބި މީހުން ހުޒާމްގެ މަންމަޔަށް އެހީވަނީއެވެ. އަހަރެންގެ އެކުވެރިން މަސައްކަތްކުރަމުން ދިޔައީ އަހަރެންނަށް ހިތްވަރު ދެވޭތޯއެވެ. ނަމަވެސް، އެހާލަތުގައި، މީހަކު ބުނާ ހެޔޮ ބަހެއްވެސް ވެގެންދާނީ އަމިއްލަ ހާލު ވިސްނި، ރުއިމަށް އެޅޭ ބާރަކަށެވެ. ޖިނާން ހޭލުމާއެކީ، އެންމެ ފުރަތަމަ ކުރި ސުވާލުން އަހަރެންގެ ކެތްތެރިކަން ވަކަރަށް ޖަހައިލި ކަހަލައެވެ.
"މަންމާ، ބައްޕަ ކޮބާ؟"
ޖަވާބު އޮތީ އަހަރެމެން ދެމައިން ކުރިމަތީގައެވެ. ހުދު ކަފުނާއި ކަފައިގައެވެ. އެހެނަސް، ކުރިމަތީގައި އެއޮތީ ބައްޕައޭ ބުނާނެ ހިތްވަރެއް އަހަރެންގެ ކިބައިގައެއް ނެތެވެ. "ބައްޕަ އެއޮތިއްޔޭ!" ބުނެ، މީހަކު އެދިމާއަށް އިނގިލި ދިއްކޮށްފާނެތީ، އެކަން ނުކުރުމަށް އިޝާރާތުން އަހަރެން އެންމެންގެ ކިބައިން އެދުނީމެވެ. ހުޒާމްގެ މޫނު އެޅި ވަގުތުން ފެށިގެން، އަޞްރުނަމާދަށްފަހު އޭނާ ވަޅުލުމާ ހަމަޔަށް، ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. މުޅި ދުވަސް ނިންމާލީ، ބައްޕަ ކޮބައިހޭ ތަކުރާރުކޮށް އަހަމުންދިޔަ އަހަރެންގެ 7 އަހަރުގެ ދަރިފުޅުގެ އަތުގައި ހިފައިގެން، ސަހަރާއިން ގެއަށް ކުރި ދަތުރުންނެވެ.
ޙަޔާތުގެ ކުރިއަށް އޮތް ދުވަސްތައް ހޭދަކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. ދޭތެރެ ދޭތެރެއިން، އަހަރެންގެ ހިތުގެ ދިޔަރެހުގައި ހިތާމައިގެ އެކިވަރުގެ ރާޅުތައް ބީއްސަމުން ދިޔައެވެ. ޔަމަނުގެ މަޢުޞޫމާ ފަދައިން، އަހަރެން އިނީ، ކޯރެއްގެ ސާހިލެއްގައި، ޞަދުމާގެ ހާލަތުގައެވެ. އެހާލަތުން ވީއްލި، ހަމަޔަކަށް އެޅެން ފެށީ 7 މަސްދުވަސްފަހުންނެވެ. އެމުއްދަތުގެ ތެރޭގައި، އަހަރެންނާއި ޖިނާންގެ ހުރިހާ ކަމެއް ބަލަހައްޓައިދިނީ ދެފަރާތުގެ އާއިލާގެ މީހުންނާއި އެކުވެރިންނެވެ.
ބަރަކާތްތެރި ރަމަޟާންމަސް ކައިރިވެއްޖެއެވެ. ޖިނާން ސްކޫލުން ގެނެސް ގެއަށް ލާފައި، އަހަރެން އަވަސްވެގަތީ ކާނެ އެއްޗެއް ތައްޔާރުކުރާށެވެ. އެވަގުތު ފޯނަށް އައީ މެސެޖެކެވެ. "ރީމް، މި ވީޑިޔޯ ބަލައިލައްޗޭ. ވަރަށް މޮޅު!" އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރިމްޝާގެ މެސެޖުން މަގުދެއްކީ އެމެރިކާގެ މަޝްހޫރު ނަފްސާނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ޔާސްމީން މުޖާހިދުގެ ލެކުޗަރަކަށެވެ. އަހަރެންނަކީ ކީރިތި ޤުރްއާންގެ ތަފްސީރާ އަހުލުވެރި މީހަކަށް ނުވާތީ، އެވީޑިޔޯ ބަލަންފެށީ މާ ގަޔާވެ ހުރެގެންނެއް ނޫނެވެ. އެހެން ނަމަވެސް، ޔާސްމީންގެ ހުށަހެޅުއްވުން މޮޅުކަމުން ބަލަން ހުރެވުނެވެ. އިނގިރޭސިބަހުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ:
"ގިނަ މީހުން ހީކުރާ ގޮތުގައި، އުނދަގުލާއި ފަސޭހަޔަކީ ދެ ވަގުތެއްގައި ހިނގާ ދެ ކަމެއް. ނަމަވެސް، ކީރިތި ޤުރްއާންގެ އައްޝަރްޙު ސޫރަތުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވަނީ،
"ފައިންނަ މަޢަލް ޢުސްރި ޔުސްރާ. އިންނަ މަޢަލް ޢުސްރި ޔުސްރާ."
މާނަޔަކީ، "ފަހެ، ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." ޢަރަބިބަހުގައި "މަޢަ" މިއަކުރުގެ މާނަޔަކީ "އެކުގައިވުން". އެހެންކަމުން، އުނދަގުލާއި ފަސޭހަޔަކީ އެއްވަގުތެއްގައި ހިނގާ ދެކަމެއްކަން މި ގުޅުވާ އަކުރުން އެކަނިވެސް ދަލީލުކޮށްދޭ. އަދި ހަމަ އެހެންމެ، ޢަރަބިބަހުގެ ހަމަތަކުގެ އަލީގައި، މިއާޔަތުގެ ކަލިމަތަކުގެ އެތުރުމުން ނެގޭ އަނެއް މާނަޔަކީ، ކޮންމެ އެއް އުނދަގުލަކާއެކު، އެއް ވަގުތެއްގައި، އެތައް ހާސް ފަސޭހައެއް ކޮންމެ މުޢުމިނަކަށްވެސް އެކަލާނގެ ދެއްވާކަން. ވިސްނާ ފިކުރުކުރާ އަޅުންނަށް މިއީ ޢިބްރަތުން ފުރިގެންވާ ދަރުސެއް."
ޔާސްމީން ދެއްވި ފިލާވަޅުން އަހަރެންގެ ރޫޙަށް ދިރުމެއް ލިބިގެންދިޔައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔާސްމީން އެހާމަ ކުރެއްވީ އަހަރެންގެ ދިރިއުޅުމުގެ އަޞްލީ ބަޔާނެވެ. އަމިއްލަ ނަފްސަށް ދުރުމީ އަޅައިލަން އެދެއްވީ މުނާސަބު ދަޢުވަތެކެވެ. ތެދެއްމެއެވެ. އަހަރެންގެ ފިރިމީހާ ނިޔާވީއެވެ. ދަރިފުޅު ޔަތީމުވީއެވެ. ނަމަވެސް، މިހިތާމައިގައި އެކަލާނގެ ލައްވާފައިވާ ފަސޭހަތަކާއި އުފާތައް ގުނާ އަދަދު ނުކުރެވޭނެއެވެ. ހުޒާމް ނިޔާވީ ފަތުރުވެރިން ގޮވައިގެން މާފުށްޓަށް ދިޔަ ދަތުރުގައި، ކަނޑުމަތީ ހިނގި އެކްސިޑެންޓެއްގައި، ލޯންޗު ބަންޑުންޖަހާލައި، ގެނބިގެންނެވެ. އަހަރެންގެ ފިރިމީހާ ނިޔާވީ، ޙަލާލު ރިޒުގު ހޯދަން ނުކުމެ އުޅެނިކޮށް، ކުށެއްނެތް ޝަހީދެއްގެ ގޮތުގައެވެ. ޖިނާނަކީ ޝަހީދެއްގެ ދަރިއެކެވެ. ޝަހީދުންނަކީ ސުވަރުގޭގައި ކޮންފަދަ މަތިވެރި ޝަރަފަކާއި ދަރަޖައެއް ދެއްވާފައިވާ ބައެއް ނޫންތޯއެވެ؟ އަހަރެންނާއި ޖިނާނުގެ ހަފަރާތުން ރަޙްމަތާއި، ބަރަކާތާއި، ޙިމާޔަތުގެ ތަނަވަސް ފަރުދާއެއް ޤުދުރަތުން ފަތުރުއްވާފައިވާކަން އެހިނދު އިހްސާސްކުރެވި، ހިތްހަމަޖެހުމާއި މަސަލަސްކަމުގެ ވިންދު ލޭނާރުތަކުގައި ޖަހަން ފެށިއެވެ. އެއަށްފަހު، އެފަރާތުން އަހަރެންނަށް ދެއްވި ނިޢުމަތްތަކާއި ފަސޭހަތަކުގެ ޚިޔާލުތައް ހިތުތެރޭގައި އުދަވާން ފެށިއެވެ.
ހުޒާމްގެ ޙަޔާތަކީ ޔާސްމީން ވިދާޅުވި ބަހުގެ ޚުލާޞާއެއްކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. ހުޒާމް ބުނިހެން، ދުނިޔޭގެ މިވަގުތީ ފާލަމުގައި، އުފަލާއި ހިތާމަޔަކީ ދުޝްމަނުންނެއް ނޫނެވެ. ކޮންމެ ހާލަތެއްގައިވެސް "ޚުޝީ" އާއި "ޤަމް" އެކުލެވިގެންވެއެވެ. ބަނަ އުޑުމަތިން ފެންނަ އެންމެ ކަޅުބޯވިލާގަނޑުގައިވެސް ރިހި ފަށެއް ހުރެއެވެ. ހިތާމައެއް ކުރިމަތިވުމުން، ހުރިހާ ވަގުތަކާއި ރުއިމެއް، އެކަމަށް ހުސްކޮށްލުމުގެ ބަދަލުގައި، އެހިތާމައިގެ ނިވަލުގައި ޤުދުރަތުން ފޮރުއްވާފައިވާ މަތިވެރި ނިޢުމަތްތަކާއި ޠުހުފާތައް ދެނެގަނެ، އެކަމަށްޓަކައި ޝުކުރުވެރިވުން މާ ބުއްދިވެރިއެވެ. ކޯވިޑުގެ ހާލަތުގައި، އަހަރެން ޝަކުވާގެ "ގިލަން"ފަތި އަމުނަމުން ދިޔައިރު، ހުޒާމް ދިޔައީ ހިނިތުންވަމުން، އަހަރެމެންގެ ކުޑަ އާއިލާ، ބިނާކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ބާއްޖަވެރި ޙަޔާތަކަށް ފެންފަހިކުރަމުންނެވެ. އެހެނީ، ކޮންމެ ޠޫފާނެއްވެސް ކޮންމެވެސް އިރަކުން ނިމޭނެއެވެ. އަބަދަކު ވާރެއެއް ނުވެހޭނެއެވެ. އަނދިރި ފަރާތް ނުދެކި، އަލި ފަރާތުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ.
އަހަރެންގެ ޙަޔާތަށް ހުޒާމް އައީ، އަހަރެންގެ ކުރީގެ ލޯބިވެރިޔާ ބޭވަފާތެރިވުމުގެ ސަބަބުން، ފިރިހެނުންނާ މެދު އޮތް އިތުބާރު ގެއްލިފައި ވަނިކޮށެވެ. އެއިތުބާރު އިޔާދަކޮށްދިނީ ހުޒާމެވެ. އެއްވެސް ކަމަކާ އަހަރެން ދެރަވެ، ހާސްވާކަށް ނުޖެހޭނެޔޭ ބުނެ، ހުޒާމްވީ ވަޢުދަށް އޭނާ ޙުރުމަތްތެރިކޮށް ހިތީ، އެހެން ފިރިހެނުންނަށް މިސާލު ދައްކަމުންނެވެ. އަހަރެންގެ ކުދި އަދި ބޮޑެތި އުފާތަކުގައި ބައިވެރިވީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މިއީ މަދު މީހަކަށް ނޫނީ ލިބޭނެ ނަސީބެއް ނޫނެވެ. ބަހަނާގެ މިޒަމާނުގައި ޢަމަލަކީ ރަން ގަހަނާއެކެވެ. ދުވަހެއްގެ ކޮޅުންވެސް، އަހަރެންގެ ޙަޔާތާ ގުޅެން މީހަކު އަތުވެއްޖެނަމަ، އޭނާގެ ކިބައިން ލިބުން އަހަރެން އުންމީދުކުރާ ދިރިއުޅުމުގެ ނަމޫނާއަކީ ހުޒާމް ޤާއިމްކޮށްދިން އަބަދީ ނަމޫނާއެވެ. ދިރުންހުރި، ޚާލިޞް ލޯބީގެ ފަރުމާއެވެ.
އެދުވަހު، ޖިނާނަށް ހަދިޔާ ހޯދައިދޭން ދިޔަ ބައްޕަ، އެވަނީ ދަރިފުޅުގެ ޙައްޤުގައި އެތައް ހަދިޔާއެއް ދޫކޮށްފައެވެ. އޭނާ އެދިޔައީ "ރީމް ޓްރެވަލްސް"ގެ ނަމުގައި މިއާއިލާއަށް އާމްދަނީ ހޯދޭނެ މަގެއް ކޮށައިދީފައެވެ. އެއިރުވެސް އަދި މިހާރުވެސް، އަހަރެންގެ މައިންބަފައިންނާ އެއްވަރަށް، ހުޒާމްގެ މައިންބަފައިން އަހަރެމެން ދެމައިންގެ ހާލު ބަލައެވެ. އަހަރެންގެ އެކުވެރިންނެކޭ ހުޒާމްގެ އެކުވެރިންނެކޭ އެއްވެސް ފަރަޤެއް ނެތެވެ. ގޮވައިލި ކޮންމެ ގޮވައިލުމަކަށް އިޖާބަދެނީ އެއްވެސް ޝަރުތެއް ނެތިއެވެ. ޙަޤީޤީ މިތުރުންނަކީ ކޮބައިކަން ކަޝްފުވެއްޖެއެވެ. ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީވުމަށް ފިރާޝާއި އޭނާގެ ޓީމުން އެތިބީ ސަފަކަށް އެތުރި ތަރުތީބުވެގެންނެވެ. އަހަރެންނާއި ޖިނާންގެ ޞިއްޙީ ހާލު ރަނގަޅެވެ. މައިންބަފައިން ތިބީ ހެޔޮހާލުގައެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ މާތްﷲގެ ރަޙްމަތްފުޅާއި ފަޟުލުވަންތަކަމުގެ ލިސާންތަކެވެ. ޝަކުވާގެ ބަދަލުގައި ޝުކުރު އިސްކުރަން ލާޒިމްކުރާ ހެކިތަކެވެ. ރޫޙާނީގޮތުން، އަހަރެންގެ ނަފްސަށް ލިބިގެން މިދަނީ ކޮންފަދަ ބޮޑު ތަމްރީނަކާއި ތަރުބިއްޔަތެއްކަން ހިތަށް އަރާފައި، ކޮންމެ ނަމާދަކަށްފަހު، ޝުކުރުގެ ސަޖިދަޔަށް ތިރިވަމެވެ.
މިއަދު، އަހަރެން ބަރޯސާވަނީ އަހަރެން ހެއްދެވި އިލާހުގެ ވަޢުދުފުޅުގެ މައްޗަށެވެ. އެންމެ ފަހަރަކު ނޫނެވެ. ދެފަހަރެވެ. "ފަހެ ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." ކުރިއަށް ކޮންމެ ފިޔަވަޅެއް މިއަޅަނީ، ގުޅުވާ އަކުރަކުން ލިބުނު ޔަޤީންކަމުގެ ބާރުގައެވެ.
- ނިމުނީ -