ޚަބަރު

ލިލް ބަލިކޮށް ޑޯޓްމުންޑް ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން ހޯދައިފިއެވެ.

ޑޯޓްމަންޑް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ ލިލް އާއި ދެކޮޅަށް ދެވަނަ ބުރުގެ ދެވަނަ ލެގުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 3-2 ގެ އެގްރިގެޓް ނަތީޖާއަކުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ލިލްގެ ޑިކެތްލޮން އެރީނާގައި ސާޅީސް އަށްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ލިލްގެ ޖޮނަތަން ޑޭވިޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި ލަނޑަށްފަހު މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްއިން ރަގަޅު ކުޅުމެއް ދައްކާ އެ ޓީމުން ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ޓީމަށް ވަނީ ލިލްގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރުވެސް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިލް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގުއިރެސީއަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެމްރޭ ކޭން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޑޯޓްމަންޑް އިން މި މެޗުން މޮޅުވި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައިވަނީ މެކްސިމިލިއަން ބެއިއާ އެވެ. މި ލަނޑުވެސް ޖެހުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވަނީ ގުއިރެސީ އެވެ.

މި ސީޒަނުގައި އަލަށް ޑޯޓްމަންޑާއި އަލަށް ގުޅުނު ގުއިރެސީ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 10 ލަނޑު ޖަހާ ހަތަރު ލަނޑު ޖަހަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ މި މުބާރާތުގައި އެފްރިކާގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގައި ހިމެނުނު ފަހަރެވެ. ގުއިރެސީ އާއި އެއްވަރަށް އެއް ސީޒަނެއްގައި މީގެ ކުރިން ލަނޑު ޖެހުމުގައި ބައިވެރިވެފައިވަނީ 18-2017 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލްގެ މުހައްމަދު ސަލާ އެވެ.

މި މެޗުން މޮޅުވުމާއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޑޯޓްމަންޑް ނިކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ އެޕްރިލް މަހު އެވެ.