އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.6 އިތުރު އަދަދެކެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 506،053 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 478،416 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %4.6 އިތުރުވުމެކެވެ.
• ޗައިނާ: 63،805 ފަތުރުވެރިން
• އިނގިރޭސިވިލާތް: 51،466 ފަތުރުވެރިން
• ރަޝިއާ: 51،439 ފަތުރުވެރިން
• އިޓަލީވިލާތް: 47،792 ފަތުރުވެރިން
• ޖަރުމަނުވިލާތް: 34،116 ފަތުރުވެރިން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %69.1 މީހުންނެވެ. ގެސްޓްހައުސްތަކުގައި %25.6 މީހުން، ހޮޓެލްތަކުގައި %2.8 އަދި ސަފާރީތަކުގައި %2.5 މީހުން ޗުއްޓީހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ 2 މަސްދުވަހުވެސް ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.