ޚަބަރު

ގްރީންލެންޑުގެ އިންތިޚާބުގެ ކުރީގައި މިނިވަން ކަމަށް ތާޢީދު ކުރާ ޕާޓީތައް


ގްރީންލެންޑުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ޑިމޮކްރެޓިކް ޕާޓީން އެ ސަރަޙައްދުގެ ޢާންމު އިންތިޚާބުގައި ކުރިއެރުން ހޯދައިފިއެވެ. އާކްޓިކާއި އެޓްލާންޓިކް ކަނޑުގައި އޮތް ގްރީންލެންޑަކީ ޑެންމާކާ ވަކިން އޮތް ނަމަވެސް، އެ ޤައުމުގެ ސަރަޙައްދެކެވެ. ނަމަވެސް، ގްރީންލެންޑުގައި ވެރިކަން ކުރަނީ ވަކި ސަރުކާރަކުންނެވެ.

57,000ށްހާ މީހުންގެ އާބާދީއެއް އޮތް ގްރީންލެންޑުގެ ޤާނޫނު ހަދާ މަޖިލިސް އެކުލެވިގެން ވަނީ 31 ގޮނޑީގެ މައްޗަށެވެ. އެ ސަރަޙައްދުގެ ޢާންމު އިންތިޚާބުގައި ކުރި ހޯދާފައިވާ ޑިމޮކްރާޓީޓް، ނުވަތަ ޑިމޮކްރެޓިކް ޕާޓީން ވަނީ ޖުމުލަ 10 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ، ކުރީގެ އިންތިޚާބާ އަޅައިބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. އިންތިޚާބުގައި މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރެވިފައި ނެތް ނަމަވެސް، ޑިމޮކްރެޓިކް ޕާޓީން ވަނީ އެހެން ޕާޓީއަކާ އެކު އިއްތިޙާދުވެ، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ދާއިރާއިން ކާމިޔާބީ ހޯދާފައިވާ ނެލެރޮކް ޕާޓީއަކީ ވެސް މިނިވަން ކަމަށް ވަކާލާތު ކުރާ ޕާޓީއެކެވެ. އެ ޕާޓީން ވަނީ އަށް ދާއިރާއިން ކާމިޔާބީ ހޯދާފައެވެ. ގްރީންލެންޑުގެ ޢާންމު އިންތިޚާބުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ މައުޟޫޢަކީ ޑެންމާކުގެ ކިބައިން މިނިވަން ކަން ހޯދުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
"މީހުން ބޭނުމީ މިނިވަން ކަން،" ޑިމޮކްރެޓިކް ޕާޓީގެ ވެރިޔާ ޔެންސް-ފްރެދެރެކް ނިލްސަން ވިދާޅުވިއެވެ. "ކޮންމެހެން މާދަމާ މިނިވަންވުމަށް ބޭނުންވަނީއެއް ނޫން، ނަމަވެސް އޭގެ ކުރިން ހަރުދަނާ ބިންގަލެއް ބިނާ ކުރަން ބޭނުން."

ގްރީންލެންޑުގެ ޢާންމު އިންތިޚާބުގައި މިނިވަން ކަމަށް ތާޢީދު ކުރާ ޕާޓީތަކުން ކުރި ހޯދުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަތް އުފާވެރި ޚަބަރެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ގްރީންލެންޑަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް މުހިންމު ބިމެކެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ގްރީންލެންޑަކީ އެމެރިކާގެ ބިމަކަށް ހެދުމަކީ ޓްރަމްޕްގެ އަމާޒެކެވެ.

ގްރީންލެންޑަށް އަތްގަދަ ކުރުމަށް އެމެރިކާއިން ގެންގުޅޭ ތަސައްވުރު

ގްރީންލެންޑް ބައްލަވައިގަތުމަށް ބޭނުންވާ ކަން ވެސް ޓްރަމްޕް ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ ނިލްސަން ވަނީ އެ ކަމަށް ރައްދު ދެއްވާފައެވެ. އަދި، އެއީ ގްރީންލެންޑުގެ ރައްޔިތުންގެ ސިޔާސީ މިނިވަން ކަމަށް އޮތް ބޮޑު ނުރަައްކަލެއްގެ ގޮތުގައި ނިލްސަން ވަނީ ސިފަ ކުރައްވާފައެވެ. ނަމަވެސް، އިންތިޚާބުގެ ކެމްޕޭނާ ގުޅޭ ލިޔެކިޔުންތަކުގައި އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ތައްޔާރަށް އޮތް ކަން ޑިމޮކްރެޓިކް ޕާޓީން ހާމަކޮށްފައިވެއެވެ.

ގްރީންލެންޑަކީ އެމެރިކާގެ ޓެކްސަސާ އަޅައިބަލާއިރު ތިންގުނަ ބޮޑު ބިމެކެވެ. އެއް ފަސްގަނޑަކަށް އޮތް އެ ރަށަކީ ޤުދުރަތީ އަދި މައުދަނީ މުންސަނދި ކަން ލިބިފައިވާ ޤައުމެކެވެ. އޭގެ ތެރޭގައި އެންމެ ތަދު އަދި އަގުހުރި 'ރެއާ އާތު މިނިރަލް' ހިމެނެއެވެ. އެއީ، ޓެކްނޮލޮޖީގެ ދާއިރާއަށް، ވަކިން ޚާއްޞަކޮށް އިލެކްޓްރިކް އުޅަނދުފަހަރާއި މިސައިލް ފަދަ ހަތިޔާރު އުފެއްދުމުގެ ސިނާއަތަށް މުހިންމު މައުދަންތަކެކެވެ.

މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ރާސްމުސް ލިއެންދާ ނިލްސަން ވިދާޅުވީ އިންތިޚާބުގައި ނެލެރޮކް ޕާޓީން ކުރިހޯދާފައިވީ ނަމަވެސް، ޑިމޮކްރެޓިކް ޕާޓީން އެ ޕާޓީއާ އެކު ގުޅިފައިވާ އިއްތިޙާދެއް އެކުލަވައިލެވޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި، އޭގެ ބަދަލުގައި ވެރިކަމުން ފައިބާ އީނޫއީޓް އަޓާކަގީޓް އަދި ސީޔޫމޫޓް ޕާޓީއާ ގުޅުމަށް އިސްކަންދޭނެ ކަމަށް ބެލެވޭ ކަމުގައި ވެސް ޔުނިވަރސިޓީ އޮފް ގްރީންލެންޑުގައި ތަޢުލީމު އުނގަންނައިދެއްވާ ނިލްސަން ވިދާޅުވިއެވެ. ބޭނުމަކީ ޤައުމީ އެއްބައިވަންތަ ކަން ދެމެހެއްޓުން ކަމަށް އޭނާ ޤަބޫލު ކުރައްވައެވެ.

"ގްރީލެންޑުގައި ޗައިނާގެ އަސްކަރީ މަރުކަޒުތަކާއި، ޗައިނާގެ މައިންތައް ޤާއިމު ކުރުމުގެ ފުރުޞަތު ނުދިނުމަށާއި އަދި ރަޝިޔާގެ ނުފޫޒުން އެއްކިބާވާނެ ކަމުގެ ޔަގީން ކަން ގްރީންލެންޑުން ޓްރަމްޕަށް އަރުވައި، އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލައިފި ނަމަ، އެއީ ޓްރަމްޕަށް ލިބޭ ކުރިއެރުމެއް. އެއިރުން އޭނާއަށް ބުނެވޭނެ ގްރީންލެންޑުގެ މައުދަނީ މުއްސަނދި ކަމުގެ ހިއްސާ އެމެރިކާއަށް ލިބިއްޖެޔޭ،" ޔުނިވަރސިޓީ އޮފް ކޫބެންހައުންގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ތަޢުލީމު އުނގަންނައިދެއްވާ ޕްރޮފެސަރ މިކެލް ވިލްބީ ރާސްމުސެން ވިދާޅުވިއެވެ.

1953ވަނަ އަހަރަށް ފަހު ގްރީންލެންޑު އޮތީ ޑެންމާކުގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. 1979ވަނަ އަހަރު ޑެންމާކުން ވަނީ ގްރީންލެންޑަށް ބައެއް ދާއިރާތަކުން މިނިވަން ކަން ދީފައެވެ. ނަމަވެސް، ގްރީންލެންޑުގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ އަދި މާލީ ދާއިރާގެ ކޮންޓުރޯލު އަދިވެސް އޮތީ ކީބެންހައުންގެ އަތްދަށުގައެވެ.

ޑެންމާކުން ކޮންމެ އަހަރު ގްރީލެންޑުގެ އިޤުތިޞާދަށް އެއް ބިލިޔަން ޑޮލަރުގެ އެހީތެރި ކަން ފޯރުކޮށްދެއެވެ. ޑެންމާކުގެ ކިބައިން މިނިވަން ކަން ހޯދުމަށް 2009ވަނަ އަހަރު ގްރީންލެންޑުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، އިޤުތިޞާދީ ހާލަތަށް ރިއާޔަތްކޮށް، އެ ފިޔަވަޅު އެޅުން އޮތީ ފަސްކޮށްފައެވެ.