މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގައި ކުލަބު ޕީކޭއިން ކުޅުނު މެޗު ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ހޯދައި، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ އާއި ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމުތައް ޕްލޭއޮފް ބުރެއް ކުޅެން ޖެހޭނެއެވެ. އެ ބުރުން މޮޅުވާ ޓީމުތަކަށް ދެވަނަ ބުރުގެ ފަހު ޖާގަތައް ލިބިގެންދާއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގައި މިއަދު ވެޓެރެންސް ކެޓަގަރީގައި ދެ މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް އެމްއެސް މޭޓްސް ވަނީ ކުރި ހޯދާފައެވެ. އަދި ކުލަބު ޕީކޭވެސް ވަނީ ހަމަ މި ނަތީޖާއިން ބީޖީ ސްޕޯޓްސް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ވެޓެރެންސް ކެޓެގަރީގެ ގުރޫޕް ބީގައި ޕީކޭ ވަނީ 10 ޕޮއިންޓް ހޯދައި، ފައިދާ ލަނޑުގެ ތަފާތުން ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އެމްއެސް މޭޓްސް ދެވަނައިގައި އޮތީ ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ދެން މި ގުރޫޕުގައި ހިމެނޭ ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގަ އޮތް ލެގޫންސް ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ ޕްލޭއޮފް ބުރު މާސްޓަރސް ކެޓަގަރީގެ މެޗުތަކުން އަންނަ ހޮނިހިރު ދުވަހު ފެށޭއިރު، ވެޓެރެންސް ކެޓެގަރީގެ ޕްލޭއޮފް މެޗުތައް އޮންނާނީ އާދީއްތަ ދުވަހުއެވެ. ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ފޯރީގައި ކުރިއަށްދާއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.