ކުޅިވަރު

ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން، މިވަރުގެ ފުރުސަތެއް ނުލިބޭނެ: ސުޒެއިން


ދިވެހީންގެ ފަޚުރުކަމުގައިވާ ގައުމީ ފުޓްބޯޅަ ޓީމުން މި މަހުގެ 25 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަކީ ރާއްޖެއަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެ ކުޅޭ ފުރަތަމަ ކޮލިފައިން މެޗަށް ގައުމީ ޓީމުންވަމުންދާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު "ޕީއެސްއެމް ސްޕޯޓްސް" އާ ހިއްސާކުރަމުން ތަޖުރިބާކާރު ކޯޗު ބުނީ ޕިލިޕީންސް މެޗަށް ރާއްޖެ ނިކުންނާނީ ސީދާ މޮޅުވާން ކަމަށެވެ.

"ފިލިޕީންސް މެޗަކީ ރާއްޖެއަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް. މިވަރުގެ ފުރުސަތެއް ރާއްޖެއަކަށް ނުލިބޭނެ. އުންމިދަކީ މޮޅުވާން. ދެން އިރާދުކުރެއްވިއްޔާ އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ރާއްޖެ މޮޅުވާނެ." ކަމަށް ސުޒެއިން ބުންޏެވެ.

ރާއްޖޭން އޭޝިއަންކަޕް ކޮލިފައިންގައި އެންމެ އަވަހަށް ކުޅޭ މެޗު އޮންނާނީ ފިލިޕީންސްގައެވެ. އެންމެ ފުރަތަމަ ކުޅޭ ގޮތަށް ކުރިން އޮތީ "ހޯމް" މެޗެކެވެ. އެހެންނަމަވެސް ރާއްޖޭގައި ފިލިޕީންސް އާއި ދެކޮޅަށް ކުޅެން ކުރިން ހަމަޖެއްސި ތާރީހު، ފަހު ދިހަ އާއި ދިމާވާތީ ފިލިޕީންސް ފުޓްބޯޅަ އެސޯސިއޭޝަނާއި މަޝްވަރާކޮށްގެން ދެ ޓީމުގެ ހޯމް މެޗު ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ ރާއްޖޭގެ ހޯމް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.

އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމުން ފިލިޕީންސް އާއި ދެކޮޅަށް މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައެވެ. އެ މެޗުގައި ދެޓީމުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަންކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖެއާއި އެކު ހިމެނެނީ ފިލިޕީންސް، ތަޖަކިސްތާން އަދި އީސްޓް ޓީމޯ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ އެހެން މެޗުތައް:

  • ޖޫން 10 - އީސްޓް ޓިމޯ އާއި ރާއްޖެ
  • އޮކްޓޯބަރު 9 - ތަޖިކިސްތާނާއި ރާއްޖެ
  • އޮކްޓޯބަރު 14 - ރާއްޖެ އާއި ތަޖިކިސްތާން
  • ނޮވެމްބަރު 18 - ރާއްޖެ އާއި ފިލިޕީންސް
  • މާޗު 31 - ރާއްޖެ އާއި އީސްޓް ޓިމޯ

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެއެވެ. ރާއްޖެއަކީ ފުޓްބޯޅައިގައި އިންޑިއާއަށް ފަހު މި ސަރަހައްދުގެ އެންމެ ރޭންކިންގ ރަނގަޅު ގައުމެވެ. އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ގަތަރެވެ.