ޚަބަރު

ހައްޓަށް ބުރަ ވަޒީފާ އަދާ ކުރާ މީހުން ރަމަޟާން މަހަށް ހޭނެނީ މިހެން


ރަމަޟާން މަހު ރޯދަ ހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެއީ ކޮންމެ ފެންވަރެއްގެ، ކޮންމެ ވަޒީފާއެއް ޢަދާ ކުރާ މީހެއް ނަމަވެސް ރޯދަ ހިފުމަކީ އެންމެން ވެސް ކުރަންޖެހޭ އަޅުކަމެކެވެ. ޑެސްކެއްގެ ފަހަތުގައި އިނދެ މަސައްކަތް ކުރި ކަމުގައި ވިޔަސް ޖިސްމާނީ ގޮތުން ބުރަ މަސައްކަތެއް ކުރި ނަމަ ވެސް ތަފާތެއް ނެތެވެ. އެހެން ކަމުން އެ މީހަކު ޢަދާ ކުރާ ވަޒީފާގެ ސަބަބުން ވެސް ރޯދައަށް ހުންނަ ވަގުތު ވަރުބަލިކަން އިޙްސާސް ކުރެވޭ މިންވަރު އިތުރު ވެގެންދެއެވެ. މި ޙާލަތުގައި ވަޒީފާ ޢަދާ ކުރަމުން ވެސް ބުންވަރާއެކު ރޯދަ ހިފައި އަޅުކަމަށް ވަގުތު ދިނުމަށް ކެއުންބުއިމުގެ ކަންކަން ރާވާލައި އެ ދުވަހެއްގެ ޙަރަކާތްތައް ތަރުތީބު ކޮށްލުމަކީ ބުއްދިވެރި ގޮތެކެވެ. އެ ގޮތުން ތަފާތު އެކި ވަޒީފާތައް ޢަދާ ކުރާ މީހުން އެ މީހުންގެ ދުވަސް ބައްޓަން ކުރާ ގޮތް ކިޔައިދިނެވެ.

އަންޖުމް އިސްލާމް، ކެއްކުންތެރިއެއް

އަހަރެންގެ ދުވަސް ފެށެނީ ފަތިސްވުމުގެ ކުރިންނެވެ. ހާރުދަމަށް ތެދުވެ ހަށިގަނޑަށް ފައިދާހުރި ހަކަތަ ލިއްބައިދޭ ކެއުމެއް އަހަރެން ތައްޔާރު ކުރަމެވެ. އެ ކެއުމުގައި ޕްރޮޓީންގެ ބަޔާއި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސްގެ އިތުރުން ހަށިގަނޑަށް ފެން ލިއްބައިދޭ ބައިތައް ހިމެނުމަށް އަހަރެން ޅާއްޞަ ސަމާލުކަމެއް ދެމެވެ. ދުވާލު ގަޑީ ބުރަކޮށް އުޅޭއިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ އެ ގޮތަށް ކެއުން ބައްޓަން ކުރުމުން އަހަންނަށް ލިބެއެވެ. އެ ގޮތުން އަހަރެންގެ ކެއުމުގައި މުގުގެ ބާވަތްތައް ބޭނުން ކޮށްގެން ހަދާ ފޮޅިއާއި ޔޯގަޓާއި ގެރިމަހާއި މުގާއި އޯޓްސް އަޅައިގެން ތައްޔާރުކުރާ ބަތްޕެނެއް ކަމެވެ.

އަހަރެންނަކީ ރެސްޓޯރަންޓެއްގެ ކައްކާއެއްކަމުން، ޢާންމު ގޮތެއްގައި ވަޒީފާގައި އުޅޭ ވަގުތު ވަރަށް ގިނަ ކެއުންތައް ރަހަބަލަން ޖެހެއެވެ. އެހެންކަމުން ހަށިގަނޑަށް ކެލޮރީ އިތުރުވާނެތީ އެ ބައި މާ ބޮޑަށް އިތުރުވިޔަ ނުދިނުަމަށް ކޮންމެ ދުވަހަކު ވެސް 30 މިނެޓުހާއިރު ކަސްރަތު ކުރަމެވެ. ނަމަވެސް ރަމަޟާން މަހު މި ގޮތަށް ޢަމަލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަމަޟާން މަހު ކަސްރަތު ކުރުމުގެ ބަދަލުގައި ހަވީރު ގަޑީގައި އަހަރެން ދުވެލަން ނިކުންނަނީއެވެ. އެ ގޮތަށް ދުވެލުމުން މާ ބޮޑަށް ވަރުބަލި ނުވެ ޙަރަކާތްތެރިވުމަށް އަހަންނަށް ފުރުޞަތު ލިބެއެވެ.

ރޯދައަށް ހުރެ ޝެފެއްގެ ވަޒީފާ ޢަދާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކާބޯތަކެތި ތައްޔާރުކުރާއިރު ދުވާ މީރު ވަހާއި ކުޅުދިޔާވާ ދިޔާވުމަކީ ކޮންމެ ދުވަހަކު ވެސް އަހަރެން ކުރިމަތިލާންޖެހޭ ކަމެކެވެ. ހަމައެކާއެކު ބަދިގެއަކީ ވަރަށް ހޫނު އަދި އެހާމެ ހަލަބޮލި މާހައުލެކެވެ. ހާރުކާ ގަޑީގައި ވެސް އަދި ރޯދަ ވިއްލާ ގަޑީގައި ވެސް އަހަރެން ވަރަށް ގިނައިން ފެން ބޯ ސަބަބަކީ އެއީއެވެ. އޭގެ އިތުރުން ރެސްޓޯރަންޓުގައި ތައްޔާރު ކުރާ ކާނާ ރަހަ ނުބަލާ ތައްޔާރު ކުރާ ޑިޝްތަކުގެ ފެންވަރު ހިފެހެއްޓުމަކީ ވެސް ރަމަޟާން މަހު ކުރިމަތިވާ ކަމެކެވެ. ނަމަވެސް އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ރެސްޓޯރަންޓުގައި ތައްޔާރު ކުރާ ކެއުންތަކުގައި ލާ ރަހައަށް ބަދަލެއް އަޔަ ނުދީ އަބަދު ވެސް އެއް ރަހައެއް ލާކަން ޔަޤީން ކުރުމަށް އެ ކާނާ ތައްޔާރު ކުރަން ބޭނުންވާ ތަކެތި އަޅަނީ އަބަދު ވެސް ވަކި މިންތަކަކަށެވެ. އަބަދު ވެސް އެއް ރެސިޕީތަކެއް ތައްޔާރު ކުރާތީ ހިތުލަފައަށް ރަހަހެޔޮވަރު ކުރަން ވެސް އަހަންނަށް މިހާރު އެނގެއެވެ. ކައްކާއިރު ދުވާ ވަހަށް ބަލާފައި ވެސް އަހަންނަށް ލޮނުރަހަ ހެޔޮވަރު ކުރަން އެނގެއެވެ. އެހެންކަމުން މީރު ކެއުމެއް ތައްޔާރު ކުރުމަށް ކާއެއްޗެހިީގެ ރަހަ ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެެެއް ނޫނެވެ.

ރޯދަ ވިއްލާ ވަގުތު އަހަރެން ފުރަތަމަ ކާލަނީ ކުޑަ ލޮނު ކޮޅެކެވެ. އެއީ ކުޅުއުފައްދައި ނިޒާމު ހޭލުއްވައިލުމަށެވެ. އެއަށްފަހު ހަށިގަނޑަށް ވަގުތުން ހަކަތަ ހޯދައިލުމަށް ކަދުރު ކަމެކެވެ. އަހަރެން ދެން ކަނީ ފޯކޮށްފައި ހުންނަ ހިކި މޭވާއާއި ތާޒާ މެވާއެވެ. އެއާއެކު އަހަރެން ބޮނީ ކުރުނބާ ފެނެވެ. ދެން ކާލަނީ ދެ ތިން ހެދިކާ ނުވަތަ ބިރިޔާނީ ކަހަލަ ޢާންމުކޮށް ރޯދަ ވިއްލުމަށް ބޭނުންކުރާ ކޮންމެވެސް ކާނއެކެވެ. ރޯދަ ވިއްލާ ގަޑީގައި ކޮންމެވެސް ކުޅި އެއްޗެއް އަހަރެން އަބަދު ވެސް ކާހިތްވެއެވެ. ނަމަވެސް އެ ގޮތަށް އެ ކަން ނުކޮށް ވޭތޯ މަސައްކަތް ކުރަމެވެ.

ހަނާ އަލްނަބުލްސީ، ޓްރައިއެތުލީޓް

އަހަރެންނަކީ ޓްރައިއެތުލީޓެކެވެ. އަހަރެން ޖަހާ ރޭސްތަކުގައި ފެތުމާއި ދުވުމާއި ބައިސްަކަލު ދުއްވުން ހިމެނެއެވެ. އެހެންކަމުން އެއީ ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް މީހާ ވަރުބަލި ކޮށްލާ މަސައްކަތެކެވެ. ރަމަޟާން މަހުގައި ވެސް އަހަރެންގެ ޓްރެއިނިންގތައް ޤަވާއިދުން ފުރިހަމަ ކުރަން ޖެހެއެވެ. ފެންފޮދެއް ވެސް ނުބޮއެ މި ޓްރެއިނިންގތައް ފުރިހަމަ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މެންދުރުފަހު އަހަރެން ޖިމަށް ގޮސް ބުންވަރު އިތުރު ކުރުމުގެ ޓްރެއިނިންގތައް ހަދަމެވެ. ބައެއް ދުވަސް ދުވަހު ދަނީ ފަތަންށެވެ. އެއަށްފަހު ރޯދަ ވިއްލައި ކާއެއްޗެހި ހަޖަމް ވުމުން އަހަރެން ދެން ދަނީ ބައިސްކަލު ދުއްވަން ނުވަތަ ދުވަންށެވެ. ރޭގަނޑު ގަޑީގައި ކަސްރަތު ކުރުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫނެވެ. އެއީ އޭރަށް ރޭަގަނޑު ނިދަން އުދަގުވާތީއެވެ. ނަމަވެސް ރަމަޟާން މަހު އެގޮތަށް ހޭނިލަނީއެވެ. ގެއަށް އައިސް ތަންކޮޅެއް ދަން ކޮށްލާފައި ހާރު ކާލައިގެން ނިދާލަނީއެވެ. ރޯދަ ވިއްލުމުގެ ކުރިންނާއި ފަހުން ވެސް ވަރަށް ހައްޓަށް ބާރުކުރާ ކަސްރަތުތަކެއް ކުރަން ޖެހޭތީ އަހަރެން މެންދުރެއް ހާއިރު ވެސް ކުޑަކޮށް ނިދާލަމެވެ.

ރޯދަ ވިއްލުމަށް ފަހުގައާއި ޓްރެއިނިންގ ފެށުމުގެ ކުރިން އަހަރެން ޚާއްޞަ ސްމޫތީތަކެއް ބޮމެވެ. އެއީ ހަށިގަނޑުގައި ބުންވަރު އިތުރުކޮށް ވަރު ޖެއްސުމަށެވެ. އަހަރެންނަކީ ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ދޭތެރެދޭތެރެެއިން ދިމާވާ މީހަކަށް ވާތީ ރަަމަޟާން މަހު ކެއުމާއި ބުއިމުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހެއެވެ. އެހެން ކަމުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ގިނައިން ފެން ބުއިމަކީ އަހަރެން ޚާއްޞަ ސަމާލުކަމެއް ދޭ ކަންކަމެވެ.

ރަމަޟާން މަހަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަހަންނަށް އުނދަގޫ މަހެކެވެ. ނަމަވެސް ހުރިހާ އުނދަގުލަކާއެކު ވެސް އަހަރެން ކުރަން ޖެހޭ ކަންކަން ކުރުމަށް ހިތްވަރު ހޯދޭތީ އެ ކަމާ އަހަރެން ވަރަށް ހިތްހަމަޖެހެއެވެ.

ޑރ އަޙްމަދު އަޝްރަފް، ޢާންމުބަލިތަކާބެހޭ ޑޮކްޓަރެއް

ރަަމަޟާން މަހުގެ ކޮންމެ ދުވަހެއް ވެސް އަހަރެން ފަށަނީ ވަރަށް ހިތްހަމަޖެހޭ މަޑުމައިތިރި ވަގުތު ކޮޅަކަށް ފަހުއެވެ. އަހަރެން ހާރު ދަމަށް ހޭލައި ހަށިގަނޑަށް ފައިދާހުރި ކެއުމެއް ކާލައިގެން ފަތިސްވުމުގެ ކުރިން އަޅުކަމުގައި މަސްޢޫލު ވަމެވެ. އެއަށް ފަހު ބަންގި ގޮވުމުން ނަމާދު ކޮށްލައިގެން އަނެއްކާ ވެސް އިރުއަރަންދެން އަޅުކަން ކުރަމެވެ. އިރުއަރާއިރު އަހަރެން ހުންނަނީ ވަަރަށް ހަމަޖެހިފައެވެ. އެއީ އަހަރެންގެ ހަށިގަނޑާއި ރޫހަށް ބޭނުންވާ ކާނާ ލިބިފައިވާތީއެވެ.

އެއަށްފަހު ދެން އަހަރެން ދަނީ އަހަރެން ވަޒީފާ ޢަދާ ކުރާ ހަސްފަތާލަށެވެ. އަހަރެންނަކީ ބަލިމީހުން ބަލާ ޑޮކްޓަރަކަށްވާތީ ގިނަ ވަގުތު ހޭދަ ކުރަން ޖެހެނީ ބަލިމީހުން ބަލާ ކޮޓަރީގައި ހުންނަ ޑެސްކެއްގެ ފަހަތުގައެވެ. މި ގޮތަށް އެތައް ގަޑިއިރެއް ވެސް ހޭދަ ވެދާނެއެވެ. އެހެންކަމުން އަހަރެން އިރުއިރުކޮޅާ ތެދުވެލައި ޙަރަކާތްތެރިވެލަމެވެ. ބަލިމީހުން ބެލުމުގައި ވެސް ކޮޅަށް ހުރެ އެ މީހުން ބެލުމަށް އަހަރެން އިސްކަން ދެމެވެ. އެހެންނޫންނަމަ މީހާ ލޮޑުވެ ނިދިއަންނަ ގޮތްވެއެވެ. ޑިއުޓީ ނިންމާ ގެއަށް ދިޔުމަށް ފަހު ކުޑަކޮށް ނިދާލަމެވެ. ވިއްސަކަށް މިނެޓު މިހެން ނިދާލުމުން އެ ލިބޭ ތާޒާ ކަމުގެ ސަބަބުން އަލުކަމާއި މަސައްކަތާއި ޢާއިލާއަށް ވަގުތު ހުސް ކުރުމަށް އަހަންނަށް އެހީވެދެއެވެ.

ރޯދައަށް ހުންނައިރު އެންމެ އުނދަގޫވާ އެއް ކަމަކީ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އަމިއްލަ މަސްޢޫލިއްޔަތުތައް ދުވަހުގެ ތެރޭގައި ފުރިހަމައަށް ހިމަނާލުމެވެ. މަސައްކަތާއި އަޅުކަމާއި ޢާއިލާއަށް ވަގުތު ދޭ ގޮތަށް އަހަރެންގެ އަމިއްލަ ދުޅަހެޔޮ ކަމަށް ވެސް ވަގުތު ހުސްކުރަން ބޭނުންވެއެވެ. އެހެންކަމުން ދުވާލުގެ ވަގުތުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ރޯދަ ވިއްލުމުގެ ކުރިން އަހަރެން ކަސްރަތު ކުރަމެވެ. ބައެއް ދުވަސްދުވަހު ނިކުމެލަނީ ދުވެލާށެވެ.

ލޯބިވާ ޢާއިލާއާއެކު ކަދުރާއި ފެނުން ރޯދަ ވިއްލާ ވަގުތަކީ އަހަންނަށް ވަރަށް ޚާއްޞަ ވަގުތެކެވެ. ދިިރިއުޅުމުގައި ޝުކުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް އަހަންނަށް އިޙްސާސް ކުރެވެއެވެ. މި އިޙްސާސް މުޅި ރެއަށް ދެމިގެން ދަނީ އޭގެ މައްޗަށް ބިނާކޮށް އަހަރެންގެ އެ ރޭގެ އަޅުކަން ބައްޓަން ކުރާތީއެވެ. އަހަރެން ޤަބޫލު ކުރާ ގޮތުގައި ވަޒީފާ ޢަދާ ކުރިއަސް ގޭގެ މަސްޢޫލިއްޔަތުތައް ޢަދާ ކުރިއަސް ރަނގަޅު ނިޔަތުގައި ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ.

ވެނެއްސާ ނަތާ، ފިޓްނަސް ޓްރެެއިނަރ

ރަމަޟާން މަހު އަހަރެން ދުވަސް ހޭދަ ކުރާ ގޮތަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. ނަމަވެސް އަހަރެންގެ ޒިންމާތައް ހަމަހަމަ ގޮތަކަށް ބަހާލެވޭތޯ އަހަރެން މަސައްކަތް ކުރަމެވެ. އަހަރެންގެ ދުވަސް ފެށެނީ ހާރުދަމަށް ހޭލުމާ އެކުގައެވެ. އަހަރެން ޢާންމުކޮށް ހާރަށް ކައި އުޅެނީ ބިހާއި އޯޓްސްއެެވެ. އެ ގަޑީގައި އަހަރެން ވަރަށް ގިނައިން ފެން ބޮމެވެ. އެ ގޮތަށް ކަންތައް ކުރުމުން ދުވާލުގެ ވަގުތު ހަށިގަނޑުން ފެން މަދުވިޔަ ދިނުުމުން ދުރުހެލި ކޮށްދެއެވެ.

އަހަންނަކީ ޕާސަނަލް ޓްރެއިނަރެކެވެ. އެހެންކަމުން ރޯދައަށް ހުރި ނަމަވެސް އަހަރެންގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމަކީ އެ ކަމަކަށް އަހަރެން ވަރަށް އިސްކަން ދޭ ކަމެކެވެ. އަހަރެންގެ ކަސްރަތު ގަޑިތައް ތާަވަލް ކުރަނީ ހުރިހާ ކަމަކަށް ވެސް ވަރަށް ވިސްނާފައެވެ. ހުސްބަނޑާހުރެ ކަސްރަތު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ އަހަރެންގެ އަމިއްލަ ކަސްރަތުތައް ކުރަނީ ރޯދަ ވިއްލާ ގަޑިއާ ކައިރި ކޮށްލައިފައެވެ. އިރުކޮޅެއް ތެރޭ ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ފިލައި ދާނޭކަން އެނގޭތީ އެ ގަޑީގައި ކަސްރަތު ކުރުމަށް ފަސޭހަވެ ހިތްވަރަކަށް ވެއެވެ.

މަޣްރިބް ނަމާދަށް ގޮވުމުން އަހަރެން ރޯދަ ވިއްލަނީ ފެނާއި ކަދުރުންނެވެ. އެއަށް ފަހު މިންހެޔޮ ކެއުމެއް ކެއުމަށް އަހަރެން ސަމާލުކަން ދެމެވެ. އެ ގޮތުން ޕޮރޮޓީނާއި ހަށިގަނޑަށް ފައިދާހުރި ފެޓްސްއާއި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ކެއުމުގެ ތެރޭގައި ހިމަނަމެވެ. އެއަށްފަހު ޢާޢިލާއާއެކު ވަގުތުކޮޅެއް ހޭދަ ކުރުމަށްފަހު ދެން ދަނީ މަަސައްކަތަށެވެ. އަހަރެންގެ ކްލަޔަންޓުންގެ ތާވަލަށް ވެސް ރަމަޟާން މަހު ބަދަލު އާދެއެވެ. އެ މީހުން ވެސް ބޭނުން ވަނީ ރޯދައަށް ހުރެ ކަސްރަތު ކުރުމުގެ ބަދަލުގައި ރޯދަ ވިއްލުމަށް ފަހު ކަސްރަތު ކުރާށެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތު ތަންކޮޅެއް ދަން ވަންދެން އަހަރެން އުޅެން ޖެހެނީ މަސައްކަތުގެ މާހައުލުގައި ބުރަ ކޮށެވެ.

އަހަރެންގެ ދުވަސް ނިންމާލަނީ ތަރާވީޙު ނަމާދުންނެވެ. ކިތަންމެ ވަރުބަލިވި ނަމަވެސް އަހަރެންގެ ހިތް ހަމަޖެހެއެވެ. ރަމަޟާން މަހު އަޅުކަމާއި ދުޅަހެޔޮކަމާއި މަސައްކަތަށް ވަގުތު ދިނުމަކީ އެ ކަމަށް ޚާއްޞަ ސަމާލުކަން ދީގެން އަހަރެން ކޮންމެ އަހަރަކު ވެސް ކުރާ ކަމެކެވެ. ރަމަޟާން މަހަކީ މީހާގެ ޝަހްސު ވަރުގަދަ ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

މި އެންމެންގެ ދިރިއުޅުމުން ވެސް އަހަރެމެންނަށް އެނގިގެން ދަނީ ރަމަޟާން މަހަކީ އެ މަހަކާ އެއްގޮތަށް އަހަރެމެންގެ ދުވަސް ރާވާލައި ތަރުތީބު ކުރުން މުހިންމު މަހެއް ކަމެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ބޭނުން ހިފައި ޘަވާބާއި ދަރުމަ ހޯދަން މަަސައްކަތް ކުރުމަކީ އެ މީހެއް އެ ކަމަށް ހިތްވަރު ކޮށްފި ނަމަ ކުރެވޭނެ ކަމެކެވެ.