ޔޫކްރެއިން ހަނގުރާމަ މެދުކަނޑައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ރަޝިޔާއިން ތާޢީދު ކުރި ނަމަވެސް، އެމެރިކާގެ ހުށަހެޅުންތަކަށް ބޮޑެތި ބަަދަލުތަކެއް ގެންނަން ޖެހޭ ކަމުގައި ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ.
މި ހަނގުރާމައިގައި އެތަކެއް ސަތޭކަ ހާސް ބަޔަކު މަރުވެ، ޒަޚަމުވެފައިވާއިރު، އެތަކެއް މިލިޔަން ބަޔަކު ވަނީ ގެދޮރު ނެތިފައެވެ. އަދި، ޔޫކްރެއިންގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ރަޝިޔާގެ ބައެއް ސަރަޙައްދުތައް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ހަނގުރާމަ ފެށުމާ އެކު އެމެރިކާއާއި ހުޅަނގުން ވަނީ ޔޫކްރެއިންގެ ފަޅިއަށް އަރައި، އެ ޤައުމަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައި ވަނީ ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުންނެވެ.
ޕުޓިން ވިދާޅުވީ، ޓްރަމްޕްގެ ހުށަހެޅުމަށް އޭނާ ތާޢީދު ކުރެއްވި ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ރަޝިޔާގެ ޝަރުޠުތަކެއް ހުރި ކަމުގައެވެ. އަދި، ވޮޝިންގޓަނާ ގުޅިގެން ހުށަހެޅުންތައް އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ ކަމަށާއި، މި ކަމާ ގުޅޭ ގޮތުން ޓްރަމްޕާ އެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމުގައެވެ.
ޕުޓިން ދެކެވަޑައިގަންނަވާ ގޮތުގައި ސުލްޙަ ޤާއިމު ކުރެވޭނީ، އެ ޤައުމުން އަސްކަރީ އޮޮޕަރޭޝަނެއްގެ ގޮތުގައި ސިފަ ކުރާ ހަނގުރާމަ ފެށުމަށް މެދުވެރިވި ސަބަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އެއީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމެވެ.
ބާރާއި ނުފޫޒު ގަދަ ކުރަން ނޭޓޯއިން ކުރަމުންދާ މަސައްކަތްތަކަކީ ރަޝިޔާގެ ދެމިއޮތުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރަޝިޔާއިން ޤަބޫލު ކުރެއެވެ. "ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ ހުށަހެޅުމަށް އަޅުގަނޑުމެން އެއްބަސްވަން. އެއީ އެންމެ ރަނގަޅު ވިސްނުން، އެ ކަމަށް ފުރިހަމައަށް ތާޢީދު ކުރަން،" ޕުޓިން ވިދާޅުވިއެވެ.
"ނަމަވެސް، ކުރިއަށް ދާން ވާނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރެވޭނެ ގޮތަކަށް އަދި ކާރިސާ ފެށެން މެދުވެރިވި ސަބަބު ވެސް ނައްތައިލައިގެން،" އޭނާ ވިދާޅުވިއެވެ. ސުލްޙަ ޤާއިމު ކުރުމަށް އިސްކަން ދެއްވި ރައީސެއްގެ ގޮތުގައި ސިފަ ކުރެވެން ޓްރަމްޕް ބޭނުންފުޅުވާއިރު، ޕުޓިން ވަނީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
މޮސްކޯއާއި ވޮޝިންގޓަނުން ވެސް މިހާރު ޤަބޫލު ކުރާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތެވެ. ޓްރަމްޕްގެ ހުށަހެޅުމަށް ތާޢީދު ކުރައްވައި ޕުޓިން ވާހަކަފުޅު ދެއްކެވުމުން ޓްރަމްޕް ވަނީ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ޕުޓިންއާ ފޯނުން ގުޅުއްވައި އިތުރު މަޝްވަރާތައް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. ރަޝިޔާގެ އޮފިޝަލުންނާ އެކު މިހާރު ވެސް އެމެރިކާއިން މަޝްވަރާތައް ބާއްވަމުންދާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ކާޔާ ކައްލާސް ވިދާޅުވީ ރަޝިޔާއިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ނަމަވެސް، އެ ކަމަށް ރަޝިޔާއިން ގިނަ ޝަރުޠުތަކެއް ހުށަހަޅާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާއިން ހަނގުރާމަ ދިގުދެންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުމަކީ، ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެއްސުމަށް ރަޝިޔާއަށް ލިބިގެންދާ އިތުރު ފުރުޞަތެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް ދޫކޮށްލުމަށް ވެސް މޮސްކޯއިން ދަނީ އިންކާރު ކުރަމުންނެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުމަށް އިންކާރު ކުރަން ރަޝިޔާއިން ބޭނުންވާނެ ކަމުގައެވެ. ނަމަވެސް، އެ ކަން ޓްރަމްޕްގެ އަރިހުގައި ސީދާ ބުނުމަށް ރަޝިޔާއިން ފަސްޖެހެމުންދާ ކަމުގައެވެ. "ޙަމަލާ ބަދަލު ކުރުން މެދުކަނޑަލުމަށް ޝަރުޠުތަކެއް ހުށަހަޅަމުން އެ ދަނީ އެ ސަބަބަށް ޓަކައި، އެއިރުން އެއްވެސް ކަމެއް ނުކުރެވޭނެ، އަދި ޙަމަލާ ބަދަލު ކުރުން މެދުކަނޑަނުލައި ފަސް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޕުޓިން ދާދިފަހުން ވަނީ ކޫރްސްކް ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނާ ބައްދަލު ކުރައްވާފައެވެ. ޔޫކްރެއިންގެ ސިފައިން ކޫރްސްކް ސަރަޙައްދަށް އަރައި، ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކޮށްފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހުއެވެ. ޔޫކްރެއިންގެ އަތްދަށުން އޭގެ ތެރެއިން %85 ބިންތައް މިނިވަން ކޮށްފައިވާ ކަމުގައި ރަޝިޔާގެ އަސްކަރިއްޔާއިން ބުންޏެވެ.
ޕުޓިން ވިދާޅުވީ، ކޫރްސްކަށް އަރައި، ބިންތައް ފޭރިގަނެފައިވާ ޔޫކްރެއިންގެ ސިފައިން ވަށައިލާފައިވާނެ ކަމުގައެވެ. އޭނާ ވިދާޅުވީ، ކޫރްސްކްގެ ހާލަތު ރަޝިޔާގެ އަސްކަރިއްޔާގެ ކޮންޓުރޯލުގެ ދަށުގައި އޮތް ކަމުގައެވެ. އަދި، އެ ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިން އެކަހެރިކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް، ޔޫކްރެއިންގެ އަސްކަރިއްޔާގެ ކޮމާންޑަރުން ވަނީ އެ ކަން ދޮގުކޮށްފައެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އެއްކޮށް ވަށައިލައި ބަންދު ކުރެވޭނެ، އެއިރުން އެ މީހުންނަށް ދާނެ އިތުރު ތަނެއް ނޯންނާނެ، އެ މީހުންނަށް އޮންނާނީ އެންމެ ދެ ގޮތެއް: އެއީ އަމާންދިނުން ނުވަތަ މަރުވެދިޔައުން،" ކޫރްސްކަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނަށް އިންޒާރު ދެއްވަމުން ޕުޓިން ވިދާޅުވިއެވެ. ޕުޓިންގެ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުތުރު ކޮރެޔާއިން ވެސް ވަނީ ސިފައިންގެ ބޮޑު ލަޝްކަރެއް އެ ޤައުމަށް ފޮނުވާފައެވެ.
ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި، އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކާއި އަވަށްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، 2014ވަނަ އަހަރުން ފެށިގެން ޔޫކްރެއިންގެ އެންމެ ދެކުނުގައި ވަކިން އޮތް ކްރައިމިޔާ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.