އީރާނަށް ހައްޤު އިޙްތިރާމް އަދާކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައި އެމެރިކާ އާ އެކު މަޝްވަރާކުރަންނުޖެހޭނެ ކަމަށް ބުނެ، ރަޝިޔާ އާއި ޗައިނާއިން އީރާނަށް ކުރާ ތާޢީދު ހާމަކޮށްފިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަމުން ދިޔައެވެ. ނަމަވެސް، އެ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ރިޔާސީ ދައުރުގައި 2018ވަނަ އަހަރުއެވެ.
އެއަށް ފަހު، މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެ ވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އެ ޤައުމުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާފައެވެ. އެއީ، އެމެެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ބާރު އެޅުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި އީރާނާއެކު ކުރި މަޝްވަރާތަކަށް ފަހު ގުޅިގެން ނެރުނު ބަޔާނެއްގައި ޗައިނާ އާއި ރަޝިޔާއިން ވެސް ބުނެފައި ވަނީ އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްޙަވެރި ބޭނުމަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ނިޔުކްލިޔަރ ހަކަތަ ސުލްޙަވެރިކަމާއެކު ބޭނުންކުރުމަށް އީރާނަށް ލިބިފައިވާ ޙައްޤަށް "ފުރިހަމައަށް" އިޙްތިރާމް ކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން، ނުހައްޤުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ވެސް އެ ބަޔާނުގައި ތިން ޤައުމުން ވެސް ވަނީ ގޮވާލައިފައެވެ.
ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތަކަށް، އީރާނުގެ ރޫހީ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާއީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ޓްރަމްޕް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ނަމަވެސް، އީރާނަށް ބިރުދައްކައިގެން، މަޝްވަރާތަކަށް އެއްބަސްނުކުރުވޭނެ ކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.
ނިއުކްލިޔަރ ހަކަތައާ ބެހޭ އދގެ އިދާރާ (އައިއޭއީއޭ)ން ބުނީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ ޔުރޭނިޔަމް %60ށް މުއްސަނދި ކުރުމުގެ ޤާބިލު ކަން އީރާނުން ހޯދާފައިވާ ކަމުގައެވެ. އައިއޭއީއޭން މި ކަން ހާމަ ކޮށްފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުއެވެ. ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް %90ށް މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް ބޭނުންވާނެއެވެ. އީރާނުން ވަނީ އައިއޭއީއޭގެ ތުހުމަތުތައް ދޮގު ކޮށް، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެފައެވެ.