ޚަބަރު

އޮއްގާ ދަނޑުން ފެށި ސުމައްޔާ މިއަދު އެންމެ މޮޅު ކުޅުންތެރިޔާއަށް


މިއީ ލ. ކުނަހަންދުއަށް އުފަން ޒުވާން ކުރިކެޓް ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ އޭނާ ކުރިކެޓް ކުޅެން ނިކުތީ އޮއްގާތަކުގެތެރޭގައި ހުސްފަޔާއެވެ. އުފަން ރަށުގައި މަންމަ އާއި ބައްޕަގެ އެއްބާރުލުމާއެކު "ހިތާއި ރޫހުން" ކުރިކެޓް ކުޅެން ފެށި އިރު ރާއްޖޭގެ ގައުމީ ޓީމަށް އާދެވިދާނެ ކަމުގެ ހިޔާލެއްވެސް ނެތެވެ.

ކުނަހަންދޫ ދަނޑުގައި އޭރު އޭނާ ހުސްފަޔާ ބެޓް ހިފައިގެން ނިކުނެ ހުރީ އެންމެ މޮޅު އަންހެން ކުރިކެޓާގެ އެވޯޑާއި، އަތޮޅު ކުރިކެޓްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް އުފުލާލެވޭނެ ކަމަށް ބަލައިގެނެއްވެސް ނޫނެވެ. މިއީ ކުޑައިރު ހިތްދޫވި ކުޅިވަރުން މިއަދު މުޅި ހައްދުންމައްޗާއި ގައުމުވެސް ފަހުރުވެރިވާ ފަދަ ދަރިއަކަށްވި ސުމައްޔާ ބިންތި ހަމީދުގެ ވާހަކައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އަތޮޅު ކުރިކެޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ މޮޅު އަންހެން ބެޓްމަނުގެ އެވޯޑް މިއަހަރު ބޭއްވި "ކްރިކެޓް ހަވީރު" ހަފްތާގައި ސުމައްޔާއަށް ލިބިފައިވާއިރު، އޭނާގެ ކާމީޔާބީގެ ވާހަކަތައް "ޕީއެސްއެމް ސްޕޯޓްސް" އާއި ހިއްސާ ކުރަމުން ސުމައްޔާ ބުނީ ރަށުގައި ކުރިކެޓް ތައާރަފްކޮށްދީ އޭނާއަށް މި ހުނަރު ތަރައްޤީ ކޮށްދިނުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ލިރުގާމް ސައީދު (ލަރޭ) ކަމަށެވެ. އޭނާ އެފާހަގަ ކުރީ ރާއްޖޭގެ ފުޓްބޯޅައި ރަންޒަމާނުގެ ލެޖެންޑެއްކަމަށްވާ ލަރޭގެ ވާހަކައެވެ.

ކުނަހަންދުއަށް ކުރިކެޓް ތައާރަފުކޮށް ގްރާސްރޫޓް ލެވެލްގައި ކުޅުންތެރިން އުފައްދަން އޭރު ފެށި މަސައްކަތުން ސުމައްޔާއަށް އިތުރަށް ކުރިއަށް ދެވުނީ އޭނާގެ މަންމަ އާއި ބައްޕަ ކުރި އިތުބާރުގެ ސަބަބުންނެވެ.

"އަޅުގަނޑު ފާހަގަކުރަން މައްމަ އާއި ބައްޕަ ވަރަށް ސަޕޯޓްދޭ، ދެން ގައުމީ ޓީމަށް އައިފަހުން ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް އެއްބާރުލުން ލިބޭ. އެންމެ ފުރަތަމަ އޮއްގަލުގެ ތެރޭގައި ކުޅެފައި އައިސް މިކޮޅުގައި (މާލޭގައި) އުންދަގޫވި. އެކަމަކު ވިނަ ދަނޑުގައި ޕްރެކްޓިސް ކުރަން ފެށިމަ ފަހުން ފަސޭހަވި" ސުމައްޔާ އޭނާގެ ތަޖްރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

ރަށު ފެންވަރުގައި ކުޅެން ފެށި ސުމައްޔާ ވަނީ ގައުމީ ފެންވަރުގެ ވިދުންގަދަ ކުރިކެޓް ކުޅުންތެރިއަކަށްވެ ތާރީހުން ޖާގަ ހޯދާފައެވެ. ގައުމީ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވި އަދިވެސް އޭނާ ހުރީ މި ކުޅިވަރުގައި ދެވުނު އެންމެ މައްޗަށް ދިއުމުގެ އުންމީދުގައެވެ.

ކުރިކެޓް އެހެން ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭން މިސްރާބު ޖަހާފައިވާ އަމާޒަށް ވާސިލުވުމުގައި ސުމައްޔާ ފަދަ މޮޅު ކުޅުންތެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

އަދި ގްރާސްރޫޓް ތަމްރީނު ޕްރޮގްރާމްތަކާއި ގައުމީ ޓީމުތަކުން އެހެންގައުމުތަކާއެކު ތަޖްރިބާ ހިއްސާކުރުމުގެ މެޗުތައް ކުޅުމަކީވެސް މުހިންމު ކަމެކެވެ. އެހެންކަމުން ސުމައްޔާއާއި ކުރިކެޓްގެ އެހެން އެތްލީޓުންވެސް ތިބެނީ މިފަދަ ފުރުސަތަކަށް ބަލަބަލައެވެ.