"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ރީޖަން 4، ގއ.ވިލިނިގިލީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމް ގއ. ވިލިނިގިލީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 މި 2 ދުވަހުއެވެ. މި ހަރަކާތުގެ ތެރެއިން ގއ. އަދި ގދ. އަތޮޅު ހިމެނޭހެން ޖުމްލަ 45 ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޖިސްމާނީ ކަސްރަތުގެ އަސާސްތަކުގެ ސެޝަން ނަންގަވައިދެއްވާނީ ކަސްރަތު ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމުގައިވާ އިސްމާޢިލް އަހުމަދުއެވެ.
މި ސެޝަންތަކުގެ އަލީގައި ޕްރޮގްރާމުގެ ބައިވެރިންނަށް މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި މޫދުގައި ކަސްރަތު ކުރާނެ ފަންނީ އުކުޅުތައް ދަސްކޮށްދެވޭނެއެވެ. އަދި ކަސްރަތުކުރުމުގައި އެރަށަކުން ލިބެން ހުރި ޤުދުރަތީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންކުރުމަށް ޕްރޮގްރާމުގެ ބައިވެރިން ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނިއުޓްރިޝަން ސެޝަން ނަންގަވައިދެއްވާނީ ގއ.އަތޮޅު ހޮސްޕިޓަލުގެ ފަރާތުންނެވެ. މި ސެޝަންގެ ތެރެއިން، މިންހެޔޮ ކާނާ ކެއުމުގައި ބޭނުންކުރާނެ ގޮތްތަކާއި، ހަށިގަނޑުގެ ބަރުދަން ލުއިކޮށް އެއްވަރެއްގައި ހިފެހެއްޓުމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ހަމެޖެހިފަވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފަރާތުން ޗައިލްޑް ސޭފްގާޑިންގ އެންޑް ސްޕޯޓްސް އެވެއާރނަސް ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެމަތިން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ “ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް”ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ޤައުމީ ޕްރޮގްރާމެކެވެ.
ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކައުންސެލަރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިޕްރޮގްރާމު ހިންގުމުގައި ބަލާނީ އެރަށަކަށް އެންމެ މުހިންމު ޕްރޮގްރާމެއްހިންގުމަށްކަމަށާއި މި ހަރަކާތް ކުރިއަށްގެންދާއިރު ރަށުން ލިބެންހުރި ވަސީލަތްތަކާއިރަށުގައި އެކަމުން ތަމްރީނުލިބިފައިވާ ފަރާތްތައް މި ޕްރޮގާރާމުގައި ބޭނުންކުރުމަށް އިސްކަންދެއްވާނެކަމަށް ކުޅިވަރު ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.