މެންޗެސްޓާ ޔުނައިޓެޑުގެ އެއް ހިއްސާދާރު ސަރ ޖިމް ރެޓްކްލިފްއަށް އެ ކުލަބުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ރައްދުދީފިއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގައި ސްޕޭނުގެ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ ކުއާޓާ ފައިނަލަށް ދިޔަ މެޗުގައި ހެޓްރިކް ހެދި ކުޅުންތެރިޔާ މެޗަށް ފަހު ވާހަކަ ދެއްކީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ އެވެ.
އޭނާ ރުޅި އައީ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނަކީ ފެންވަރު ނުދެއްކި އަދި މާ މުސާރަ ބޮޑު ކުޅުންތެރިން ކަމަށް ރަޓެކްލިފެ ވިދާޅުވުމާ ގުޅިގެންނެވެ.
ޔުނައިޓެޑާ ހަވާލުވުމަށްފަހު ރަޓްކްލިފޭ ދަނީ ކުލަބުގެ ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އޭނާ އައުމުގެ ކުރިން ހަދާފައިވާ ބައެއް ކުޅުންތެރިންނާއެކު ހަދާފައިވާ އެގްރީމަންޓްތަކުގައި ހުރީ އެމީހުންގެ ފެންވަރަށްވުރެ ބޮޑު މުސާރަތައް ކަމަށް ރަޓްކްލިފޭ ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ކަސެމީރޯ އާއި ކީޕަރު އަންދްރޭ އޮނާނާ އާއި ރަމްސުސް ހުޖްލުންޑް ހިމެނެ އެވެ. ނަމަވެސް މި ލިސްޓުގައި ފެނާންޑޭޒް ހިމެނޭކަމެއް ރަޓްކްލިފޭ ވިދާޅެއްނުވެ އެވެ.
ނަމަވެސް ފެނާންޑޭޒް ބުނީ ކުޅުންތެރިންނާމެދު އެކަކު ވެސް ހާއްސަކޮށް ކުލަބުގެ ވެރިން އެ ގޮތަށް ވާހަކަ ދައްކަން އެއްވެސް މީހަކު ނޭދޭނެ ކަމަށެވެ.
"މި ކުލަބުގައި އަހަރުމެންނަށް ފަސޭހަކޮށް ނުލެވޭނެ. ސަބަބަކީ މީޑިއާތަކުން އެ ތިބެނީ އަހަރުމެން ކުރާ ކަންކަން އަބަދު ބަލަބަލާ. އަދި އެހާ ޗެލެންޖިން މި ޓީމުގައި. ޓީމުން ވެސް ކުރަނީ ވަރަށް މަތިވެރި އުއްމީދު ތަކެއް. ދެން ކުޅުންތެރިންގެ މައްސަލައެއްނޫން ކޮންޓްރެކްޓްތަކުގައި ހުރި މުސާރަ އަކީ. އެއީ ކުލަބުން ވެސް އެއްބަސްވެގެން ދެ ފަރާތުން ނިންމާފައިވާ އަގުތަކެއް،" ފެނާންޑޭޒް ބުންޏެވެ.
އޭނާ ބުނީ ހުސްވި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށްލަން އޭނާ އަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ކުލަބުގައި މަޑުކުރީ ކާމިޔާބީތަކެއް ހޯދަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް މި ސީޒަނަށް ފަހު ކުލަބުން ވަކިވާނެ ކަމަށް ދެކެވޭ ވާހަކަތަކާމެދު ފެނާންޑޭޒް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އޭނާ ބުނީ މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑްގައި މަޑުކުރީ ކުރިން ހުރި ކޯޗު އެރިކް ޓެންހަގްގެ ޕްލޭނުގައި އޭނާ ހިމެނޭ ކަމަށް ބުނުމުން ކަމަށެވެ.