ޚަބަރު

އޭޝިއާ މީޑިއާ ސަމިޓަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް


  • މި އަހަރުގެ ސަމިޓު ބާއްވަނީ ދިވެހިރާއްޖެއިން

  • ސަމިޓު ކުރިއަށް ދާނީ މި މަހުގެ 11އިން 14އަށް

  • ސަމިޓުގައި 200އަށްވުރެ ގިނަ މަންދޫބުން ބައިވެރިވޭ

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިއަހަރުގެ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މިފަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ ޓިމޯ ލެސްޓްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ސޯޝަލް ކޮމިއުނިކޭޝަންސް އެކްސްޕެޑިޓޯ ލޯރޯ ޑިއާސް ޒިމެނެސް ވެސް ވަނީ މިއަދު ރާއްޖެވަޑައިގެންފައެވެ.

އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ. އޭއައިޑީބީއާ ގުޅިގެން މިފަހަރުގެ ސަމިޓު އިންތިޒާމްކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.

އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.

އޭޝިއާ މީޑިއާ ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ކުރަމުންނެވެ.

މިމަހުގެ 11ވަނަ ދުވަހު ކުރިއަށްދާނީ ޕްރީ ސަމިޓް ވޯކްޝޮޕްތަކެވެ. ޕްރީ ސަމިޓްގެ 5 ވޯކްޝޮޕެއް ކުރިއަށްގެންދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީ ޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.

އޭޝިޔާ މީޑީއާ ސަމިޓް ރަސްމީކޮށް ފަށާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.

މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.