ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ނެދަލަންޑްސްއާ ދެކޮޅަށް ކުޅެން ނެގި ސްޕެއިން ޓީމުން ރެއާލް މެޑްރިޑުގެ ރައުލް އަސެންސިއޯ އާއި ބާސެލޯނާގެ އިނިގޯ މާޓިނޭޒް ޖާގަ ހޯދައިފިއެވެ.
މި ދެ ކުޅުންތެރިންނަކީ ވެސް މި ވަގުތު ވަރަށް ފޯމުގައި ތިބި ދެ ޑިފެންޑަރުންނެވެ. މީގެ ތެރެއިން ރައުލް އަސެންސިއޯ އަކީ މިހާތަނަށް ގައުމީ ޖާޒީގައި ކުޅެފައިވާ ކުޅުންތެރިއެއްނޫނެވެ.
ކޯޗު ލުއިސް ޑެލަފުއެންޓޭ އެކުލަވާލި ޓީމު މި ދެ ކުޅުންތެރިންނަށް ޖާގަ ލިބުނުއިރު ޓީމުގައި މިހާތަނަށް ގަވާއިދުން ކުޅެމުން އައި އެމެރިކް ލަޕޯޓް އާއި ޑެނީ ވިނިއަން އަށް ވަނީ އަނިޔާގެ ސަބަބުން މި ފަހަރުގެ ޓީމުން ޖާގަ ނުލިބިފަ އެވެ. މީގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ މެންޗެސްޓާ ސިޓީގެ ރޮޑްރީ ވެސް އަނިޔާގެ ސަބަބުން ޓީމުން ޖާގަ ނުލިބުނެވެ.
މިހެންވެ މެދުތެރެއަށް ކުޅުވަން ނަގާފައިވަނީ ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު މާކް ކަސާޑޯ އާއި ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީ އާއި ވިޔަރެއާލްގެ އެލެކްސް ބައެނާ އަދި ޕީއެސްޖީގެ ފަބިއަން ރުއިޒް އެވެ.
އޭސީ މިލާނުން ލޯބނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަޓަސަރާއީ އަށް ކުޅެމުން އަންނަ ސްޕޭނުގެ ކެޕްޓަން އަލްވާރޯ މޮރާޓާ އަށް ވެސް ވަނީ ޓީމުން ޖާގަ ދީފަ އެވެ.
ނޭޝަންސް ލީގުގެ ތަށި ދިފާއު ކުރަން މަސައްކަތް ކުރަމުންދާ ސްޕޭން މި މަހުގެ 20 ވަނަ ދުވަހު ކުޅޭނީ ނެދަލޭންޑްސްގެ ރޮޓަޑަމްގަ އެވެ. ސްޕޭނުގައި ކުޅޭނީ އޭގެ ތިން ދުވަސް ފަހުން ވެލެންސިއާގަ އެވެ.