ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް މިއަހަރު ސައުތު އެފްރިކާއާއި ޖަރުމަނަށް ފަށަނީ


  • މޯލްޑިވިއަންގެ ވައިޑް-ބޮޑީ ދަތުރުތައް މިހާރު އޮންނަނީ ޗައިނާގެ 3 މަންޒިލަކަށް

މިއަހަރުގެ ތެރޭގައި ސައުތު އެފްރިކާއާއި ޖަރުމަނުވިލާތައް ދަތުރުތަށް ފަށަން ތައްޔާރުވަމުންދާކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް މިހާރު ދަނީ ޗައިނާގެ 3 މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. އެއެއަލައިނުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށެވެ. އަދި ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ތެރޭގައި ޖަރުމަނުވިލާތަށާއި ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މޯލްޑިވިއަނުން ދަނީ ވަމުންނެވެ. މިކަމާއި ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. އަދި މިއީ ދުރު މަންޒިލްތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވާނެކަމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ރާއްޖެ ގެންނާނެކަމަށެވެ. މޯލްޑިވިއަނުން މިހާރު ޗައިނާގެ 3 މަންޒިލަކަށް ދަތުރުކުރަމުންދާއިރު މި ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑުކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.