ޚަބަރު

އެމެރިކާގައި ހިމަބިހީގެ ކޭސްތަކުގެ އަދަދު 300އާ ގާތްކުރަނީ


އެމެރިކާގެ ދެކުނާއި ހުޅަނގުދެކުނުގައިވާ ދެ ސްޓޭޓެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ މީސްލްސް ނުވަތަ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 294ށް އުފުލިއްޖެއެވެ. ގައިންގަޔަށް އަރާ ނުރައްކާތެެރި ބައްޔެއް ކަމުގައި ހިމަބިހި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ދެކުނުގައި އޮތް ޓެކްސަސް އަދި ހުޅަނގުދެކުނު ނިއު މެކްސިކޯގައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މި ބަލި ފުރަތަމަ ފެތުރެން ފަށާފައި ވަނީ ޓެކްސަސްގެ ހުޅަނގުގެ ސަރަޙައްދުތަކުގައެވެ.

ހުސްވި އަހަރު އެމެރިކާގައި މި ނުރައްކާތެރި ބަލި ޖެހުނު މީހުންގެ އަދަަދަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މި ވަނީ ބަލި ޖެހިފައެވެ. އަދި، އެތަކެއް ހާސް ބަޔަކު މި ވަނީ ބައްޔަށް ހުށަހެޅިފައެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ހުސްވި އަހަރު އެ ޤައުމުގެ ހިމަބިހި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 285 މީހަކަށެވެ.

މި ނުރައްކާތެރި ބަލި ފެތުރެމުންދާ މިންވަރު ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެތަކެއް ގުނައަކަށް ހަލުވިވެފައިވާ ކަމުގައި ޓެކްސަސް އަދި ނިއު މެކްސިކޯގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ބުންޏެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހިފައިވާ ކަމުގައި ވެސް އެ އިދާރާތަކުން ބުންޏެވެ. މި ގޮތުން، ފާއިތުވި ތިން ދުވަހުގެ ތެރޭގައި މި ބަލި ޖެހިފައިވާ އިތުރު 38 މީހަކު ވަނީ ދެނެގަނެވިފައެވެ.

ޓެކްސަސާއި ނިއު މެކްސިކޯގައި ނުރައްކާތެރި ކަން އިތުރު ވަނީ

ޖަނަަވަރީ މަހުގެ ތެރޭގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފަށާފައިވާ ކަމަށް ފާހަގަ ކުރެވެނީ ޓެކްސަސްގެ ގެއިންސް ކައުންޓީންނެވެ. މާރިޗު 11ވަނަ ދުވަހު އެ ރަަށުގައި މި ބަލި ޖެހިފައިވާ 156 މީހުން ތިބި ކަމަށާއި، އެ އަދަދު މިހާރު 174ށް އުފުލިފައިވާ ކަމުގައި ޓެކްސަސްގެ ޞިއްޙަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރެއިން 34 މީހަކު ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަން ވެސް އިދާރާތަކުން ހާމަކުރިއެވެ.

ނިއު މެކްސިކޯގައި ވެސް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 33ން 35ށް އުފުލިފައެވެ. އިތުރު ދެ ކޭސް ފެނިފައި ވަނީ އެޑީ ކައުންޓީންނާއި ލެއި ކައުންޓީންނެވެ. އެއީ، ޓެކްސަސްގެ ގެއިންސް ކައުންޓީއާ އިންވެގެން އޮތް ދެ ރަށެވެ. ޓެކްސަސާ އިންވެގެން އޮތް އޮކްލަހޯމާ ސްޓޭޓުން ވެސް ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ދެ މީހަކު ވަނީ ދެނެގަނެވިފައެވެ. އެ ސްޓޭޓްގެ ޞިއްޙީ އިދާރާތަކުން ބުނީ، ހިމަބިހީގެ އަލާމާތްތައް ފެނިފައިވާ ދެ މީހަކު ދެނެގަނެވި، އެ މީހުންނަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރުމަށް ތަހުލީލު ހަދަމުންދާ ކަމުގައެވެ.

މި ނުރައްކާތެރި ބަލި އެހެން ސްޓޭޓްތަކަށް ފެތުރެން ފަށާފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ސެޓަން ހޯލް ޔުނިވަރސިޓީގެ ވައިރޮލޮޖިސްޓު ޑެނިޔެލް ނިކޮލްސް ވިދާޅުވިއެވެ. "ނަަމަވެސް، މި ވަގުތު، ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް އުފުލެމުން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވިއެވެ.

2015ށް ފަހު އެމެރިކާއިން ފުރަތަމަ މަރު

މި ބަލީގައި އެމެރިކާއިން ވަނީ ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލިފައެވެ. މިއީ، 2015ވަނަ އަހަރަށް ފަހު ހިމަބިހިޖެހިގެން އެމެރިކާއިން މީހަކު މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ފުރަތަމަ ފަހަރެވެ. ފެބުރުވަރީ މަހުގެ ތެރޭގައި ޓެކްސަސުން މަރުވެފައި ވަނީ، މި ބަލިން ރައްކާތެރި ކުރުމަށް ބޭނުން ކުރާ ވެކްސިން ޖަހައިދީފައި ނުވާ ކުއްޖެކެވެ. އެއަށް ފަހު، ނިއު މެކްސިކޯއިން ވެސް އިތުރު މީހަކު މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ނަމަވެސް، އެއީ ހިމަބިއްސާ ގުޅުން ހުރި މަރެއް ކަން އެމެރިކާގެ އިދާރާތުން މިހައިތަނަށް ކަށަވަރު ކޮށްދީފައެއް ނެތެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ހިމަބިހި އެމެރިކާގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔުމަކީ އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ރޮބަރޓް އެފް ކެނެޑީ ޖޫނިޔަރއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ކަމާ ގުޅޭ އެންމެ މުހިންމު ސަބަބަކީ، އޭނާއަކީ ވެކްސިނާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅަކަށްވުމެވެ. އަދި، ވެކްސިނަކީ ނުރައްކާތެރި ބަލިތަކުން ފުރާނަ ސަލާމަތްކޮށްދޭ ވަސީލަތެއް ކަން ޤަބޫލު ނުކުރައްވާ ބޭފުޅަކަށްވުމެވެ.

ސީޑީސީން ބުނީ، ހިމަބިހި ފެތުރުން ކޮންޓުރޯލު ކުރުމަށް މިހައިތަނަށް ހޯދިފައި އޮތް އެންމެ ރަނގަޅު ފަރުވާއަކީ މީސްލްސް، މަމްޕްސް އެންޑް ރުބެއްލާ (އެމްއެމްއާރް) ވެކްސިން ކަމުގައެވެ. ޓެކްސަސްގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުނީ، އެ ސްޓޭޓުގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 257 މީހުން ވެކްސިން ޖަހާފައި ނުވާ ކަމުގައެވެ.

ހިމަބިއްސަކީ ކޮބާ؟

ހިމަބިއްސަކީ ވައިރަހެއްގެ ފުށުން ފެތުރޭ، ހަލުވިކަމާ އެކު ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފެތުރެނީ، ބަލި ޖެހިިފައިވާ މީހަކު ކެއްސުން ނުވަތަ ކިނބިހި އެޅުމުން، ވައިގެ ތެރެއަށް ފެތުރޭ ތެތްކަމުގެ ޒަރިއްޔާއިންނެވެ. އުމުރު ދިގު މި ވައިރަސް، އެކި ތަންތަނުގެ މަތީގައި އެތަކެއް ގަޑިއިރަކަށް ދެމިހުންނަ ކަމުގައި ދިރާސާތަކުން ވަނީ ހާމަވެފައެވެ.

މި ބަލީގެ ނިޝާންތަކުގެ ތެރޭގައި މުޅި ހަށިގަނޑުގައި ބިހިތަކެއް ފެތުރުމާއި، ގަދަ ހުމާއި، ކެއްސުމާއި، އަރިދަފުސްއެޅުމުގެ އިތުރުން ލޮލު ރޯގާގެ އަލާމަތްތައް ވެސް ހިމެނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފުށުން އެންމެ ފުރަތަމަ ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުމާއި، ކެއްސުމާއި، އަރިދަފުސްއެޅުމާއި ކަރުގައި ރިހުން ހިމެނެއެވެ. މި ބަލީގެ ފުށުން ޖެހޭ އެހެން ނުރައްކާތެރި ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ނިޔުމޯނިޔާ އަދި އެންސެފަލިޓިސް ހިމެނެއެވެ. މިއީ، ޚާއްޞަ ގޮތެއްގައި ކުޑަކުދިންގެ ފުރާނައަށް ނުރައްކާތެރި ކަން ބޮޑު ބައްޔެކެވެ.