ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ކްރިކެޓް ދަނޑު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް، ދިވެހި ޕްރިމިއަރ ލީގު އިފްތިތާހުކުރަން އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުތު އޭޝިއަން ނެޓްވޯކް (ސޭން) އާއެވެ. މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގެ ކުންފުނިން ފުވައްމުލަކު ދަނޑު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ކުރިކެޓް ލީގު ބޭއްވުމުގެ އިންތިޒާމުތައްވެސް ހަމަޖައްސާނެއެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ، ސޭންއާ އެކުވީ އެއްބަސްވުމުގެ ދަށުން ރޭގަނޑާއި ދުވާލުވެސް ފުވައްމުލަކު ކުރިކެޓް ދަނޑުގައި ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމާ، ފްރެންޗައިޒް މުބާރާތެއް ގޮތަށް މޯލްޑިވްސް ޕްރިމިއާ ލީގު އިފްތިތާހު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
އެއީ ހަތްދިހަވަރަކަށް މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކަމަށާއި، އެ ލީގުގައި 6 ގައުމަކުން ބައިވެރިވާނެ ކަމަށްވެސް އިސްހާގު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދާނެ ދޮރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ރާއްޖެއަށް ބައިނަލްއަގްވާމީ ކުރިކެޓް މުބާރާތެއް ގެނައުމަށް ސީބީއެމް އިން މަސައްކަތް ފަށާފައިވާއިރު އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓީ 10 އާއި އެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިސްހާގް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ކުރިކެޓާއި އެހެން ކުޅިވަރުތަކަށްވެސް ވަރަށް އަގު ހެޔޮކޮށް ވަރަށް ކޮލިޓީ ރަނގަޅު ބައިނަލްއަގްވާމީ ފެންވަރުގެ ޖާޒީތައް ލިބިގެން ދާނެކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފަރާތުން ކުރިޔަށް އޮތް 3 އަހަރު
ދުވަހަށް ގައުމީ ޓީމަށް ޖޯޒީ ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
ފުވައްމުލަކު ކުރިކެޓް ދަނޑުގައި މިހާރު ކުޅެވެނީ ހަމައެކަނި ދުވާލު ގަޑީގައެވެ. އެ ދަނޑުގައި ސުކޫލުތަކުގެ ކުދިންނާއި، އެ ސަރަހައްދުގެ ރަށްރަށުން ބައިވެރިވާ ބައެއް މުބާރާތްތައް ބާއްވާފައިވެއެވެ. އަދި ގްރާސްރޫޓް ލެވެލްގެ ތަމްރީނުތަކާއި ކްރިކެޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައެވެ.