ކުޅިވަރު

ވެޓެރަންސް ލީގު: ބޮޑު މޮޅަކާއެކު ހުޅުމާލެ ވެޓެރަންސް އުންމީދުގައި


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި ތާފަތު ބޮޑު ނަތީޖާއަކުން ޒެލޮޓް ބަލިކޮށް، ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު އެންމެ ފަހުގެ ޗެމްޕިއަނުން ހުޅުމާލެ ވެޓެރަންސް ކުލަބުން އައުކޮށްފިއެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ 17-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހުޅުމާލެ ވެޓެރަންސްއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ހުސައިން ޝިމާޒް (ކޮކީ) ވަނީ ހަ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ހުސައިން ނަޝީދު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ރިޝްވާން އަޙްމަދާއި، ގޯލްކީޕަރު ހަސަން ރަމީޒް އާއި، މޫސާ ހަސަން އާއި، އަބްދުﷲ ޒުބައިރާއި، އަޙްމަދު މަމްދޫހާއި، މުޙައްމަދު އާފިއު ހާމިދާއި، ޔޫސުފް ނިޔާޒްގެ އިތުރުން އަޙްމަދު މުޙައްމަދު (އައްމަޑޭ) އެވެ. މީގެ އިތުރުން ޒެލޮޓްގެ މޫސާ ރަޝީދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި މޮޅާއެކު ގްރޫޕް އޭގެ ތިންވަނައަށް ހުޅުމާލެ ވެޓެރަންސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އޮތް ހުއްރިއްޔާ ސްޕޯޓްސް ކުލަބަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހުޅުމާލެ ވެޓެރަންސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތް ދިވެހި ސިފައިންގެ ކުލަބާއި، ދެވަނައިގައި އޮތް ވިލިމާލެ ޔުނައިޓެޑަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ޒެލޮޓަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.