ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ބައިވެރިންގެ ފަރާތުން ލިބުނީ ޕޮޒިޓިވް ފީޑްބެކުތަކެއް ކަމަށް އެ އެސޯސިއޭޝަނުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވެއްޖެއެވެ.
މީރުމާ ހޮޓެލްގައި ކުރިއަށްގެންދިޔަ ކޮންގްރެސްއަށްފަހު "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ކޮންގްރެސްގައި އެންމެހާ ކަންތައްތައްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ކުދިކުދި މައްސަލަތަކައް ކުރިމަތިވި ނަމަވެސް އެކަން ފީފާ އާއި އޭއެފްސީގެ ވަފުދުން ހައްލުކޮށްދެއްވައި، ކޮންގްރެސް ކުރިއަށް ގެންދެވުނު ކަމަށެވެ.
ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކާއި ފީފާގެ އޮފިޝަލުންގެ ފަރާތުންވެސް ލިބުނީ ރަނގަޅު ކޮމެންޓުތަކެއް ކަމަށާއި، ޖުމްލަކޮށް ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބަކުން މި ކޮންގްރެސް ބޮއިކޮޓްކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ހާޒިރުވެފައެވެ. ކޮންމެ ކުލަބަކަށް ދެ ވޯޓު ދެވޭ ގޮތަށް ހަމަޖެހިފައި އޮންނައިރު ބޮއިކޮޓް ކުރި ކުލަބުތަކަކީ ކުލަބު ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޑެޓް ވިކްޓަރީ (ޔޫވީ) އަދި ކުލަބު އީގަލްސްއެވެ.
ޝުޖާއު ވިދާޅުވީ މި ކޮންގްރެސްގައި ޑިސިޕްލިން ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެފްއޭއެމްގެ ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓުކުރުމަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ އޮޑިޓް ފާމަކީ "ޕްރިޓެންޑް ޗާޓެޑް އެލްއެލްޕީ" ކަމަށްވެސް ވިދާޅުވިއެވެ.