ޚަބަރު

އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


  • ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް ހުށައެޅޭނެ

  • ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ވިޔަފާރި އެހީ" ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްޑީއެފްސީން ވިދާޅުވީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އެސްޑީއެފްސީން ވިދާޅުވީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް މިލޯނު ބޭނުންކުރެވިދާނެ ކަމަށެވެ. އެސްޑީއެފްސީގެ ވެބްސައިޓުން ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި، "ވިޔަފާރި އެހީ" ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާކަމަށް އެސްޑީއެފްސީއިން ވިދާޅުވެއެވެ.

ވިޔަފާރި އެހީއަށް ލޯނުގެ އަދަދު 700،000 ރުފިޔާއަށްވުރެ މަތިވާނަމަ ރަހުނެއް ދައްކަން ޖެހޭނެއެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު %9.5 އިތުރުވާނެއެވެ. މީގެއިތުރުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރު ދޭނެކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.