ޚަބަރު

ދަނޑުވެރިންނަށް ޚާއްސަ ލޯނު ޕްރޮގުރާމަކަށް ސީއެފްސީއިން ހުޅުވާލައިފި


  • ލޯނަށް އެދި ހުށައަޅުމުގެ ފުރުސަތު 1 އޭޕްރީލް 2025ގެ ނިޔަލަށް ވަނީ ހުޅުވާލެވި

  • އަންހެން ވިޔަފާރިވެރިންނަށް އިސްކަންދެވޭނެ

ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް އ.ދގެ ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ލޯނު ޕްރޮގްރާމަކަށް ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެއަކީވެސް ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް ސީއެފްސީގެ މެމްބަރު ގައުމަކަށްވުމުން މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިިވެހި ދަނޑުވެރިންނަށްވެސް ހުޅުވާލެވިފައިވާކަމަށެވެ. އަދި މިއީ ދަނޑުވެރިންގެ ވިޔަފާރިތަށް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެގޮތުގައި އެވުޒާރާއިން ދެކެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް އަދި އަންހެނުން އިސްކޮށް ހަރަކާތްތެރިވާ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ސީއެފްސީއިން އިސްކަންދޭނެ ކަމަށެވެ. މި ލޯނަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު 1 އޭޕްރީލްގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ސީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސީއެފްސީގެ އަމާޒަކީ މި ލޯނު ޕްރޮގްރާމާއި އެކު ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމާއި އެކު ލިބޭ އާމްދަނީ އިތުރުކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމެވެ. އަދި މި ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީވެސް މި ލޯނު ޕްރޮގްރާމުގެ މަޤްސަދެއް ކަމަށް ސީއެފްސީއިން ވިދާޅުވެއެވެ.

އަދި މީގެއިތުރުން މި ލޯނަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެތެރެއިން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ސީއެފްސީއިން ވިދާޅުވެއެވެ. އެގޮތުން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުގައި ބޭނުންކުރެވޭނެ ވަސީލަތްތަކުގެ ވިޔަފާރިތަކަށްވެސް މި ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ސީއެފްސީއިން ވިދާޅުވެއެވެ.