ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް އިންޑިއާ ނުކުންނައިރު، ކުޅުން ހުއްޓާލައިގެން ހުރި ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ ލިސްޓުގައި ހިމެނީ އެއްވެސް ގޮތެއް ނެތިގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ރާއްޖޭގައި ބޭއްވި ގައުމީ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ސުޒެއިން ބުނީ އިންޑިއާގެ އަބާދީ ބިލިޔަނަކަށް ވުރެން މައްޗަށް ދިޔަ ނަމަވެސް، ކުޑަކުޑަ ރާއްޖެއާ ކުޅޭއިރު އެ މީހުންގެ ސީރިއަސްކަން މިކަމުން ހާމަވެގެންދާ ކަމަށެވެ.
"ސުނިލް ޗެތުރީ ބޫޓު ބާލައި، ޖާޒީ ބާލާއި، ގޭގެ ހުއްޓާ މި ގެނައީ. އެ މީހުން ރާއްޖެއާ މެދު ސީރިއަސްކޮށް ނެގިވަރު މީގެއިން މި އެނގިގެންދަނީ. ދެން އަޅުގަނޑުމެންގެ ކުޅުންތެރިންވެސް ޗެތުރީ އެނބުރި އައުމާއެކު އިތުރު ސީރިއަސް ވިސްނުމަކަށް އަންނާނެ." ސުޒެއިން ބުންޏެވެ.
ސުޒެއިން މި މޭރުމުން ވާހަކަ ދެއްކިއިރު، އަިންޑިއާގެ ގައުމީ ޓީމަށް ފަހަކަށް އައިސް ވަނީ ލަނޑު ޖެހުމުގައި މައްސަލަތައް ކުރިމަތިވެފައެވެ. އެހެން ކަމުން އެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ނިންމި އެންމެ މުހިންމު ނިންމުމަކީ އިންޑިއާ ލީގުގައި މިވަގުތު އެންމެ ފޯމުގައި ހުރި ފޯވާޑް، އުމުރުން 40 އަހަރުގެ ޗެތުރީ ޓީމަށް ނެގުމެވެ.
ސުޒޭން ބުނީ މިއީ އެކުވެރިކަމުގެ މެޗެކަށް ވުރެ ސީރިއަސް ވިސްނުމެއްގައި ކުރިމަތިލާ މެޗެއް ކަމަށާއި، އިންޑިއާގެ ތައްޔާރުވުންތައްވެސް ހުރީ އެހެން ކަމަށެވެ. ދިގު ދަތުރަކަށްފަހު އިންޑިއާއަށް ދެވުނު ނަމަވެސް، މެޗުގައި ކުރިން ދެ ދުވަހު ޓީމު އެއްކޮށް ފަރިތަކޮށްލަން ލިބޭ ކަމަށާއި، ބޭނުމަކީ މާލޭގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފާރާތުން ފެނުނު މަސައްކަތް މެޗުގައި ފެނިގެން ދިޔުން ކަމަށްވެސް ސުޒެއިން ބުންޏެވެ.
ބައިނަލްއަގުވާމީ އެކުވެރިކުމުގެ މެޗެއްގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ބުދަ ދުވަހު ނުކުންނައިރު، އެންމެ ފަހުން އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމު ބައްދަލުކޮށްފަވަނީ މީގެ 14 އަހަރު ކުރިންނެވެ. މާލޭގައި ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.