އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.
މި މެޗުން ފުލަމް މޮޅުވުމާއެކު ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. މީގެ ކުރިން ޖެހިޖެހިގެން ދެ ފަހަރު މަތިން ޔޫރަޕުގެ ފުޓްބޯޅަ މުބާރާތުން ފުލަމްއަށް ފުރުސަތު ލިބިފައިވަނީ މީގެ 19 އަހަރު ކުރިންނެވެ.
މި މެޗުން މޮޅުވުމާއެކު ފުލަމްއަށް ވަނީ 45 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފައެވެ. ފަސްވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނި 48 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ތަނަވަސްކުރެވިފައިވަނީ މަދު ފުރުސަތެކެވެ. އެގޮތުން ފުލަމް އަށް ފުރަތަމަ ހާފުގައި ލިބުނު ހަމައެކަނި ފުރުސަތުގައ ޓިމޮތީ ކަސްޓާނިއާ ފޮނުވާލި ހަމަލާ ވަނީ ބޭރުވެފަ އެވެ.
މި މެޗުގައި ފުލަމް އިން ޓޮޓްނަމް ހޮޓްސްޕަރގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ރޮޑްރިގޯ މުނީޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުނީޒް ވަނީ މިދިޔަ ސީޒަނުގައިވެސް ޓޮޓްނަމް ކޮޅަށް ދެ ލަނޑު ޖަހާފަ އެވެ.
އަދި އޭގެ 10 މިނިޓު ފަހުން ފުލަމްގެ ރަޔާން ސެސެގްނަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަކޮށް ފުލަމް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.