ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފަށައިފިއެވެ. މި ފޯރަމް ކުރިއަށް ދާނީ، މިމަހުގެ 23އިން 25އަށް ބާސެލޯސް ނަސަންދުރާ މާލެ ހޮޓެލްގައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްސަކޮށް އެޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީ ދޭ ޤައުމުތަކާއި، ޖަމްޢިއްޔާތަކާއި، ދިރާސާވެރިންނާއި، އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގެ ތެރެއިން އެޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމާއި، އެޤައުމުތަކުގައި އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރާނެއެވެ. މި ފޯރަމް ބާއްވަނީ، ކޮންމެ ދެ އަހަރުން އެއް އަހަރު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައެވެ.
މިއަހަރުގެ ފޯރަމްގައި 30 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރުތަކުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމިއްޔާތަކާއި، ޢިލްމީ އަދި ދިރާސާކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިފޯރަމްގައި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ ފޯރަމްގައި 5 ޕެނަލްއަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި، އިންވެސްޓްމަންޓު ޝޯކޭސްތަކެއްގެ އިތުރުން ނެޓްވޯކިން ފުރުޞަތުތައް ހިމެނިފައިވެއެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އެޤައުމުތަކުގެ ސަރުކާރުތަކާއި، އެހީދޭ ފަރާތްތަކުގެ ތެރެއިން 15 ބައިވެރިންގެ މަސައްކަތްތަކާއި އުފެއްދުންތައް ދައްކާލަން ބަހައްޓާފައި ހުންނާނެއެވެ.
މިއީ، ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ގޮތުގައި މިފޯރަމް ބާއްވާތާ 10 އަހަރު ފުރޭ އަހަރެވެ. އަދި މިއީ 2024ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުގައި ފާސްކުރި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ފާސްކުރުމަށްފަހު ބާއްވާ މިފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމްކަންވެސް ފާހަގަކޮށްލެވެއެވެ.
މި ފޯރަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ހައްސާސް މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި ރާއްޖެއިން ޒަމާނުއްސުރެ އަދާކުރަމުން އައި އިސްދައުރު އަލުން އިއާދަވެ، މި ދާއިރާތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ބަސްވިކޭ ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރާއްޖެއިން ހޯދާފައިވާ ތަރައްޤީގެ ކުރިއެރުންތައް އެހެން ޤައުމުތަކާ ޙިއްސާކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ރާއްޖެއަކީ ކާމިޔާބު ތަރައްޤީގެ މޮޑެލްއެއްގެ ގޮތުގައި ހުށަހެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއަހަރުގެ މި ފޯރަމް ރާއްޖޭގައި މިބާއްވަނީ، 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް އަދި ވަކިން ޚާއްސަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ސަބަބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ކޮންފަރެންސްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕްލޭނަރީ ސެޝަންތައް ޗެއަރ ކުރައްވާފައެވެ. އަދި އެ ކޮންފަރެންސްގައި ރާއްޖެއިން ތަފާތު ޕެނަލްތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރަމްގެ ހަވާސާގައި ހައި-ލެވަލް އިވެންޓުތައް ބާއްވާފައިވެއެވެ. މީގެއިތުރުން އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ވަނީ ހަރަކާތްތެރިވެފައެވެ.