ޚަބަރު

ލެސްޓާ އަތުން ޔުނައިޓެޑް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ޖުމްލަ 37 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމު ލިބިފައިވާއިރު ލެސްޓަރ ސިޓީއަށް ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ރެލިގޭޝަނުގެ ޒޯނުގައި 19 ވަނައިގަ އެވެ.

ލެސްޓަރ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 28 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ލަނޑެއް ނުޖެހި 21 މެޗު ދިއުމަށްފަހު އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ހޮއިލަންޑް އެންމެ ފަހުން ލަނޑެއް ޖަހާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު އެވެ.

ލެސްޓަރ ސިޓީ އިން މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގިނަ ހަމަލަތައް އުފައްދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލެހަންދްރޯ ގަރްނާޗޯ އެވެ.

އަދި މެޗުގެ ފަހު މިނިޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑް އިން ފުރަތަމަ ޖެހި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީވެސް ބްރޫނޯ ފެނާންޑޭޒް އެވެ.

މި މެޗުން ލެސްޓަރ ސިޓީ ބަލިވެފައިވާއިރު މިއީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ހަތް މެޗުން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.