މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށް ޓަކައި މި ހިނގާ މާރިޗުމަހުގެ 8 ވަނަ ދުވަހު، ލަގްޒަރީ ކުރިމަތިން ފެށި މި މަސައްކަތް މިހާރު ވަނީ ޗާންދަނީމަގުގެ ހުޅަނގު، މަޖީދީމަގުގެ ދެ ފަޅީގައިވާ ކާނުތައް ސާފުކޮށް މުޅިން ނިމިފަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސައްކަތް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވީ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު ކުރިއަށް ދާނީ ޗާންދަނީމަގުގެ އިރުމަތި، މަޖީދީމަގުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. މި ރަމަޟާންމަހު މި މަސައްކަތް ކުރަމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތަށް، ކުރިއަށް ގެންގޮސް ނިންމާލުމުން ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކުޑަނަމަވެސް ޙައްލެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށްވެސް އެ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ގިނަ މަގުތަކުގެ ކާނުތައް ކުނިބުނިން ފުރިބާރުވެ ފެން ނުހިނދެއެވެ.
ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަނީ ސިފައިންނާއި ފުލުހުންނާއި ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ.