ޔަހޫދީންނާ ދެކޮޅަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލިފި ނަމަ، ޔަމަންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިނުލާނެ ކަމަށް ބުނެ، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އިންޒާރު ދެއްވައިފިއެވެ. ޔަމަންގެ ރައްޔިތުން ޝަހީދު ކުރުމަށް އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ.
ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. ޒަޔަނިސްޓުންގެ އެންމެ ބޮޑު މަދަދުގާރަކީ ރައީސް ޓްރަމްޕެވެ. ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ހިންގަމުުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލައިފި ނަމަ ޔަމަނަށް ބޮން އެޅުން މެދުކަނޑައިނުލާނެ ކަމުގައި ހެގްސެތު ވިދާޅުވެފައި މި ވަނީ، އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އެ ޤައުމުގެ އުޅަނދުފަހަރަށް ޙަމަލާ ދޭނެ ކަމަށް ބުނެ އެ ޖަމާޢަތުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
"އަޅުގަނޑުމެންގެ އުޅަނދުފަހަރަށް ޙަމަލާ ދިނުން ހުއްޓައިލާނެ ކަން ޙޫޘީން އިޢުލާނު ކުރާ މިނެޓުގައި އަޅުގަނޑުމެންގެ ޙަމަލާތައް ވެސް މެދުކަނޑައިލާ ނަން، ކަލޭމެންގެ [ހޫޘީންގެ] ޑްރޯންތަކަށް ޙަމަލާ ދިނުން ވެސް ހުއްޓައިލާ ނަން. އަސްކަރީ ކެމްޕޭން ނިމުމަކަށް ގެންނާ ނަން، އެހެން ނޫން ނަމަ މި ކަން ކުރިއަށް ދާނެ،" ހެގްސެތު ވިދާޅުވިއެވެ.
"މީގެ [ޔަމަނުގެ ރައްޔިތުންނަށް ޙަމަލާ ދިނުމުގެ] ބޭނުމަކީ އަޅުގަނޑުމެންގެ މުދަލަށް ޙަމަލާ ދިނުން ހުއްޓުވުން… އެ މުހިންމު ކަނޑުގައި، އަދި ކަނޑުމަގުން ދަތުރު ކުރުމުގެ މިނިވަން ކަން ހޯދައިދިނުން، އެއީ އެމެރިކާގެ މަސްލަޙަތާ ގުޅިފައި އޮތް މުހިންމު ކަމެއް، އަދި އެ ކަމުގައި އީރާނުން ޙޫޠީންނަށް އެއްބާރުލުން ދެމުންދާތާ މާ ދިގު މުއްދަތެއް ހޭދަވެއްޖެ. އެ މީހުންނަށް [އީރާނަށް] އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ޖެހުން،" އީރާނަށް އިންޒާރު ދެއްވަމުން ހެގްސެތު ވިދާޅުވިއެވެ.
ޙޫޘީންގެ ކުށަކީ ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވުމެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ކަމުގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ޙަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ދަނީ ރަތް ކަނޑުގެ ސަރަޙައްދުގައެވެ. އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އާގުބޯޑުފަހަރަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ.
ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އެމެރިކާއިން ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53ށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. މިއީ، "ހަނގުރާމައިގެ ކުށެއް"ގެ ގޮތުގައި ސިފަކޮށް، އެމެރިކާއަށް ރައްދު ޙަމަލާ ދިނުމަށް ޙޫޘީން ވަނީ ނިންމާފައެވެ. މިއީ، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ.
ޙޫޘީންގެ ވެރިޔާ، ޢަބްދުލްމަލިކް އަލް-ޙޫޘީ ވިދާޅުވީ، އެމެރިކާއިން ޔަމަނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ، އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ވިޔަފާރި އުޅަނދުފަހަރަށް ޙަމަލާ ދޭން ފެށުމަށް ނިންމާފައިވާ ކަމުގައެވެ. "އެ މީހުންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދާ ނަމަ، އަޅުގަނޑުމެން ވެސް ރައްދުގައި ޙަމަލާ މެދުކަނޑައިނުލާ ނަން،" އޭނާ ވިދާޅުވިއެވެ.
ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ބުނީ، ރަތް ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ހެރީ އެސް ޓްރޫމަނަށް އަމާޒުކޮށް އެ ޖަމާޢަތުން ދެވަނަ ފަހަރަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، އެ އުޅަނދަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކުރި 11 އަސްކަރީ ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައެވެ. އެ އުޅަނދަށް ޙަމަލާ ދިނުމަށް މިސައިލެއް ވެސް ބޭނުން ކޮށްފައިވެއެވެ.
ޙޫޘީންނަށް ވާތްގާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޓްރަމްޕް ވަނީ އީރާނަށް ވެސް ގޮވައިލައްވާފައެވެ. އަދި، އޭނާ އެދިވަޑައިގަންނަވާ ގޮތަށް އަމަލު ނުކޮށްފި ނަމަ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. "އެމެރިކާއިން ކަލޭމެން [އީރާން] ޖަވާބުދާރީ ކުރުވާނެ، އަދި އަޅުގަނޑުމެން އެ ކަން ކުރާނީ ރީތި ގޮތުގައެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ވަނީ ޓްރަމްޕާއި ހެގްސެތުގެ އިންޒާރުތަކަށް ރައްދު ދީފައެވެ. އެ ޤައުމުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޙުސައިން ސަލާމީ ވިދާޅުވީ ޙޫޘީންނަނީ މިނިވަން ޖަމާޢަތެއް ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ ނިންމުންތަކަށް އީރާނުން ނުފޫޒު ފޯރުވަމުން ނުދާ ކަމުގައެވެ. "އީރާނާ ދެކޮޅަށް ދީފައިވާ އިންޒާރުތައް ތަންފީޒު ކުރަން [ޙަމަލާ ދޭން] ފަށައިފި ނަމަ، ދުޝްމަނުންނާ [އެމެރިކާއާއި އިސްރާއީލާ] ދެކޮޅަށް އަޅުގަނޑުމެން ޙިކުމަތްތެރިކަމާ އެކު ފަނާކުރަނިވި ރައްދެއް ދޭނަން،" އޭނާ ވިދާޅުވިއެވެ.
ޔަމަންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގަމުންދާ ނިރުބަވެރި ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ގޮއްވައިލައްވާފައެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކާ އެކު ޔަމަންގެ އިތުރުން ސަރަޙައްދީ ސުލްޙަ ގެއްލި، ހަމަނުޖެހުމަށް ފުރުޞަތު ލިބޭނެ ކަމުގައި ގުތެރޭޝް ވިދާޅުވިއެވެ. އަދި، ޔަމަންގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ނިކަމެތިވެ، އިންސާނީ އެހީތެރިކަމަށް ޖެހިފައިވާ އެތަކެއް މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގައި ވެސް ގުތެރޭޝް ވިދާޅުވެފައިވެއެވެ.