ށ.މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ އޮގަސްޓުމަހަށް ނިންމާލެވޭނެކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެރަށުގައި މިހާރު އޮތް ބަނދަރުން 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 70400 ކިއުބިކް މީޓަރުގެ އައު ބަނދަރެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކޮށް 93 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީއިން ވިދާޅުވީ މިލަންދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށް ދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އަދި އަމާޒަކީ މި އަހަރުގެ އޮގަސްޓުމަހަށް މަސައްކަތް ނިންމުންކަމަށްވެސް އެމްޓީސީސިއިން ވިދާޅުވިއެވެ.
2500 އެއްހާ މީހުންގެ އާބަދީއެއް އޮންނަ މިލަންދޫގެ ބަނދަރު ކުޑަވުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި، ލޯންޗާއި މަސްދޯނި ފަދަ އުޅަނދުތައް ގެންގުޅޭ ފަރާތްތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
އަދި އެ ރަށަކީ އަތޮޅުތެރޭގެ ގިނަބަޔަކު ވިޔަފާރިކުރުމަށްވެސް އަންނަ ރަށަކަށް ވުމާއެކު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެރަށަށް އަރާ ފައިބާކަން ކައުންސިލުން ވިދާޅުވިއެވެ. ރަށަށް އަންނަ ފެރީތައް ވެސް އަޅާނެ ޖާގަ މިހާރު ނުހުންނަކަމަށާއި އަދި ބަނދަރުގެ މަސައްކަތް ނިމުމުން ރަށަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިކަމަށްވެސް ހައްލެއް ލިބޭނެކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މިބަނދަރު ވެގެންދާނީ ރާއްޖޭގައި މިހާރު ތަރައްގީކޮށްފައިވާ ބަނދަރުތަކުގެ ނިސްބަތުން ފެންވަރު ރަނގަޅު ބަނދަރަކަށްކަމަށާއި އަދި މިއީ ވަރަށް ރަނގަޅަށް ޕްލޭންކުރެވިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ށ.މިލަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.