ޚަބަރު

ކަޅުތެޔޮ ޖެހި މައްސަލަ ތަޙުޤީޤުކުރުމަށް އެޗްއާރުސީއެމްއިން ގޮވާލައްވައިފި


  • އެމްޑީޕީން ބޭއްވި މުޒާހަރާއަކަށްފަހު ގެއަށް ދިޔަ މަގުމަތީގައި 2 މީހެއް ގަޔަށް ކަޅުތެޔޮ ޖަހާފައިވޭ

  • މިފަދަ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަޙުޤީޤުކުރުމަށް އެޗްއާރުސީއެމްއިން ގޮވާލެއްވި

އެމްޑީޕީގެ 2 އެކްޓިވިސްޓެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަޙުޤީޤުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްއިން ގޮވާލައްވައިފިއެވެ.

އެޗްއާރުސީއެމްއިން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއަކަށްފަހު ގެއަށް ދިޔަ މަގުމަތީގައި 2 އެކްޓިވިސްޓެއް ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގެ އިޙްތިޞާސް އޮންނަ ތަޙުޤީޤީ އިދާރާތަކާއި މުއައްސަސާތަކުން މިފަދަ މައްސަލަތައް އިސްނަގައިގެން ބެލުމަށްފަހު މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްއާރުސީއެމްއިން ގޮވާލެއްވިއެވެ.

މީގެ އިތުރުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއް ބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އިޙުތިރާމުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކުރެއްވިއެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް ޢަމަލެއް ނުހިންގުމަށްވެސް އެޗްއާރުސީއެމްއިން އިލްތިމާސްކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރާއި އިތުރު މީހެއްގެ ގަޔަށެވެ. މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.