ޚަބަރު

މަޝްހޫރު އިސްލާމީ އިލްމުވެރިޔާ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެއްޖެ


ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޅް އަބޫ އިސްހާޤް އަލް-ޙުވައިނީ އަވަހާރަވެއްޖެއެވެ.

މިޞްރުގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް އަބޫ އިސްހާޤް އަލް ޙުވައިނީއަކީ އިސްލާމީ ދުނިޔޭގެ އެންމެ އަރާހުންނެވި އެއް ހަދީޘް އިލްމުވެރިޔާއެވެ. އޭނާ އަވަހާރަވެވަޑައިގަތީ ޞިއްޙީ މައްސަލަތަކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހަސްފަތާލުގައެވެ. އޭނާގެ ދަރިކަލުން، ހާތިމް އަލް-ޙުވައިނީ ވަނީ ބައްޕާފުޅު އަވަހާރަވިކަން މީސްމީިޑިޔާގައި ޢިޢުލާނު ކުރައްވައިފައެވެ.

ޝައިޚް އަލް-ޙުވައިނީ އުފަންވެވަޑައިގަތީ 1956ވަނަ އަހަރު މިޞްރުގެ ޙުވައިނީ ކިޔާ އަވަށަކަށެވެ. އެ މަނިކުފާނުގެ އަސްލު ނަންފުޅަކީ ހިޖާޒީ މުޙައްމަދު ޔޫސުފް ޝަރީފެެވެ. އަލް-ޙުވައިނީގެ ނަމުން އެ މަނިކުފާނަށް ނިސްބަތް ކުރަނީ އުފަންވެވަޑައިގެންނެވި ރަށުގެ ނަމާ ގުޅުވައިގެންނެވެ.

މަދަރުސީ ދައުރު ނިންމެވުމަށްފަހު ޝައިޚް އަލް-ޙުވައިނީ ވަނީ މިޞްރުގެ ޤާހިރާއަށް ވަޑައިގަންނަވާ، ބޭބޭފުޅާއެކު ޝައިޚް ޢަބްދުލްޙަމީދު ކިޝްކުގެ ދަރުސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ފިލާވަޅުތައް ހާޞިލް ކުރައްވައިފައެވެ. އެއަށްފަހު ޢައިން ޝަމްސް ޔުނިވަސިޓީއަށް ވަންނަވާ އެ ޔުނިވަސިޓީން ސްޕެނިޝް ބަހާއި ލިޓަރޭޗަރ ދަސްކުރައްވާފައިވެއެވެ. ނަމަވެސް އޭޭރު ވެސް އެ މަނިކުފާނު އެންމެ ގަޔާވެވަޑައިގަތީ މަޝްހޫރު ޝައިޚް މުޙައްމަދު ނަސްރުއްދީން އަލް-ބާނީގެ ފޮތްތައް ކިޔުއްވައި ދަސްކުރެއްވުމަށެވެ.

ޔުނިވަސިޓީގައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަތީ ތަޢުލީމު ހާޞިލް ކުރެއްވަށް ސްޕެއިނަށް ދަތުރުކުރެއްވުމުގެ ފުރުޞަތު ޝައިޚް އަލް-ޙުވައިނީއަށް ލިބިވަޑައިގަތެވެ. ނަމަވެސް ހުޅަނގުގެ ދިރިއުޅުމަށް ފެތިލައްވަން އުނދަގޫތަކާ ކުރިމަތިވެވަޑައިގަންނަވައި ދުވަސްކޮޅެއް ފަހުން އެނބުރި މިޞްރަށް ވަޑައިގަތެވެ.

މިޞްރަށް އެނބުރި ވަޑައިގަންނަވާ ޝައިޚް އަލް-ބާނީގެ ފޮތްތައް ދަސްކުރެއްވުމުގައި ޝައިޚް އަލް-ޙުވައިނީ މަސްޢޫލުވެވަޑައިގަތެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މަދަރުސާއާއި ޔުނިވަސިޓީން ހާޞިލް ކުރެއްވި ތަޢުލީމަށްވުރެ އަލް-ބާނީގެ ފޮތްތަކުން ލިބިވަޑައިގެންނެވި ފިލާވަޅުތައް މާ މުހިންމެވެ. އެ މަނިކުފާނު ހަދީޘްގެ ޢިލްމަށް ޝައުގުވެރިވެވަޑައިގަތީ އެ ހިސާބުންނެވެ.

މިޞްރުގައި ޝައިޚް މުޙައްމަދު ނަޖީބް އަލް-މުތީޢުގެ ދަށުން ހަދީޘް ޢިލްމު އުނގެނިވަޑައިގަތުމަށްފަހު ޝައިޚް އަލް-ޙުވައިނީ ދެން ދަތުރު ކުރެއްވިީ އުރުދުންނަށެވެ. އުރުދުންގައި ސީދާ ޝައިޚް އަލްބާނީގެ ދަށުން އުނގެނިވަޑައިގަތުމަށް އެ ޤައުމުގައި އެއް މަސް ދުވަސް ހޭދަ ކުރެއްވިއެވެ. އެއަށްފަހު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ޞާލިޙް އަލް-ޝައިޚް އުޘައިމީންއާއި އެހެނިހެން އިލްމުވެރިންނާއެކު އިލްމު އުނގެނިވަޑައިގަތެވެ. އެއަށްފަހު މިޞްރަށް އެނބުރި ވަޑައިގަންނަވާ އިސްލާމް ދީނުގެ މަގަށް މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ގޮވާލުމުގައި އުމުރު ހޭދަ ކުރެއްވިއެވެ.