މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރްއައިގެ ފަރާތުން ހިންގާ ޕްރޮގްރާމެއްކަމަށެވެ.
މިއީ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް އެމްއެމްއާރްއައިއިން މިއަހަރު ހިންގާ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ 26ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8ވަނަ ދުވަހާއި ހަމައަށް ކ. މަނިޔަފުށީގައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގައި 15 މީހުންނަށް ބައިވެރިވެވޭނެކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 15 މީހުންނަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުންކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައިކަމަށެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާއެކު، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރެވިގެންދާނެކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވަނަ ދުވަހުގެ 14.00ގެ ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅޭނެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ބޭއްވި މިޕްރޮގްރާމްގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ބައިވެރިވިއެވެ. އަދި އެ ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބުމުގެ ސަބަބުން މީގެ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.