ޚަބަރު

ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި


  • 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

  • ބިން ހިއްކުމުން ރަށުގައި ބޯހިޔާވަހިކަމާއި، އިޤްތިޞާދީ ފުރުޞަތު ފަހިވެގެންދާނެ

ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022ވަނަ އަހަރުއެވެ.

1200 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ މެއިމަހު ފެއްޓިނަމަވެސް، އެ މަސައްކަތް ހުއްޓާލަން ޖެހުނީ އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމުންނެވެ.

ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖަހާ، ވެލިއެޅުން ފިޔަވާ އެހެން ހުރިހާ މުހިންމު މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މަސައްކަތް އަލުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގައެވެ.

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

150 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މި މަޝްރޫޢުގެ ދަށުން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާފައިވާ ސަރަޙައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށް ނިންމާފައިވާ ވެސް އެމްޓީސީސީއިން ވިދާޅުވެއެވެ.

ހިރިލަންދޫއަކީ ފައިބަރު މަސައްކަތާއި، މަސްވެރިކަމާއި މަސް ކައްކައިގެން ނަފާ ހޯދުންފަދަ އިޤްތިޞާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެއްކަމުން ބިމުގެ ޖާގައިގެ ދަތިކަމަކީ އެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އޮތް ހުރަހެކެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ވިޔަފާރީގެ އިތުރު ފުރުޞަތުތައް އެ ރަށުގައި އިތުރުކުރެވިގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.