ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެގަތުމަށްޓަކައި ދަފްތަރެއް އެކުލަވާލުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ ދަފްތަރު އެކުލަވައިލުމަށް މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތަކާއި، ވިޔަފާރި އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކަމަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން އެ ވުޒާރާއަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރާތްތައް ނުހިމެނޭ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުންދެއެވެ.
ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ވަޒީރު ޑރ. މާރިޔާ ރިސޯޓުތަކަށްށާއި ބައެއް އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރާތް ކުރަށްވާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި ބެހޭގޮތުން ކައުންސިލްތަކާއިއެކު ފުޅާދާއިރާއެއްގައި ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.