ޚަބަރު

ޣައްޒާ ޢުދުވާން އަލުން ފަށައި 340ށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު އަލުން ފަށައި، އެ ސަހަރުގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ 340ށްހާ މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް އަލުން ފެށުމާ އެކު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން މި ވަނީ ނިމުމަކަށް އައިސްފައެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 61,700ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، 111,000ށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ.

ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީން ދޭން ފަށާފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އިތުރުން މެދުތެރެއާއި ދެކުނުގައި އޮތް ދަޔިރް އަލް-ބަލަޙާއި، ޚާން ޔޫނިސް އަދި ރަފަޙަށެވެ. އެ ރަށްތަކުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. މި ޙަމަލާތަކާ އެކު، ޙަމާސާ އެކު އަމަލު ކުރަމުން ދިޔަ އެއްބަސްވުމާ ޔަހޫދީން ޚިލާފުވެފައިވާ ކަމުގައި އެ ޖަމާޢަތުން ހާމަކުރިއެވެ.

ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލުމަށް މުސްލިމުންނަށް ގޮވައިލުން

"[ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫއާއި އޭނާގެ ހައްދުފަހަނަ އެޅި ސަރުކާރުން އެ ދަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވަމުން، އަދި ޣައްޒާގައި ތިބި [ޔަހޫދީން] އަސީރުންގެ ފުރާނައަށް ނުރައްކާ ކުރަމުން،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ދެކޮޅަށް އަޑު އުފުލުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ އިތުރުން "ދުނިޔޭގެ މިނިވަން ރައްޔިތުންނަށް" ވެސް ޙަމާސުން ވަނީ ގޮވައިލާފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ 342 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމުގައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޕަލަސްޓީނިޔަން ރެޑް ކްރޮސުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔެއްގެ ހަށިތައް ހަސްފަތާލަށް ގެންގޮސްފައި ވަނީ އެ ޖަމާޢަތުން ކަމުގައެވެ.

އެންމެ ގިނަ ބަޔެއްގެ ހަށިތައް ގެންގޮސްފައި ވަނީ ޚާން ޔޫނިސްގައި ހުރި ނާޞިރު ހަސްފަތާލާއި، ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޤްޞާ ހަސްފަތާލުގެ އިތުރުން ޣައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ ހަސްފަތާލަށެވެ. އެ ތިން ހަސްފަތާލަކީ ވެސް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިމާރާތްތަކެކެވެ.

އެމެރިކާއަށް ގޯސްވީ ޙަމާސް

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެެމެރިކާއިން ވަނީ ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގެ ޒިންމާ ޙަމާސްގެ ކޮނޑުގައި އަޅުވާފައެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ބްރަޔަން ހިޔުސް ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުންދާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ޙަމާސަށް ފުރުޞަތު ދީފައި އޮތް ނަމަވެސް އެ ޖަމާޢަތުން އެ ފުރުޞަތުގެ ބޭނުން ހިފައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކޮށްފައި ނުވާ ކަމުގައެވެ.

ނަމަވެސް، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާޢަތުތަކެއް ޙަމާސުން ފުރިހަމަ ކޮށްފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި 33 އަސީރުން މިނިވަން ކުރުން ހިމެނެއެވެ. އެއްބަސްވުން ރޫޅައިލާފައި ވަނީ ޔަހޫދީންނެވެ. އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރުމަށް އިންކާރުކޮށް، އެ ކަން ފަސް ކޮށްފައި ވަނީ ޔަހޫދީންނެވެ.

އެމެރިކާގެ އައު ހުށަހެޅުންތަކަށް އިންކާރު ކުރީ ޔަހޫދީން

ރަހީނު ކޮށްފައިވާ މީހުންނާ ގުޅޭ ކަންކަމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން އިސްކޮށް ވަކާލާތު ކުރައްވާ މުޝީރު އެޑަމް ބޮއުލަރ މެދުވެރިކޮށް އެ ޤައުމުން ވަނީ ޙަމާސަށް އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާއާއި އިސްރާއީލަށް ނިސްބަތްވާ ރައްޔިތަކު މިނިވަން ކުރުމާއި، ޔަހޫދީންގެ ޙަމަލާތަކުގައި މަރައިލާފައިވާ ކަމަށް ބެލެވޭ އިތުރު ހަތަރު އަސީރެއްގެ ހަށިގަނޑު ޙަވާލު ކުރުން ހިމެނެއެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޝަރުޠުކޮށް ޙަމާސުން ވަނީ އެމެރިކާގެ އެދުމަށް އެއްބަސްވެފައެވެ. ނަމަވެސް، ޔަހޫދީން ޣައްޒާއަށް ބޮންއަޅަން ފަށާފައި މި ވަނީ އެ ހުށަހެޅުމަށް އިންކާރު ކުރުމަށް ފަހުއެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް ކުށްވެރިކޮށް ޣައްޒާގައި ހުންނަ ސަރުކާރު މީޑިޔާ އޮފީހުން ބުނީ، ޔަހޫދީން ދަންނަ ހަމައެކަނި ބަހަކީ މީހުން ޝަހީދު ކުރުމާއި، އިމާރާތްތަކާއި ރަށްތައް ސުންނާފަތި ކުރުމާއި ޤަތުލުޢާންމު ހިންގުން ކަމުގައެވެ. "އެ ޙަމަލާތަކާ އެކު ޔަހޫދީންގެ ހީލަތްތެރި ނިޔަތް އެ ވަނީ ހާމަވެފައި، އެއީ އެއްވެސް ޖެހިލުމެއް ނެތި ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލުން، މިއީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކޮށްލުމަށް ނިޒާމީ ގޮތެއްގައި ރާވައިގެން ދީފައިވާ ޙަމަލާތަކެއް ކަން ވެސް ސާފު،" އެ އޮފީހުން ހާމަކުރިއެވެ.