ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ރައްޔިތުންގެ މަޖިލީހަކަށް އަދި އެމަނިކުފާނަށްވެސް ނެތްކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރައްވަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. ހާއްސަކޮށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲވެސް އެމަނިކުފާނު ކޮންޓްރޯލް ކުރައްވާކަމަށް ތުހުމަތުކުރެއްވިއެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ އެއްވެސް މެންބަރަކު ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި މަޖިލިސް ހިންގަމުންދަނީ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް މަޖިލީހަށްވެސް އަދި އެމަނިކުފާނަށްވެސް ނެތް ކަމަށެވެ.
"މަނިކުފާނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ތިން ބާރު ވަކިވެފައިވާ ނިޒާމެއް މިއޮތީ. މި ނިޒާމުގައި އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި، އެއްބާރު އަނެއްބާރަށް ފާރަވެރިވެގެން މަސައްކަތް ކުރާގޮތަށް އިންތިޒާމްކުރެވިފައިވާ ނިޒާމެއް ރާއްޖޭގައި މިއޮތީ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ (މަޖިލިސް) އޮތުމަކީ އެއީ އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލްކުރުން ކަމަށް ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކުރައްވާ ޕީއެންސީގެ 76 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. މަޖިލިސް ހިންގަނީ ރައްޔިތުންނަށް ފައިދާވާނެގޮތަށް ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތްކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.