އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ޒުވާން ޓީމުން ކުޅެންޖެހޭ ފަހު މެޗުގައި މިއަދު މިޔަންމާއާ ދެކޮޅަށް ނުކުންނާނެއެވެ.
ކޮލިފައިންގައި މިހާތަނަށް ރާއްޖެއިން ދެމެޗު ކުޅެފައިވާއިރު، މި ދެމެޗުން ވެސް ރާއްޖެ ވަނީ ފުރިހަމަ މޮޅެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބުރޫނާއިއާ ދެކޮޅަށް ކުޅެ 0-2އިން ރާއްޖެ މޮޅުވިއިރު ދެވަނަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 0-4ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
އެހެންކަމުން ރާއްޖެއަށް، އަންނަ އަހަރުގެ ކޮލިފައިންގައި ކޮލިފައިން ސްޓޭޖުގެ ޖާގައެއް ރާއްޖެއަށް ކަށަވަރުވެފައިވާއިރު، މިފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ފަހު މެޗުގައި ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.
މިޔަންމާއިން ވެސް މިހާތަނަށް ކުޅުނު ދެމެޗުން ވެސް ވަނީ މޮޅުވެ، ރާއްޖެ އެކޭ އެއްފަދައިން އަންނަ އަހަރުގެ ކޮލިފައިން ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައެވެ. މިޔަންމާގެ ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވީ 0-4ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ބްރޫނާއި އަތުން މޮޅުވީ 0-7ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއިއެކު ރާއްޖެއާއި މިޔަންމާ ވެސް ހަ ޕޮއިންޓާއިއެކު ތާވަލުގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު މިޔަންމާއަށް ތާވަލުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިއަދުގެ މެޗުގައި ރާއްޖެ އަތުން އެއްވަރުކޮށްލައި، ޕޮއިންޓެއް ހޯދައިގެން ވެސް މިޔަންމާއަށް އެއްވަނަ ކަށަވަރުވާނެއެވެ. ރާއްޖެއަށް ގުރޫޕު ތާވަލުގެ އެއްވަނަ ލިބޭނީ މިޔަންމާ ބަލިކޮށްގެންނެވެ.
މިޔަންމާގެ ތުވަންނަ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 14:30ގައެވެ.