މުނިފޫހިފިލުވުން

ނަދުރެއްގެ ދިލަ ހޫނުން


  • ލިޔުނީ: އާމިނަތު ޝީޒާ - ޖަވާހިރުމާގެ / ތ.މަޑިފުށި

ވިދާލި ވިދުވަރަށް ފަހު ޖެހި ބާރު ގުގުރިއާއެކު ހީވީ ގެއަށް ލޮޅުމެއް އެރިހެންނެވެ. ގުގުރާލީ އެހާވެސް ބާރަށެވެ. ގޭތެރެ ފޮޅަން ހުރި ފަރީދާއަށް ޝަހާދެއް ކިޔާލެވުނީ ހުޅުވާފައި ހުރި މައިދޮރަށް ބަލާލަމުންނެވެ. އެދޮރު ލައްޕާލުމުގެ ނިޔަތުގައި އަވަސް އަވަހަށް ގޮސް ފަރީދާ ހިފީ ދޮރުފަތުގައެވެ. އެވަގުތު ފަރީދާގެ ނަޒަރު ހުއްޓުނީ ދޮރާއްޓާ ދިމާލުން މަގުމަތިން ހުރަސްކޮށްލި އަޒާނަށެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތު ގުގުރަމުން ދަނިކޮށް އެކަނި މާއެކަނި އަޒާން އަތިރިއާ ދިމާލަށް ދިއަތަން ފެނުމުން ފަރީދާއަށް ލިބުނީ ސިހުމެކެވެ. އެއީ އަޒާންކަން ޔަގީން ކުރުމަށްޓައި ފަރީދާ ގޮސް ދޮރާށިން ބޭރަށް ބޯދިއްކޮށްލައިފިއެވެ. ފަރީދާއަށް ހީވީ ރަނގަޅަށެވެ. ކޮރު ހިނގުމެއްގައި މަޑުމަޑުން ކުރިއަށް އެދަނީ އަޒާން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އަޒާންގެ އެއް އަތް ނުއަތަށް އެނބުރިފައި ހުރިއިރު ހިކި ކަށިކޮޅެއްހާ އަޒާން ހިއްކެވެ. ކަނދުރާގައި މާބޮޑު ބާރެއް ނެތުމުން އަޒާންގެ ބޯހުރީ ކުރިމައްޗަށް ލެނބިފައެވެ. އަޒާންގެ އިސްތަށީގަނޑު ތުނިކޮށް ކޮށާލާފައި އޮތްއިރު ވެހެމުން ދިޔަ ހިމަފޮދު ވާރޭގެ ތިކިތަކުން އަޒާން ދިޔައީ ތެމިފޯވަމުންނެވެ. މީގެ ތިންއަހަރު ކުރިން އަޒާނަކީވެސް ފުރިހަމަ ސިއްހަތެއްގައި ހުރި ޒުވާނެކެވެ. ނަމަވެސް މަޖަލާއި ސަކަރާތުގެ ތެރެއިން ބުނެވުނު އެންމެ ނަދުރެއްގެ ދިލަ ހޫނުން އަޒާންގެ ދިރިއުޅުން ދިޔައީ އަނދާ އަޅިއަށް ވެގެންނެވެ. އިފުރީތެއްގެ އަތްދަށުވެ މަރުގެ ތުންފަތް މައްޗަށް އަޒާން ވެއްޓިގެން ދިޔަ އެ ދުވަހަކީ އެމަންޒަރު ފެނުނު އެއްވެސް މީހެއްގެ ހިތުން ފިލައިގެން ދާނޭ ދުވަހެއް ނޫނެވެ. އެ ބިރުވެރިކަމުން މިންޖު ނުވެވި އިންތިހާއީ ވޭނުގައި ދެއަހަރު ދުވަހު އަޒާން ގަނަތެޅެން ޖެހުނެވެ. ގަދަފަދަވަންތަ މާތް ﷲ ގެ ރަހުމަތްފުޅުން އެ ޖިންނި އަންދާލެވުނީ ޤުރުއާން ހިތުދަސް ރުޤްޔާ ކުރާ ލަންކާ މީހެއްގެ ބުރަ މަސައްކަތުންނެވެ. ނަމަވެސް އޭރު އަޒާން ވަނީ އަތެއް ފައެއް ގުޑުވާނުލެވޭ ވަރަށް ބަލިކަށިވެފައެވެ. ޒެނިކްއާއި އަނޫފްގެ ނަން ފިޔަވައި އަޒާން އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. ލޯބިވާ މައިންބަފައިންގެ މޫނަށް ބަލަން އަޒާން އޮންނަނީ ބީރައްޓެހި ނަޒަރަކުންނެވެ. އަނޫފްގެ ނަން ހަނދާނުގައި ހުއްޓަސް އަނޫފް ފެނުމުންވެސް އެއީ ކާކުކަން ބުނެދޭކަށް އަޒާން އަކަށް ނޭނގުނެވެ. އަޒާން ދާތަން ބަލަން ނުހުރެ ފަރީދާ ދުވެފައި ގޮސް ވަނީ ގެއަށެވެ.
"އަނޫފް. އަނޫފް ނުކުމެބަލަ. އަޒާން އެބަދޭ އަތިރިޔާ ދިމާލަށް."
ފަރީދާ ގޮވާލީ ބާރަށެވެ. ލެޕްޓޮޕް ހުޅުވައިގެން އިން އަނޫފަށް ފަރީދާގެ އަޑު އިވުމާއެކު އަވަސް ހިނގުމެއްގައި ކޮޓަރިން ނުކުމެއްޖެއެވެ.
"މަންމައަށް ޔަގީން އޭނަ އެދަނީ ޒެނިކް ހޯދަން. ދަރިފުޅު ވެއްޖެއްނު ޒެނިކް މަރުވި ވާހަކަ މިހާރު ދެން އަޒާން ކައިރީ ބުނަން. އޭނަ..."
"ނޫނޭ މަންމާ. އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް އަޒާނަށް އެޚަބަރު ލިބެން."
އަނޫފް ފަރީދާގެ ވާހަކަ މެދުކަނޑާލުމުން ފަރީދާ އެރީ ނުކުންނަން ދިޔަ އަނޫފްގެ ކުރިމައްޗަށެވެ.
"ކީއްވެ؟ ދަރިފުޅެއް ނޫންތަ ބުނީ އަޒާން ޖިންނި މޮޔަވި ހާދިސާއާއި ޒެނިކް ރުކުން ވެއްޓުނު ހާދިސާއާ އެއްވެސް ގުޅުމެއް ނެތޭ. ދަރިފުޅު މަނާކޮށްފަ އޮތީމަ އަޒާންގެ އާއިލާ މީހުންވެސް އެތިބެނީ އެވާހަކަ އަޒާން ކައިރީ ދައްކަން ނުކެރިފަ. އަޒާން ނަދުރެއް ބުނި އަޑު ތިމަންނަ ނާހަމޭ ދަރިފުޅު ސަތޭކަ ފަހަރު ބުންޏަސް މަންމަ ގަބޫލެއް ނުކުރާނަން. އެދަތުރުގަ ހިނގި ހުރިހާކަމެއް ދަރިފުޅަށް އެނގޭނެ."
ފަރީދާގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން އަނޫފް ގެއިން ނުކުމެގެން ހިނގައްޖެއެވެ. އަނޫފް ދިއުމުން ކުދިކިޔަމުން ފިހިގަނޑު ހިފައިގެން ގޮސް ފަރީދާ ވަނީ އަނޫފްގެ ކޮޓަރިއަށެވެ. ފުރަތަމަވެސް ފަރީދާގެ ލޮލުގައި އަޅައިގަތީ ހުޅުވާފައިހުރި ލެޕްޓޮޕެވެ.
"ޔާރައްބީ. މިވަރަށް ގުގުރާއިރު މިއެއްޗެހި ޗާރޖަށް ޖަހާފަ ބަހައްޓަން ހެޔޮވާނެތަ.؟"
ފަރީދާ އަވަސް އަވަހަށް ކަރަންޓު ބޯޑުން ޗާޖަރު ނައްޓާލައިފިއެވެ. އެއަށްފަހު ލެޕްޓޮޕް ނިވާލަން ފަރީދާ ގާތްވެލި އަނޫފް ލިޔެފައި އޮތް ލިޔުމަށް ނަޒަރު ހިންގާލަމުންނެވެ.
"ނަދުރެއްގެ ދިލަ ހޫނުން."
ސުރުހީ ފެނުމުން އެންމެ ފުރަތަމަވެސް ފަރީދާގެ ހަނދާނާ ކުޅެލީ އަޒާނާއި ޒެނިކްއެވެ. ވާހަކައަށް މަތިމަތިން ނަޒަރު ހިންގާލުމުން އަޒާންގެ ނަންވެސް ފަރީދާއަށް ފެނިއްޖެއެވެ. އަނޫފަކީ އަބަދުވެސް ވާހަކަ ލިޔާ ކުއްޖެކެވެ. އަނޫފްގެ ލިޔުންތަށް މީހުންނަށް ދެއްކުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތަސް ކުރާނެ އިތުރު ކަމެއް ނެތިއްޖެނަމަ އަބަދުވެސް އަނޫފް ވާހަކަ ލިޔެއެވެ. އަނޫފް އާދޭތޯ ދޮރާއި ދިމާލަށް ބަލާލުމަށްފަހު ފަރީދާ އަވަސް އަވަހަށް އިށީނީ ލެޕްޓޮޕު އޭނާއާ ކައިރި ކޮށްލަމުންނެވެ. އަޒާނާއި ޒެނިކް އަދި އަނޫފް ކުރި އެދަތުރުގައި ކަންތަށް ވެގެން ދިޔައީ ކިހިނެއްކަން އެނގޭ ހަމައެކަނި މީހަކީ އަނޫފެވެ. އެ އިފުރީތު އަޒާނާއި އަޅައިގަތީ އަޒާން ބުނި ނަދުރެއްގެ ސަބަބުން ކަން އެންމެނަށް ވެސް އޮތީ އެނގިފައެވެ. ނަމަވެސް އެހާ ބޮޑު ދެ ހާދިސާ އެއްދުވަހެއްގައި އިއްތިފާގަކުން ހިނގައިފާނެ ހެއްޔެވެ.؟ އަނޫފް އައިސް ކޮޓަރިއަށް ވަނުމުގެ ކުރިން އެވާހަކަ ކިޔާލުމުގެ މަގުސަދުގައި ފަރީދާ ވާހަކައިގެ ފުރަތަމަ ސަފުހާއަށް އަވަސް ނަޒަރެއް ހިންގާލިއެވެ.
ޖިންނި ޝައިތާނުންނަކީ އުޅޭ އެއްޗެއް ހެއްޔެވެ؟. އުޅޭ ނަމަ އަހަރެންނަށް ނުފެންނަނީ ކީއްވެ ހެއްޔެވެ.؟ އަހަރެން ގޮވާ އަޑު ނީވެން އެއީ ބީރު އެއްޗެހި ތަކެއް ހެއްޔެވެ.؟ ނޫނީ އެއެއްޗެހިތަށް ފިލާ އެތިބެނީ އަހަރެންދެކެ ބިރުން ހެއްޔެވެ.؟
އަޒާންގެ މިސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެމެން އަތަކު ނެތެވެ. ޖިންނިއަކީ އުޅޭ އެއްޗެއް ކަމަކަށް އަޒާން އެއްއިރަކުވެސް ގަބޫލެއް ނުކުރެއެވެ. އުޅޭ އެއްޗެއް ނަމަ ތިމަންނައަށް ފެންނަން އަންނާށޭ ގޮވައި އަޒާން ވަލުތެރެއަށް އެއްޗެހި އުކައެވެ. ނަމަވެސް އުމުރުން ބާވީސްއަހަރު ވެގެން ދިޔައިރު ރޫހާނީ އެއްވެސް ކަމެއްގެ ހިލަންވެސް އަހަރެމެންނަށް އިހުސާސް ކުރެވިފައި ނެތެވެ.
އަހަރެންނާއި އަޒާނާއި ޒެނިކަކީ އިންވެގެން ހުރި ތިން ގެއިން ނުކުމެ ޅަފަތުގައި އަތުގައި ހިފާލި ތިން މިތުރުންނެވެ. ރެއާއި ދުވާ އަހަރެމެން ހޭދަކުރީ ސަކަރާތާއި މަޖަލުގައެވެ. މީހުން ބުނާތީ އަހަމެވެ. ކުޑައިރު ލާނެތް ކުދިން ބޮޑުވުމުން އުޅުމަށް ބަދަލު އާދެއެވެ. ނަމަވެސް އުމުރުން ބާވީސްއަހަރު ވެގެން ދިޔައިރު ވެސް އަހަރެމެންގެ އުޅުމަށް އައި އެއްވެސް ބަދަލެއް ނެތެވެ. ދަންވަރު ނުކުމެ ގޭގޭގެ ފުރާޅަށް އެއްޗެހި އުކާފައި އަހަރެމެން ދުވެ ފިލަމެވެ. ދަންވަރު ނުކުމެ އުޅޭ މީހުން ބިރުގެންނެވުމަށް މުޅި ގައިގާ ހުދުފޮތި އޮޅައިގެން މަގުމަތީ އޮށޯވެގެން ތިބުމާއި އެމީހުން ފަހަތުން ދުވުމަކީ އަހަރެމެން އެންމެ ފޯރީގައި ކުރަމުން އައި ކަންތަށްތަކެވެ. ކިޔެވުމުގެ މަރުހަލާ ނިމި ވަޒީފާގައި މަސްއޫލުވެގެން އުޅުނު އިރުވެސް ކޮންމެވެސް ބަހަނާއެއްގައި އަހަރެމެން ބައްދަލު ނުކުރާ ދުވަހެއް މަދުވާނެއެވެ. އޭގެ އިތުރުން ކޮންމެ ބުރާސްފަތި ދުވަހަކީ އަހަރެމެންނަށް ހާއްސަ ދުވަހެކެވެ. ކަމެއް ދިމާނުވެއްޖެނަމަ ކޮންމެ ބުރާސްފަތި ދުވަހަކު އޮފީސް ނިންމާލާފައި އަހަރެމެން ނުކުންނަނީ ޒެނިކް ބައްޕަ ޑިންގީގައި މަހަށެވެ. އަހަރެމެން އެނބުރި ރަށަށް އަންނަނީ ކަނދޮޅުދޫގައި ރޭކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ހުކުރު ގަޑިއަށެވެ.
ކަނދޮޅުދޫއަކީ އެރަށަކަށް އަޒާން އުފަންވި އޭނާގެ އަމިއްލަ ފަސްގަނޑެވެ. 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އެރަށުގެ ރައްޔިތުން ރަށް ދޫކޮށްލާފައި ދާން ފެށުމުން އަޒާންގެ މައިންބަފައިން އަޒާން ގޮވައިގެން ބަދަލުވީ އަހަރެމެންގެ ރަށަށެވެ. މިއަދު ކަނދޮޅުދޫ ފަޅުވެ ވީރާނާވެފައި އޮތްކަމަކު އަދިވެސް އަޒާން ހިތް ޖެހިފައިވާ ފަސްގަނޑަކީ އެއީއެވެ.
އާދައިގެ މަތިން އެދުވަހު ވެސް އަހަރެމެން ކަނޑަށް ނުކުތީ ދޭއްޖަހައި ބޮޑުވި ފަހުންނެވެ. އެއީ ވައިރޯޅިއެއްގެ ހިލަމެއްވެސް ނުވާ ހަމަހިމޭން ދުވަހެކެވެ. ރެއަށް ވާވަރަށް މަސްބާނައިގެން ގޮސް ކަނދޮޅުދޫ ތުނޑިއަށް އަހަރެމެން ފޭބިއިރު ހަތަރެއް ޖަހައިފިއެވެ.
"ޓެންޓު ޖަހާނީ ފަހުން. ފުރަތަމަ ކުރުނބާ އަޅަން ހިނގާ. މިއަދު ކުރުނބާ އަޅާނީ ބައްޕަ ގޯތިން."
ގެނައި ޓެންޓާއި މަސްތަށް ޑިންގީން ބޭލުމަށްފަހު ކަތިވަޅި ހިފައިގެން އަޒާން ހިނގައިގަތީ ވަލަށް ވަންނާށެވެ. އިރުއޮއްސުމުގެ ކުރިން ކުރުނބާ އެޅޭނީ މިހާރު ގޮސްގެންކަމަށް ވާތީ އަހަރެމެން ވެސް އަޒާން ފަހަތުން ގޮސް ވަލަށް ވަނީމެވެ.
" މަންމަ ބުނީ އަހަރެމެން މައިތިރި ވާނީ ހޭއަރާވަރުގެ ބޮނޑިއެއް ބޮއެގެނޯ. ކޭތަ ހިފާ ރެއަކު މަގޫފަތުން ތަޅައިގެން ވެސް އަހަރެމެން ތިންމީހުން ވެއްޖެއޯ މައިތިރި ކުރަން. އެހެން މީހުން އިންނާނެ އަންހެނުން ހޯދައިގެން އުޅޭއިރު އަދިވެސް އަހަރެމެން... "
"އޭ ކަލޭ އުޅެނީ ނިހާއާ އިންނަންތަ.؟"
އަޒާން ކައިވެނީގެ ވާހަކަ ފެށުމުން ކުއްލިއަކަށް ހަނދާން ވެގެން އަހަރެން ޒެނިކް ކުރިމައްޗަށް އެރީމެވެ. ނިތަށް ރޫއަރުވާލަމުން އަޒާން ވެސް ބަލާލީ ޒެނިކްގެ މޫނަށެވެ.
"ކާކު ދެއްކި ވާހަކައެއް.؟"
އަހަރެންގެ ސުވާލުން ޒެނިކް ގާތަށް އައީ ހިންޏެވެ.
"ދެއްކި މީހެއް ބަލާނެ ކަމެއް ނެތް. ކަލޭ..."
"އާނ. ދެން ކޮބާ މައްސަލައަކީ. އާދިއްތަ ދުވަހު ރަންކިއަން މިއުޅެނީ."
ޒެނިކް އަޑަށް ބާރުލަމުން ބުނެލިއެވެ. އަހަރެންނަށް ހައިރާންވެފައި ބަލާލެވުނީ އަޒާންގެ މޫނަށެވެ. އަހަރެންގެ މޫނަށް ބަލާލިގޮތަށް އަޒާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
"ތިހެންވެ މަ ކަލޭމެން ކައިރީ އެވާހަކަ ނުދައްކަން ހުރީ. އަދި ތިހާވަރުން ކަލޭމެން ހުއްޓައެއް ނުލާނެ. މިކައިވެނި ހުއްޓުވަން ކަލޭމެނަށް ހެދުނު އެއްޗެއް ކަލޭމެން ހަދާނެ."
ޒެނިކް ކޮޅުފައިން ބޮނޑިއެއް އެޅީ ހެމުން ދިޔަ އަޒާންގެ ދެފައިމަތީގައެވެ.
"އާނ. ރަނގަޅަށް ތިބުނީ. ކަލޭ ފަޒޫ ކައިރިއަށް ޖެއްސި ވާހަކަ ފަތުރާލައިގެން ވެސް ތި ކައިވެނި އަހަރެމެން ހުއްޓުވާނަން."
އަހަރެންގެ ވާހަކައިން ދެލޯ ބޮޑުކޮށްލަމުން ޒެނިކް ބަލާލީ އަހަރެންގެ މުނަށެވެ.
"ކޮން ފަޒޫއެއް.؟ މަ ދަންނަ ފަޒޫއެއް ނޫޅޭނެ."
"އަހަރެން އެކަހަލަ ވާހަކައެއް ދެއްކިއްޔާ ކަލޭ ދަންނަ ފަޒޫއެއް އުޅޭތޯ ނޫޅޭތޯ ބަލަން ނިހާއެއް ނޫޅޭނެ ދޯ. ނިހާއަށް ޔަގީންވާނެ ކަލޭއާ ބެހޭގޮތުން އެވަރުގެ ބޮޑު ދޮގެއް މަށާއި އަޒޭ ނަހަދާނެކަން."
"މިހާރު ގޯސް ތިވަނީ އިނގޭ. ހުވާކޮށްފަ މިބުނީ ކަލޭމެން ތިކަހަލަ ކަމެއް ކޮށްފިއްޔާ ކަލޭމެންނާއި އޮތް ގުޅުން މަ އެހާ ހިސާބުން ނިންމާލާނަން."
ޒެނިކް އިނގިލި ދިއްކޮށްލީ އަހަރެމެން ދެމީހުންގެ މޫނަށެވެ.
"އަންޓެ. މިރަށު ހުންނާނެ ވަރަށް ފައްކާ ޒިޔާރަތެއް. އެ ޒިޔާރަތަށް ނަދުރެއް ބުނަން މިކަހަލަ ސަޅި ފުރުސަތެއް މަށަކަށް ދެން ނުލިބޭނެ."
އަހަރެންގެ ކޮނޑުގައި ޖަހާލަމުން އަޒާން ހިނގައިގަތުމުން ޒެނިކް އަހަރެމެން ގައިގާ ޖަހަން ނެގީ އުނބެކެވެ. އަޅައި އިތިކޮށް އަހަރެމެން ދެމީހުން ދުއްވައި ގަތީމެވެ. ޒެނިކް އަހަރެމެން ފަހަތުން އައީ އަތުގައި ޖެހުނު އެއްޗެއް އަހަރެމެންނާއި ދިމާލަށް އުކަމުންނެވެ.
ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔަ ރަށުތެރެއިން ގުގުމާލީ އަހަރެމެންގެ ހުނުމާއި ހަޅޭކުގެ އަޑުފަށްގަނޑެވެ. ވަލުތެރެއިން ބާރަށް ދުވަމުން ގޮސް އަހަރެމެން ތިންމީހުން ނުކުތީ ރަށުގެ ބޮޑުމަގަށެވެ. އެއްއިރެއްގައި އެއީ ކުނި ކަހާ ސާފުކޮށްފައި އޮތް ރީތި މަގެކެވެ. ނަމަވެސް ބަލާލި ކޮންމެ ދިމާލަކުން މިހާރު ފެންނަން ހުރީ ފަޅުކަމާއި ވީރާނާކަމެވެ. މަގުމައްޗަށް ވެއްޓިފައި ހުރި ފާރުތަކާއި ނުވެއްޓި ރެނދު އަޅާފައި ހުރި ގެތަކަށް ވަނީ ވިނަ އަރާ ފުރިފައެވެ. ފެހިކަން ގަދަ އެރަށުތެރެއަށް ބަލާލުމުން ސިފަވެގެން ދަނީ ދިރުމެއްގެ ހިލަމެއް ނުވާ ނާމާންކަމެވެ. އަހަރެމެން ތިންމީހުން ދުވަމުން ގޮސް ހުއްޓުނީ އެރަށު ގަބުރުސްތާނު ދޮރުމަތީގައެވެ. ނަމަވެސް މިހާރު އެއީ ގަބުރުސްތާނަކަށް ވުރެން ބޮޑަށް ގަސްތަކުން ފޮރުވިފައި އޮތް ވަލެކެވެ. ދޮންކަލޯބޭގެ ޒިޔާރަތް ހުންނަނީ ދޮރު ކައިރީގައި ކަމުން ގަސްތަށް ފޭކޮށްލައި ބައެއް ގަސް އުފުރާލުމުން އެޒިޔާރަތް ހުރީ ފެންނާށެވެ.
"ކަލޭމެންނަށް އެނގޭތަ. ދޮންކަލޯބެއަކީ އެންމެ ކުރިން މިރަށުގަ ދިރިއުޅެން ފެށި މީހުންގެ ތެރެއިން މީހެއް. މި ޒިޔާރަތަށް ނަދުރެއް ބުނެގެން ހުސްއަތާ ދާން ޖެހުނު އެކަކުވެސް ނެތް. އެހާވެސް ގަދަ މީހެއް ދޮންކަލޯބެ މީ."
އަހަރެންނާއި ދިމާލަށް އެއްލޯ މަރާލުމަށްފަހު އަޒާން ބަލާލީ ޒެނިކްގެ މޫނަށެވެ.
"މަށަށް ތިކަހަލަ ސަމާސާ ކަމަކުނުދޭ އިނގޭ. ސަކަރާތް ނުޖަހާ މިތަނުން ދާން ހިނގާ."
ޒެނިކް އަތުގައި އޮތް ދަނޑިބުރި ދިއްކޮށްލީ އަޒާންއާ ދިމާލަށެވެ.
"އަންޓެ ކަލޭ ހެކިވާތި. ޖިންނި ތަކުންނޭ ކަލޭމެން ވެސް ހެކިވާތި."
ބާރަށް ގޮވާލަމުން އަޒާން ބަލާލީ އެދިމާލުގައި ވަށައިގެން ހުރި ބޮޑެތި ގަސްތަކަށެވެ.
"ދޮންކަލޯބޭ. އަހަރެންގެ ދެލޯފަދަ މިތުރު އިއްޔެ ފެނުނު އަންހެނެއްގެ އަވައިގާޖެހި ބަރުބާދު ވެގެން ދާތަން ދެކެން އަހަރެންގެ ހިތަށް ކުޅަދާނަ ނުވެގެން މިއައީ. އަހަރެންގެ މިތުރު، ޒެނިކް އިސްމާއީލް ކުރަން މިއުޅޭ ކައިވެނި ރޫޅާލަ ދީފިއްޔާ..."
ބަދަލުގައި ދޭނެ އެއްޗަކާއި މެދު ވިސްނާލަމުން އަޒާން ބޯ ކަހާލައިފިއެވެ. ބުނާނެ ވަކި އެއްޗެއް އަޒާނަކަށް ނުވިސްނުނެވެ.
"ދީފިއްޔާ ކޯއްޗެއް.؟"
އަހަރެންނަށް އަހާނުލާ ނުހުރެވުނެވެ.
"އެއްވެސް އެއްޗެއް ބުނެގެން ނުވާނެ."
ޒެނިކް ދަނޑިބުރި ހިފައިގެން ހިނގައިގަތީ އަޒާންއާ ދިމާލަށެވެ.
"ކައިވެނި ރޫޅާލަ ދީފިއްޔާ މިރަށުގަ އުޅޭ އެންމެ ނުލަފާ ޖިންނިއާ ކައިވެނި ކުރަން އެއްބަސްވެ އަހަރެން ނަދުރު ބުނެފިން."
ޖެހިލުމެއް ނެތި އަޒާން ނަދުރު ބުނެ ނިންމާލައިފިއެވެ. އައި ރުޅިން ޒެނިކް ދަނޑިބުރި ހޫރާލީ އަޒާންއާ ދިމާލަށެވެ. އަޒާން އެފަދަ އެއްޗެއް ބުނުމުން އަހަރެންނަށް ވެސް ލިބުނީ ސިހުމެކެވެ. ޒެނިކް އެއްލި ދަނޑިބުރީގައި ނުޖެހި އަޒާން އެއިން ރެކިގަތީ ހެމުންނެވެ.
"ކަލޭ މޮޔަތަ.؟ ސަމާސާ ކުރަން ވަކި..."
އަހަރެންގެ ދޫބަންދު ވެގެން ދިޔައީ ކުއްލިއަކަށް ހޫނު ވައިރޯޅިއެއް އައިސް އަހަރެމެން ތިންމީހުންގެ ގައިގާ ބީހިލާފައި ދިޔުމުންނެވެ. އެ ވައިރޯޅިއާއެކު އަހަރެމެންގެ ނޭފަތުގައި ޖެހުނީ ނޯށްދަމާލަން ނުކެރޭ ވަރުގެ ނުބައި ވަހެކެވެ. ނޭވާ ހިފަހައްޓާލަމުން އަހަރެންނަށް ބަލާލެވުނީ ޒެނިކްގެ މޫނަށެވެ. އޭރު ބިރުން ހުރި ޒެނިކްވެސް އަހަރެންނަށް ބަލާލައިފިއެވެ.
"ނަދުރު ފުއްދަން އެއަންނަނީ."
ބަލަން ނުހުރެ ޒިޔާރަތަށް ތިންމުށް ވެލި އުކައިގެންފައި އަޒާން ދުއްވައިގެންފިއެވެ. އަހަރެންނާއި ޒެނިކަށް ވެސް ދުއްވައި ގަނެވުނީ އަޒާންގެ ފަހަތުންނެވެ. ބާރަށް ދުވަމުން ގޮސް އަހަރެމެން ތިންމީހުން ވަނީ އެގެއަކަށް އަޒާން އުފަންވި މާޖެހިގޭގެ ގޯތިތެރެއަށެވެ. އަހަރެންނާއި ޒެނިކްއަށް ބިރުން މައިނޭވާ ލެވެމުން ދިޔަތަން ފެނުމުން އަޒާނަށް އޭނާގެ ހިނިގަނޑު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ޒެނިކް އަރައިގަތީ އަޒާންގެ ބޮލަށެވެ. ދެމީހުން ވިނަގަނޑުގެ މައްޗަށް ވެއްޓި ޖެހުމުން އަހަރެންނަށް ވެސް ހީނގަނެވިއްޖެއެވެ. ރުޅިއައިސްގެން މާ ގިނައިރަކު ޒެނިކަށް ވެސް ނުހުރެވުނެވެ. ޖިންނިއަށް ގޮވައި އަޒާން ޖަހާ އެކަހަލަ ސަކަރާތަކީ އަހަރެމެންނަށް އާކުޅިވަރެއް ނޫނެވެ.
"މިއަދަށް ވާވަރުވެއްޖެ. ފަހެއް އެޖަހަނީ. ކުރުނބާ އަޅައިގެން ދާން ހިނގާ."
ނޭވައެއް ދޫކޮށްލަމުން އަހަރެން ޒެނިކް އަތުގައި ހިފާ ކޮޅަށް ނެގީމެވެ.
"ހުވާ މަ އަދިވެސް ބިރު އެބަގަނޭ."
ވެއްޓިފައި އޮތް ކަތިވަޅި ނަގަމުން ޒެނިކް ބުނެލިއެވެ.
"ގިނަ ވާހަކަ ނުދައްކާ ކުރުނބާ އަޅަން އަރާބަލަ. ކަލޭ ނިހާއާ އިންނަން އަހަރެމެން ވަލީ ދީފިން."
އަޒާން ތެދުވެ ޒެނިކް ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
"މަވެސް ރުހި ގަބޫލު. ގަންޖުފަރާހަކާއި މުންޑެއް އަނދެގެން މަ ދާނަން ނިހާ ފަހަރި ރަން ކިޔުއްވަން."
އަހަރެން ވެސް ބުނެލީމެވެ. ޒެނިކް ގޮސް ރުކަށް އެރީ ހެމުންނެވެ. ރަނގަޅު ކުރުނބާ އިހަލެއް ހޯދާލުމަށްފަހު ޒެނިކް އިހާ ކަނޑަން ފެށުމުން އަޒާން ހިނގައިގަތީ ވީރާނާ ވެފައިވާ އޭނާގެ ގެއަށް ވަންނާށެވެ. ނަމަވެސް ގެއަށް ވަދެވަދެ ހުރެފައި އަޒާން ހުއްޓިއްޖެއެވެ. އޭރު އަޒާން ބަލަމުން ދިޔައީ ޒެނިކް އަރާ އޮތް ރުކުގެ ކޮޅަށެވެ. އަޒާން ހުއްޓިގެން ބަލަން ހުރިތަން ފެނުމުން އަހަރެންނަށް ވެސް މައްޗަށް ބަލާލެވުނެވެ. ނަމަވެސް ކުރުނބާ އިހާ ކަނޑާލުމަށްފަހު އިހާ ވައްޓާލުމަށް އޭގައި ފައިން ތަޅަމުން ދިޔަ ޒެނިކް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެތަނުން އަހަރެންނަކަށް ނުފެނުނެވެ. އަހަރެން އަޒާންގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. އޭރު އަޒާންގެ މޫނުމަތީގެ ކުލަވަރު އެކީއެކަށް ވަނީ ބަދަލުވެފައެވެ. އަތުގެ ނުފުށުން ދެލޯ ފޮހެލާފައި ދެންވެސް އަޒާން ބަލާލީ މައްޗަށެވެ.
"ކަލޭ ކޯއްޗެއް ތިބަލަނީ.؟ "
އަހަރެން ގޮވާލީ އަޒާންއަށް އިވޭވަރަށެވެ.
"ޒެނިކް ކޮނޑަށް އަރާ އެއޮތީ ކޯއްޗެއް.؟"
އަހަރެންގެ މޫނަށް ބަލާލާފައި އަޒާން އިނގިލި ދިއްކޮށްލީ ޒެނިކްއާ ދިމާލަށެވެ.
"ކޮނޑަށް އަރައޭ.؟"
އިންތަނުން ތެދުވަން އަހަރެން ހިފާލީ އަޒާން ހުރި ތަނަށް ގޮސް ބަލާލުމުގެ ނިޔަތުގައެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުން އަހަރެންގެ ކަންފަތުގައި ޖެހުނީ ޒެނިކްގެ ހަޅޭކުގެ އަޑެވެ. ހަމަ އެއާއިއެކު މައްޗަށް ބަލަން ހުރި އަޒާން ވެސް ބިރުން ތެޅިގެންފައި ހަޅޭއްލަވައިގެންފިއެވެ. އަހަރެންނަށް މައްޗަށް ބަލާލެވުނު އިރު ކުރުނބާ އިހަލާއެކު މަތިން އައިސް ރުށްބުޑަށް ގުޅަވަރަކަށް ޒެނިކް ޖެހިއްޖެއެވެ. އަހަރެންނަށް ހީވީ މީހަކު ތޫނު ހަންޖަރެއް އަހަރެންގެ މެއަށް ހަރާލިހެންނެވެ. އަޅައި އިތިކޮށް އަޒާން ދުއްވައިގަތީ ޒެނިކްއާ ދިމާލަށެވެ. އަހަރެންނަށް ވެސް ދުއްވައި ގަނެވުނީ އެދިމާލަށެވެ. ދެމީހުން ދުވެފައި ގޮސް ޒެނިކް ގައިގާ ހިފެހެއްޓި އިރު ޒެނިކް އޮތީ ތަންމިނަށް ދެލޯ ބޮޑުވެފައެވެ. ޒެނިކް ގެންދިޔަ ކަތިވަޅި ހެރިފައި ހުރީ ޒެނިކްގެ މެއާ ދިމާލުން ބުރަކައްޓަށެވެ. ބޮލުގެ ފުށްކިބައިން ފަޅައިގެން ދިޔަތަނުން ލޭތަށް ފައިބަން ފެށިއިރު ނޭވާ ކުރުވެގެން ޒެނިކް ތުރުތުރު އަޅަން ފަށައިފިއެވެ. ޒެނިކްގެ އެތެރެ ހައްޓަށް އަނިޔާވީ ކިހާ ވަރަކަށްކަން އަންދާޒާ ކޮށްލަންވެސް އަހަރެމެންނަށް ނޭނގުނެވެ. އަހަރެމެން ދެމީހުންގެ އަތްމައްޗަށް ޒެނިކް ނަގައިގަނެގެން ވަލުން ނުކުތްއިރު ޒެނިކްގެ ނޭފަތާއި އަނގައިން ވެސް ދިޔައީ ލޭތަށް ފައިބަމުންނެވެ. އޭރު ޒެނިކްގެ ދެލޯ ވަނީ މެރިފައެވެ. ޑިންގީއަށް ޒެނިކް އަރުވައިގެން އެންމެ ބާރު ދުވެލީގައި ރަށާ ދިމާލަށް ޑިންގީ ދުއްވާލިއިރު ބިރުން އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. އަޒާން މޮޔައަކު ފަދައިން ޒެނިކް ހޭވެރިކަމަށް ގެންނަން މަސައްކަތް ކުރަމުން ދިޔައީ ރޮމުންނެވެ. އެހާ ބާރު ދުވެލީގައި ގޮސް ޑިންގީ ރަށުގެ ބަނދަރަށް ވަނުމުން ބަނދަރު މަތީގައި އެވަގުތު ތިބި މީހުނަށް ލަހެއްނުވެ އަހަރެމެން ތިބި ހާލު ފެނިއްޖެއެވެ. އެމީހުންގެ އެހީތެރިކަމާއެކު ޒެނިކް އުފުލައިގެން އަހަރެމެން ދިޔައީ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ޑަކްޓަރު އަހަރެމެންނަށް ދިނީ އަހަރެމެން އަޑުއަހަން ތައްޔާރުވެގެން ތިބި ފަދަ ޚަބަރެއް ނޫނެވެ. ގެނެވުނު އިރުވެސް ޒެނިކް ނިޔާވެފައި ވާކަން އެނގުމުން އަހަރެންނަށް ކޮޅަށްވެސް ނުހުރެވުނެވެ. ބޮލުގައި ދެއަތް އަޅާފައި ހުރިތަނަށް އަހަރެން ތިރިވިއިރު އަޒާން ޖެހި ބުދެއްހެން ގަބުވެފައި ބަލަން ހުރީ ޑޮކްޓަރުގެ މޫނަށެވެ. މީގެ އިރުކޮޅެއް ކުރިން އަހަރެމެންގެ ފަހަތުން ދުވުނު ޒެނިކް މަރުވެއްޖެކަން އަޒާނަށް ގަބޫލެއް ނުކުރެވުނެވެ. އަޒާނަށް ވެފައި ހުރިގޮތުން އަތުގައި ހިފައިގެން ގޮސް އަޒާން ގޮނޑިއެއްގައި ބޭންދީ ނަރުސް ކުއްޖެކެވެ.
ރުކަކުން ވެއްޓި ޒެނިކް ނިޔާވި ޚަބަރު ރަށަށް ފެތުރިގެން ދިއައީ ހިކިފަތެއްގައި ރޯވި އަލިފާންކޮޅެއްހާ ހަލުވި މިނެއްގައެވެ. ރެއަށް އިރުއޮއްސި އަނދިރިވެގެން ދިޔައިރު ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް އެއްވެފައި އޮތީ ސިއްހީމަރުކަޒު ކައިރިއަށެވެ. އަހަރެންނާއި އަޒާންގެ ޓީޝާޓާއި މުޅި ދެއަތުގައި އުނގުޅިފައި ހުރި ލޭތަށް ފެނުމުން ޒެނިކަށް ވެފައި ވާވަރު ކޮންމެ މީހަކަށްވެސް އަންދާޒާ ކޮށްލެވުނެވެ. ޒެނިކް ނިޔާވެގެން އުޅޭ ޚަބަރު ލިބުމުން ޒެނިކްގެ އާއިލާ މީހުންގެ ކެތްތެރިކަން ދިޔައީ ކޮޅުން ލައިގެންނެވެ. ޒެނިކްގެ މަންމަ ހޭހުސްވެގެން ވެއްޓުނީ ހުރިތަނަށެވެ. ޒެނިކާއިއެކު ޒަވާޖީ ހަޔާތެއް ފެށުމަށް ފޮނި ހުވަފެންތަކެއް ދެކެމުން ދިޔަ ނިހާވެސް ދިޔައީ އޭނާގެ މަންމަގެ ކޮނޑުގައި މޫނު ފޮރުވައިގެން އޮވެ ގިސްލަ ގިސްލާފައި ރޮމުންނެވެ. ޚަބަރު ލިބިގެން އަޒާންގެ މަންމަ ހައްވާއްތަ އައިސް ވަންއިރުވެސް އަޒާން އިނީ ގަބުވެފައެވެ. އެތަނުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއްގެ ހިލަންވެސް އަޒާނަށް ނުވާ ކަހަލައެވެ. ހައްވާއްތަ އައިސް އޯގާތެރިކަމާއެކު އަތް ބާއްވައިލީ އަޒާން ކޮނޑުގައެވެ.
"ދަރިފުޅު ހާދަ ހުންގަދައޭ."
އަޒާންގެ ގައިގާ އަތްލުމަށްފަހު ހައްވާއްތަގެ ހިތަށް ކުރި އަސަރު ވަކިން ބޮޑުވިއެވެ. ތަފާތު ގޮތަކަށް އަޒާން ސިއްހީމަރުކަޒުގެ ދޮރާ ދިމާލަށް ކަޅިއެއް އެއްލީ އެވަގުތުއެވެ. ހީވީ މީހަކު ގޮވާލުމުން ބަލާލި ހެންނެވެ. އެދިމާލަށް ބަލާލި ގޮތަށް އަޒާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ބޭއިހުތިޔާރުގައި އަހަރެންނަށް ވެސް ބަލާލެވުނީ ދޮރާ ދިމާލަށެވެ. ނަމަވެސް އަޒާން އެބަލާ އެއްޗެއް މިފަހަރު ވެސް އަހަރެންނަކަށް ނުފެނުނެވެ.
"ދަރިފުޅު. ހިނގާ ގެއަށް. ފެންވަރާލައިގެން ދެން އަންނާނީ."
އަސަރާއެކު ހައްވާއްތަ އަޒާން ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު ކުއްލިއަކަށް އަޒާން އިނގިލި ދިއްކޮށްލީ ދޮރާއި ދިމާލަށެވެ.
"އަންޓެ.. އެދަނީ ޒެނިކް. އެދަނީ އޭނަ."
އަޒާންގެ އަޑު ދިޔައީ ބާރުވެގެންނެވެ. ތެދުވި ގޮތަށް އަޒާން ދުއްވައިގަތީ ޒެނިކަށް ގޮވަމުންނެވެ. އަޒާންގެ އެ އަމަލުން މާހައުލުގެ ހަމަހިމޭންކަމަށް އައީ އިންގިލާބެކެވެ. ބަލާކަށް ނުހުރެ އަހަރެން އަޒާން ފަހަތުން ދުއްވައިގަތީމެވެ. ނަމަވެސް ހަޅޭއްލަވަމުން އަޒާން ގޮސް އޮބާލައިފިއެވެ. ދުވެވުނު އެންމެ ބާރަށް ދުވެފައި ގޮސް އަހަރެން އަޒާން ލަނބާލި ގޯޅިއަށް ވަންއިރު އަޒާން ޖެހުނުތާ ލަކުނުވެސް ނެތެވެ. ގަބޫލު ކުރަން ބޭނުން ނުވިއަސް އަޒާން ބުނި ނަދުރު ވިހަވެއްޖެކަން އަހަރެންގެ ބުއްދިއަށް އޭރު ވަނީ ވިސްނިފައެވެ. އަޒާނަށް ގޮވަމުން އަޒާން ހޯދަން މުޅި އެ ހިސާބުގަނޑުގައި އަހަރެން ދުވުނީމެވެ. އަޒާންގެ އާއިލާ މީހުންނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ވެސް އަވަސްވެގަތީ އަޒާން ހޯދާށެވެ. ނަމަވެސް އެރޭ ދިހައެއް ޖަހައި ބޮޑުވެގެން ދިޔައިރު ވެސް އަޒާނެއް ނުފެނުނެވެ. އެއްބަޔަކު އަޒާން ހޯދަން މުޅި ރަށުތެރޭގައި އަތްފުނާ އަޅަމުން ދިޔައިރު އަނެއްކޮޅުން ޒެނިކް ހިނަވައި ކަފުންކޮށް ވަޅުލައިފިއެވެ. އޭރު ޒެނިކްގެ ކުއްލި މަރުގެ ސަބަބުން އަޒާން މޮޔަވި ވާހަކަ މުޅި ރަށަށް އޮތީ ފެތުރިފައެވެ. ކަންތަށް ވެގެން އުޅެނީ އެމީހުން އެހީކުރާ ގޮތަށް ނޫނޭ ބުނަން އަނގަ ހުޅުވާލަން ވެސް އަހަރެންނަކަށް ނުކެރުނެވެ.
ދޭއްޖަހައި ބޮޑުވީ ފަހުން އަޒާން ފެނުނީ ވަލުތެރޭގައި ހުރި ނިކަގަހެއްގެ ބުޑުގައި ފިލާ އޮއްވައެވެ. އެތަނުން އަޒާން ނެރުނީ ފަސް ފިރިހެނުން ހިފައިގަނެގެންނެވެ. އޭރު އާދަޔާ ހިލާފަށް އަޒާން ބާރުގަދައެވެ. ކަރަށް ނާރު އަރުވާލާފައި ޒާތެއްގެ ބަރު އަޑަކުން ހެމުން އަޒާން ގޮވަމުން ދިޔައީ ތިމެންނަ ނަދުރު ފުއްދައިފީމެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުން އެވަގުތު އަޒާން ހިފަހައްޓަން ކައިރިވެލަން ވެސް އަހަރެންނަށް ނުކެރުނެވެ. އަމިއްލަ އިހުތިޔާރެއް ނެތި އަޒާން ދައްކަމުން ދިޔަ ވާހަކަ ތަކުން އަހަރެންނަށް އެނގި ހާމަވީ…
ވާހަކަ ލިޔެފައިވާ ހިސާބަށް ކިޔާ ނިމުނުއިރު ބިރުން ފަރީދާގެ ހަތަރެސްފައިން ހުރީ ހީބިހި ނަގާފައެވެ. ވާހަކަ އެކީ ލިޔެފައި ނެތަސް ދެން ހިނގައިދިޔަ ހުރިހާކަމެއް ވެގެން ދިޔައީ ފަރީދާގެ ވެސް ދެލޯ ކުރިމަތީގައެވެ. ރަތްވިލާގެ ދަޅަތަކާއިއެކު ބުއްދި ފިލައިގެންދާ އަޒާން އިޝާ ނަމާދަށްފަހު ހަމަޖެހޭއިރު ގިނަ ދުވަސް ދުވަހު ހޭވެރިކަން ވެސް ނުހުރެއެވެ. އަނެއްކޮޅުން ދަންވަރަށް އަޒާން ތެޅެން ފަށައެވެ. އަޒާނަށް ރުޤްޔާ ކުރަން ރާއްޖޭގެ އެކި ހިސާބުތަކުން އެތަށް ބަޔަކު ގެނެވުނެވެ. ނަމަވެސް އަޒާނާއި އަޅައިގަތީ ކޮން ސަބަބަކާއި ހުރެގެންތޯ އެ އިފުރީތާއި ކުރި ސުވާލުތަކަށް ވެސް ދިނީ އެކި ފަހަރު އެކި ޖަވާބެވެ. އަޒާންއާއި ޒެނިކަށް ދިމާވި ކަހަލަ ހާލަތެއް ދިމާ ނުވިޔަސް ނަފުސާނީ ބަލީގެ ޝިކާރައިގާ އަނޫފް ބަނދެވިގެން ދިޔައީ އެހާދިސާއަށް ފަހުންނެވެ. އެގެއާ އިންވެގެން ހުރި ގޭތެރެއިން އިވެމުން ދިޔަ އަޒާންގެ ހަޅޭކާއި ހުނުމުގެ އަޑު ނާހަންވެގެން އަނޫފް އޮންނަނީ ދެކަންފަތް މަތީގައި ބާލިސް އަޅައިގެން ރޯށެވެ. ކެއުމެއް ބުއިމެއް ނެތި ނިދިން މަޙުރޫމް ވެފައިވާ ހާލުގައި އަނޫފް އެތަށް ދުވަހެއް ވަންދެން ގޭގައި އޮތެވެ. އަޒާންގެ ހާލަތު ދެކެން ކެތް ނުކުރެވިގެން އަނޫފް އަމިއްލައަށް މަރުވާން އުޅުނު ދުވަހަކީ ދުވަހަކުވެސް ފަރީދާ ހިތުން ފިލައިގެން ދާނޭ ދުވަހެއް ނޫނެވެ.
ފަރީދާ އަނޫފްގެ ކޮޓަރިން ނުކުތީ ދެލޮލުން ކަރުނަ ފޮހެމުންނެވެ. އޭރުވެސް އަނޫފް ގެއަކަށް ނާދެއެވެ. ވާރޭ ހުއްޓާލާފައި އޮތުމުން ފަރީދާ ގޮސް ވަނީ އަޒާންގެ ގެއަށެވެ.
"ނަސީބެއް ފަރީދާއަށް އެސޮރު ފެނުނުކަން. އަހަރެން ފާހާނައަށް ވަން ވަގުތު ނުކުމެގެން ދިއައީ."
ހައްވާއްތައަށް ފަރީދާ ފެނުމުން ހިނިތުންވެލަމުން ބުނެލިއެވެ. ހައްވައްތައާ ވާހަކަ ދައްކާލަން އިރުކޮޅަކު ހުރެފައި ފަރީދާ ގޮސް ވަނީ އަޒާންގެ ކޮޓަރިއަށެވެ. އޭރު އަޒާން ހުރީ އަނޫފްއާ އެކު މަޤްރިބު ނަމާދު ކުރާށެވެ. އެމަންޒަރު ފެނުމުން ފަރީދާއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. އެ ނަދުރުގެ ވާހަކަ ދައްކަން އަނޫފް ބޭނުން ނުވި ސަބަބު ފަރީދާއަށް މިހާރު ވިސްނިއްޖެއެވެ. އެދަތުރުގައި ހިނގާ ދިޔަ ކަންތައްތައް އަނޫފް ކިޔައިދިން ނަމަ ޒެނިކް ރުކުން ވެއްޓުނީ އަޒާންގެ ސަބަބުން ކަމަށް ބުނެ އެންމެން ޒެނިކްގެ މަރުގެ އިލްޒާމު އަޅުވާނީ އަޒާންގެ ބޮލުގައެވެ. އަޒާން އެފަދަ ހާލެއްގައި ވަނިކޮށް އެއްވެސް މީހަކު އަޒާނަށް އިނގިލި ދިއްކުރަން އަނޫފް ބޭނުން ނުވީއެވެ. ފަރީދާ އެކޮޓަރިން ނުކުންނަން ހިނގައިގަތީ އަނޫފްގެ އެ ސިއްރު ފަރީދާއަށް އެނގުނުކަމަށް ވެސް ނަހަދަން އަމިއްލަ ނަފުސަށް ވަޢުދު ވަމުންނެވެ.
- ނިމުނީ -