ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ލިބުނު ފައިސާ މިދިޔަ 5 އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިޔަން ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށެެވެ.
17 ނޮވެންބަރު 2023 ގައި ދިވެހި ޒަޢާމަތާ ހަވާލުވެޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވި އެއް މަސައްކަތްޕުޅަކީ ދީނީ ކަންކަމަށް ދިވެހި ރައްޔިތުން އަހުލުވެރިކުރުވައި، އިސްލާމް ދީނުގެ ހަމަތަކާއި ރިވެތި އުޞޫލުތައް ދިވެހި މުޖުތަމަޢުގައި ނެގެހެއްޓެވުމެވެ. މި ގޮތުން ވެރިކަމާ ހަވާލުވެ މަސް ދުވަސް ނުވަނީސް އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ޒަކާތުގެ މާތްވެގެންވާ އަޅުކަމާމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ޒަކާތުގެ ބެހުމާއި ބަލައިގަތުމުގެ ނިޒާމު ހަރަދަނާކުރެއްވުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޚާއްސަ އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިއެވެ. އެމަނިކުފާނުގެ މި ނިންމެވުމާއި އެއްގޮތަށް 18 ޑިސެންބަރު 2023ގައި "މޯލްޑިވްސް ޒަކާތު ހައުސް" ރަސްމީކޮށް އުފައްދަވައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ އިދާރާ ރަސްމީކޮށް އިފްތިތާޙުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް އުފެދުމާއެކު ޒަކާތާއިމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމުގެ ޚާއްސަ މަސައްކަތްތަކެއް ފެށުނެވެ. އިހަށްވުރެ ވަރަށް ބޮޑަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް އިތުރުވެގެންދިޔައެވެ. ޒަކާތަށް ޚާއްސަ ކުރެވިގެން ދަރުސްތައް ދޭން ފެށުނެވެ. މި ކަންކަމުގެ ނަތީޖާ މިއަދު ވަރަށްވެސް ފޮންޏެވެ. އެ ގޮތުން މީގެ 5 އަހަރު ކުރިއާ އަޅާކިޔާއިރު ދުވަހަކުވެސް ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ނުލިބޭ ވަރަށް މި ރަމަޟާންމަހު ވަނީ ޒަކާތު ފައިސާ ލިބިފައެވެ. އެ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 1.6 މިލިޔަން ރުފިޔާގައެވެ. އަދި 2023 ވަނަ އަހަރު 1.39 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މި އަހަރާއި މިދިޔަ އަހަރާ އަޅާކީނަމަވެސް މިއީ، %81.25 އިންސައްތައިގެ ތަފާތެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ލިބުމުން ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ އެކަން ފާހަގަކުރައްވަމުންނެވެ.
ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޑރ. މޫސާ އަންވަރު ޙަސަން ވިދާޅުވީ ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ އެކިއެކި ޕްރޮގުރާމްތަކާއެކު ޒަކާތުގެ މުހިންމުކަމާއި ޒަކާތް ދެއްކުމުން މުޖުތަމަޢަށްކުރާ އަސަރު މީހުންނަށް އެނގެން ފެށިިކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ޒަކާތް ދައްކާ މިންވަރު ބޮޑު ތަނުން އިތުރުވުންކަމަށް ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.
"ޒަކާތުގެ މުހިންމުކަން މީހުންނަށް އެނގި، ފަޤީރުން ނެތިދާކަމާއި ޒަކާތުން ލިބޭ އެހީތެރިކަން އެނގިގެންދިޔުމުން ގިނަ މީހުން ޒަކާތް ދެއްކުމުގެ ސަބަބަކަށް މިވަނީ. ޒަކާތު ހައުސް އުފައްދައި ކިހާ މުހިންމުކަމެއްކަން މީހުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުމަކީ ގިނަ މީހުން ޒަކާތް ދެއްކި ސަބަބެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު އިތުރުވެގެންދިޔައީ ޒަކާތުގެ މުހިންމުކަން އެނގި، ޒަކާތު ހައުސްއާ މެދު އޮންނަ އިތުބާރު އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއްނެތި އެކިއެކި ޕްލެޓްފޯމްތަކާއި އެކި ގޮތްގޮތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންދަވާނެކަމަށް ޢިއްޒައްދީން ޢަދްނާން ވިދާޅުވިއެވެ.
"ރަށްރަށަށް ގޮސްގެން ޒަކާތުގެ ހޭލުންތެރި ޕްރޮގުރާމްތައް ހިންގަން. މިސްކިތް ދަރުސްތައް އެބަ ބާއްވަން. ސަރުކާރު އެސްއޯއީތަކާއި އޮފީސްތަކާއި ޕްރައިވެޓް ސެކްޓަރއަށް ޚާއްސަކޮށްގެން ޕްރޮގުރާމްތައް އެބަ ހުންގަން. ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައިވެސް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް މިދަނީ ހިންގަމުން." ޢިއްޒައްދީން ޢަދްނާން ވިދާޅުވިއެވެ.
ހޭލުންތެރިކުރުމުގެ އިތުރުން ޒަކާތް ބަލައިގަތުމާއި ޒަކާތް ބެހުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށްވެސް ޒަކާތު ހައުސްއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެ ގޮތުން ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކުރައްވައި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ޒަކާތާބެހޭ މަހާސިންތާއެއް ވަނީ ބާއްވަވާފައެވެ. އަދި ޒަކާތު ފަންޑުން އެކި ޚިދުމަތްތަކަށް އެދެވޭ ގޮތް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ޒަކާތު ހައުސްއިން މިހާރު ދަނީ ކުރައްވަމުންނެވެ.
ފިޠުރު ޒަކާތާއި މުދަލު ޒަކާތަށް ދިވެހިންގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ޒަކާތް ދައްކާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްނެންގެވުމުގެ ދަށުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރަން ފެއްޓެވި މަސައްކަތުގެ ނަތީޖާކަމާމެދު ޝައްކެއް ނެތެވެ.