ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ އޮކްޓުބަރު މަހުގެތެރޭގައި ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. ނަމަވެސް މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވެސް ވަނީ 2 މިލިޔަން ކަނޑައްތުކޮށްފައެވެ. އެހެންކަމުން މިހާރު ޚިދުމަތްދެމުންދަނީ އޯވަރކެޕޭސިޓީގައެވެ.
އެހެންނަމަވެސް އަލަށް ތަރައްގީކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑު، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއްރަށުން އަނެއް ރަށައް ދަތުރުފަތުރު ކުރުމަކީ ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެއްކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށްވެސް ޒަމާނުންސުރެއް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަމުންދަނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.
ވައިގެ ދަތުރުފަތުރަށް އަންނަ ޒަމާނީ ބަދަލުތަކާއި ފައިހަމަކޮށް ރާއްޖެއިންވެސް އަންނަނީ އެފެންވަރަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގޭ އެއަރލައިންތަކުންވެސް ތަފާތު މަރުކާގެ ބޯޓުތައް ގެނެސް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެގެނެސް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ރާއްޖެ ގެނައުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.
އައު ވެލާނާ އިންޓަރނޭޝަނަލް ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. ދިވެހީންގެ ފުދުންތެރިކަން އިތުރުވެގެންދާނެއެވެ.