ޚަބަރު

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން


އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު އެންމެ ގިނައިން ބަލައި ނިންމާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައިވެސް އެކޮމިޝަނުން އެންމެ ގިނައިން ބަލައި ނިންމާފައިވަނީ، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ.  އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 108 މައްސަލައެއް އޭ.ސީ.ސީން ވަނީ ބަލައި ނިންމާފައެވެ. 2015 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ބަލާ ނިންމާފައިވަނީ، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 143 މައްސަލައެވެ. 

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށް ޢަމަލު ކުރުމުގެ މައްސަލަތައް ކަމަށާއި، އެގޮތުން ގަވާއިދާ ޚިލާފަށް ޢަމަލު ކުރުމުގެ 87 މައްސަލައެއް ނިންމާފައިވާކަން އޭ.ސީ.ސީން ފާހަގަ ކުރައްވައެވެ. މިއާއެކު ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. ނާޖާއިޒު ފައިދާ ހޯދުމުގެ 28 މައްސަލައެއް ނިންމާފައިވާއިރު، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 18 މައްސަލައެއް ކޮމިޝަނުން ބަލައި ނިންމާފައިވެއެވެ.

މީގެއިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލުވުމުގެ 21 މައްސަލައަކާއި، ރިޝްވަތުގެ 3 މައްސަލައެއްގެ އިތުރުން ދޮގު މަޢުލޫމާތު ދިނުމާއި ހެކި ފޮރުވުމުގެ ޖުމްލަ 7 މައްސަލައެއް ވެސް މިހިނގާ 2016 ވަނަ އަހަރުގެ  ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަނުންވަނީ ބަލައި ނިންމަވާފައެވެ. ދޮގު މައުލޫމާތު ދިނުމާއި، ހެކި ފޮރުވުމުގެ އެއްވެސް މައްސަލައެއް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައި ނުވާކަން އެކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.