މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އުފައްދާފައިވާ ކުޅުންތެރިންގެ ޔޫނިއަނުން ވާދަވެރިކަމާ ދެކޮޅު އުސޫލުތަކާއި، ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ފާޅުގައި އަޅާނުލާ ކަމަށް ބުނެ ޓެނިހުގެ ބެލެނިވެރި ފަރާތްތަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ޕްރޮފެޝަނަލް ޓެނިސް ޕްލޭޔަރސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅީ ނިއުޔޯކުގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށެވެ.
ޓެނިހުގެ ގަވާނިން ބޮޑީސްތަކާއި ދެކޮޅަށް ހުށަހަޅާފައިވާ 163 ޞަފްޙާގެ ދައުވާގައި ބުނެފައިވަނީ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިން ތާށިވެފައި ތިބީ "ރިގްޑް ގޭމެއްގައި" ކަމަށާއި، އެކަމުގެ ސަބަބުން އެމީހުންނަށް އަމިއްލަ ކެރިއަރާއި އެމީހުން ސްޕޮންސަރ ކޮށްފައިވާ ބްރޭންޑުތަކުގެ މައްޗަށް އޮންނަނީ ކުޑަ މިންވަރެއްގެ ކޮންޓްރޯލެއް ކަމަށެވެ. އަދި މުބާރާތްތަކުގެ ޝެޑިއުލާއި ރޭންކިން ސިސްޓަމްތަކާއި ފޮޓޯގެ ރައިޓްސް ކޮންޓްރޯލް ކުރުމަށްވެސް އެ ޔޫނިއަނުން ވަނީ ފާޑުކިޔާފައެވެ.
2020 ވަނަ އަހަރު އުފެދުނު ޕީޓީޕީއޭއިން ބުނީ މި މައްސަލަތައް ކޯޓަށް ހުށަހެޅީ ޓެނިސް ކުޅޭ އެންމެންގެ ހައްގުގައި ކަމަށާއި ބޭނުންވަނީ ކުޅުންތެރިންގެ ބާރު އިތުރުކޮށް، ބެލެނިވެރި ފަރާތްތަކުގެ ކޮންޓްރޯލް ކުޑަކުރުން ކަމަށެވެ.
ފިރިހެނުން ޓެނިސްކުޅުންތެރިން ޕްރޮފެޝަނަލް ބޮޑީ، އޭޓީޕީ ޓުއާރ އިން ބުނީ ޕީޓީޕީއޭގެ ޝަކުވާތަކަށް އިންކާރުކުރާ ކަމަށާއި، އެއީ އަސާސެއް ނެތް ދޮގުވާހަކަތަކެއް ކަމަށެވެ. އަދި ކުޅިވަރުގެ އާންމު އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމާއެކު ޓެނިސްކުރިއެރުވުމުގައި އެ ޖަމުއިއްޔާއިން ދެމި އޮންނާނެ ކަމަށެވެ.
އަންހެން ޓެނިސްކުޅުންތެރިންގެ ޓުއާރގެ ބެލެނިވެރި ފަރާތްކަމަށްވާ، ޑަބްލިއުޓީއޭ އިންވެސް ބުނެފައިވަނީ ކުޅުންތެރިންގެ ޔޫނިއަނުން ހުށަހަޅާފައިވާ ގާނޫނީ މައްސަލައަކީ އެއްވެސް އަސާސެއް ނެތް އޮޅުވާލުން އެކުލެވޭ ތުހުމަތުތަކެއް ކަމަށެވެ. އަދި ކުޅުންތެރިންގެ ޔޫނިއަނުން ހުށަހެޅި މައްސަލަތަކުގެ ދިފާއުގައި އެ ޖަމުއިއްޔާއިން މަސައްކަތް ކުރާނެ ކަމަށެވެ.