ޚަބަރު

ޚާރިޖީ ވަޒީރު އިންޑިއާއަށްކުރެއްވި ދަތުރުފުޅު ނިންމަވަލައްވައިފި


  • ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވި

  • މޫސުމާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައިވެސް ބައިވެރިވެވަޑައިގެންނެވި

  • އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް ބައްދަލުކުރެއްވި

ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިމަހުގެ 17 އިން މިއަދުގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ރައިސީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އަހަރުގެ ރައިސީނާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒިލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.

މި ޑައިލޮގްގެ ތެރެއިން ކުރިއަށްދިޔަ "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ހަވާސާގައި ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރަކުރައްވާފައެވެ. ހަމައެހެންމެ އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާ، ތަރައްޤީގެ ރޮނގުން އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޑރ. ޚަލީލް ވަނީ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް، މި ބައްދަލުވުމުގެ ހަވާސާގައި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ރައިސީނާ ޑައިލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.