ބަންގްލަދޭޝަށް ނިސްބަތްވާ އިމްރާން އަޙްމަދު ސައުދާގަރު އެންމެ ފުރަތަމަ ޖޫސް ގިރަން ފެށީ ކޯވިޑް-19ގެ ދުވަސްވަރު އޭނާގެ ބަލި ބައްޕަ މޭވާ ކާން ދެކޮޅު ހަދަން ފެށުމުންނެވެ. އޭރު އުމުރުން 75 އަހަރުގެ ބައްޕައަކީ ހަކުރު ބަލި ހުރި މީހެކެެވެ. ބައްޕަގެ ޞިއްޙަތަށް ފައިދާހުރި ބުއިންތައް ތައްޔާރު ކުރުމަށް ތަފާތު އެކި މޭވާ އެއްކޮށްގެން ކޮންމެ ދުވަހަކު ވެސް އައު ޖޫހެއް ސައުދާގަރު ތައްޔާރު ކުރަމުން ދިޔައެވެ.
އެ ގޮތަށް ޖޫސް ތައްޔާރު ކުރުމުން އެ ޖޫހަކަށް އެ ދުވަހު އަޅާފައި ހުރީ ކޮންކޮން މޭވާއެއްތޯ ދިމާކުރުން ވެސް ވީ ބައްޕަ ވަރަށް ގަޔާވެގެން ކުރަން ފެށި ކަމަކަށެވެ. އަނެއް ދުވަހުގެ ޖޫސް ގަޑިއަށް ބައްޕަ ވެސް އިންތިޒާރު ކުރަން ފެށިއެވެ. ބައްޕައަށް ދެވޭ ޖޫސްތަކަކީ އެންމެ ފަައިދާހުރި ގޮތަށް ތައްޔާރު ކޮށްފައިވާ ޖޫސްތަކެއްކަން ޔަޤީން ކުރުމަށް ޑޮކްޓަރުންނާއި ނިއުޓްރިޝަނިސްޓުންގެ ލަފާ ސައުދާގަރު ހޯދަމުން ދިޔައެވެ.
ދުވަސްކޮޅެއް ފަހުން ސައުދާގަރު ޒަވާޖީ ޙަޔާތެއް ފެށުމަށް ފަހު ޖޫސް ތައްޔާރު ކުރާ ވީޑިޔޯ ހަދައި އިންޓަނެޓަށް ދޫކޮށްލުމުގެ ޚިޔާލު އޭނާގެ އަންހެނުން ދިނެވެ. އެއާއެކު ޖޫސް ތައްޔާރުކުރާ ވީޑިޔޯގައި ބޭނުން ކުރާނެ ސާމާނު ހޯދުމަށް ސައުދާގަރާއި އޭނާގެ އަންހެނުން ދިރާސާތައް ކުރަން ފެށިއެވެ. މޭވާ ކޮށަން ބޭނުން ކުރާނީ ކޮންކަހަލަ ކަޓިންގ ބޯޑެެއްތޯއާއި ދެން އަޖުމަ ބަލާނީ ކޮން މޭވާއެއްތޯއާއި އެންމެ މީރު ރަހައެއް ނިކުންނަނީ ކޮން ކަހަލަ މޭވާއެއް އެއްކޮށްލުމުންތޯ ފަދަ ސުވާލުތަކަށް ދެމަފިރިން ޖަވާބު ހޯދަމުން ދިޔައެވެ. ކޮޮންމެ ރެއަކު ވެސް ތަފާތު ޖޫސްތައް ގިރާ ތަފާތު ރެސިޕީތައް އުފައްދަމުން ދިޔައެވެ.
އިންޓަނެޓުގައި ސައުދާގަރަށް މަޝްހޫރުކަން ލިބުނީ މަޝްހޫރު ރެސްޓޯރަންޓު ނަންދޯސްގައި ތައްޔާރު ކުރާ ގޯއާ ލެމަން ކިޔާ ބުއިމެއް އޭނާ ތައްޔާރު ކުރުމުންނެވެ. ސައުދާގަރު އެ ބުއިން ތައްޔާރު ކުރީ ޔޯގަޓާޢި ކުދީނާ ފަތާއި ލުނބޯ އަދި ވެނިލާ އައިސްކްރީމް ބޭނުން ކޮށްގެންނެވެ. އެ ވީޑިޔޯއަށް ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. އެ ރެސިޕީ ގޭގައި ތައްޔާރުކޮށް އަޖުމަ ބެލުމަށް ފަހު މީހުން ބުނަމުން ދިޔައީ ތައްޔާރު ކުރި ބުއިމުގައި ލަނީ ހަމަ ނަންދޯސްގައި ތައްޔާރު ކުރާ ބުއިމުގެ ރަހަ ކަމަށެވެ. ސައުދާގަރު އެ ބުއިން ތައްޔާރު ކުރީ އޭގެ ރެސިޕީ އެނގިގެން ނޫން ކަމަށާއި ހިތުލަފަޔަށް ކަމަށް އޭނާ ބުނެއެވެ. އެ ވީޑިޔޯ ދެ މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ.
ޝޯބޯޓް ސައުދާގަރުގެ ނަމުން ޗެނަލެއް ހަދައި ސައުދާގަރު ޖޫސް ތައްޔާރު ކުރާ ވީޑިޔޯތައް ހަދަމުން ދިޔައީ ވަޒީފާއަށް ވެސް ދަމުންނެވެ. އޭނާ އެ ވީޑިޔޯތައް ހަދަނީ އޭނާއަށް ލިބޭ ހުސް ވަގުތުގައެވެ. ޝޯބޯޓް ސައުދާގަރަކީ ކޮބައިކަން ނޭނގޭ މީހަކު ބަންގްލަދޭޝްގައި މިހާރު މަދުވާނެއެވެ. ސައުދާގަރު މިހާރު މަސައްކަތް ކުރަނީ ރަމަޟާން މަހާ ދިމާކޮށް އައު ރެސިޕީތައް ގެނެސްދިނުމަށެވެ. އެއީ އޭނާގެ ވީޑިޔޯތައް ބަލާ މީހުންގެ އެދުމުގެ ވެސް މަތިންނެވެ. ސައުދާގަރު ބުނީ ރަމަޟާން މަސް ކައިރިވަމުން ދިޔަ ވަރަކަށް އައު ރެސިޕީތައް ފެންނަން ފަށާނީ ކޮން އިރަކުންތޯ މީހުން ސުވާލު ކުރަމުންދިޔަ ކަމަށެވެ. ވީޑިޔޯތަކުގެ ކޮމެންޓުތަކުގައި ރަމަޟާން މަހު އައު ރެސިޕީތައް އަންނާނެކަމުގެ އިންތިޒާރުގައި ތިބި ކަަމަށް މީހުން ލިޔަމުން ދިޔަ ކަމަށެވެ. އެ ކަން ވެގެން ދިޔައީ ސައުދާގަރަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.
ވީޑިޔޯތައް ހަދަން ފެށިފަހުން މިހާތަނަށް 70އަށްވުރެ ގިނަ ރެސިޕީ ސައުދާގަރު ވަނީ ތައްޔާރު ކޮށްފައެވެ. އޭނާ އަޖުމަ ނުބަލާ މޭވާއެއް ނެތޭ ވެސް ބުނެވިދާނެއެވެ. އޭނާ މިހާރު ކުރަމުންދާ މަސައްކަތަކީ ރަމަޟާން މަހާ ގުޅޭގޮތަށް ހަށިގަނޑުގައި އިލެކްޓްރޮލައިޓް އިތުރު ކޮށްދޭ ފަދަ ބުއިންތައް ތައްޔާރު ކުރާނެ ގޮތެއް ތަހުލީލު ކުރުމެވެ. އޭގެ އިތުރުން ކާބޯތަކެތި ހަޖަމު ކުރުމަށް ފަސޭހަ ކޮށްދޭ އަދި ބަނޑުގެ ކަންކަަމަށް ރަނގަޅު ބުއިންތައް ތައްޔާރު ކުރުމަށް މި ރަމަޟާން މަހު އޭނާ ޚާއްޞަ ސަމާކުކަމެއް ދެއެވެ.
މިއަދު ސަައުދާގަރުގެ ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް ބައްޕަގެ ޞިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި ސައުދާގަރު ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިއަދު މި ދަނީ ފެންނަމުންނެވެ. ބަންގްލަދޭޝްގެ އިތުރުން މުޅި ދުނިޔޭގައި ވެސް މިއަދު އޭނާގެ ރެސިޕީތައް މި ވަނީ މަގުބޫލުކަން ހޯދާފައެވެ.