ހަތަރު ރަށެއްގައި މުޅިން އަލަށް އެކްސްރޭ ޚިދުމަތް ފަށަން ޞިއްޙީ ވުޒާރާއިން ނިންމައިފިއެވެ.
އެކްސްރޭގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ނ. ހޮޅުދޫ އާއި އެއަތޮޅު ވެލިދޫގެ އިތުރުން ށ. މިލަންދޫ، އަދި އދ. މާމިގިލީގައެވެ.
މި ރަށްތަކުގައި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދަތުރުކުރަންޖެހުން މަދުކުރުމަކީ ސަރުކާރުގެ ތަސައްވުރެކެވެ.
ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް އައިރުވެސް ރާއްޖޭގެ ތަފާތު އެތައް ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްތައް އެޅުމަށް ކުުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި އެމްއާރުއައިގެ ޚިދުމަތް، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަނީ ފައްޓަވާފައެވެ.
ސިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި ތެލަސީމިއާ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް ހިމެނޭހެން އިތުރު 5 ހޮސްޕިޓަލް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ.