ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވިވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އޭނާގެ އެނަންފުޅު މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެމައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މައްސަލައިގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސްކުރެއްވުމަށްފަހުގައެވެ.
މައްސަލަ ދިރާސާކުރުމުގައި ޖުޑިޝަރީ ކޮމިޓީން ނިންމެވީ ޖޭއެސްސީން ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ލަފާދެއްވާފައިވާނީ އެކޮމިޝަނުން ރަނގަޅަށް ދިރާސާކުރެއްވުމަށްފަހުކަމަށް ކަމަށްވުމުން އެމައްސަލަ އިތުރަށް ދިރާސާކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމެވުމަށްފަހުގައެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އެގޮތުން، އެ މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރުމަތިލައްވާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަން ކުރިން ކުރައްވާފައިވާ މަރްޔަމް ނިހާޔަތާއި ޤާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ އުޞޫލު ބަޔާންކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީން ލަފާއެރުއްވުމުން އެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެ ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަން ކުރެވޭނީ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުއެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަނޑިޔާރު ޙުސެއިން ޝަހީދު ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022ން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން، ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި ގުޅިގެން އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.