އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މީދޫ ޗަސްބިން ނުވަތަ މަތިކިޅި ސަރަހައްދުގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 11:45 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އަދިވެސް އަލިފާން އެއްކޮށް ކޮންޓްރޯލް ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ %50 ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެއްކޮށް އަލިފާން ކޮންޓްރޯލް ކުރުމުގައި ދަތިތައް ދިމާވަނީ އެ ސަރަހައްދަކީ ޗަސްބިން އޮންނަތަނަކަށްވެފައި އަޑީގައި ހިކި ގަސްތަކާއި ފަތްތައް ހުރުމުން ކަމަށާއި ނަމަވެސް މެދުކެނޑުމެއްނެތި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިވަގުތު ހުޅުދޫ މީދޫ މަތިކިޅި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން، ﷲގެ ތަނަވަސް ރަހްމަތުން މީހުން ދިރި އުޅޭހިސާބަށް އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެމްއެންޑީއެއްފްގެ… pic.twitter.com/n3maW244Qb
— Abdul Rahman (@MpAhdhu) March 19, 2025
އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ އިތުރުން އާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ކުރިންވެސް މީދޫ ޗަސްބިމުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. ގިނައިން މިފަދަ ހާދިސާތައް ދިމާވަނީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.