މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިި މި ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވި 55 މެންބަރުންގެ އަޣްލައިބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ 7 މެންބަރުންނެވެ. މިބިލަށް އެމްޑީޕީގެ ފަރާތުން އެއް އިސްލާހު ހުށަހެޅި ނަމަވެސް އެއިސްލާހު ފާސްވެފައިނުވެއެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޟް ހުށަހެއްޅުއްވި އިސްލާހަކީ ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓް ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމުގެ އުސޫލާއި އެތަނެއް ހެދުމަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުޞޫލު އިސްލާހުކޮށް ރީޑިވެލޮޕްމަންޓަށް ތަންތަން ބަންދުކުރުމުގެ އުސޫލު ކަނޑައަޅުއްވައި ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމްކުރުމަށް ހުށަހެޅި އިސްލާހެކެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގައިވާގޮތުން، ކައުންސިލްތަކުގެ އިޙްތިސާސްގައިހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުއްވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ޤާނޫނުގައި ކުރިން އޮތްގޮތަށް، ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާއެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމް ބޭނުމަށް ތަރައްގީކުރެވޭނެ ބިން ކަނޑައަޅާނީ އެރަށެއްގެ ކައުންސިލަކުން ކަމަށް އިސްލާހުގައިވެއެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަން ރީ-ޑިވެލޮޕް ކުރުމަށް ބަންދުކުރުމާ ގުޅޭ މާއްދާވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައިވާގޮތުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަމުންދާ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދުކުރެވޭނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހުކުރުމަށްފަހުއެވެ.
މި އެއްބަސްވުމުގެ މުއްދަތުގައި ރީ-ޑިވެލޮޕް މަސައްކަތް ނުނިމޭނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީ އެގްރީމަންޓް ބާތިލުކުރުމުގެ އިޙްތިޔާރުވެސް މި އިސްލާހުގެ ދަށުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބޭނެއެވެ. މި އިސްލާހު ބާތިލުކުރުމަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގެ ދަށުން ގާއިމުކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ޓޫރިޒަމް ދާއިރާާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ދާއިރާގެ ވަސީލަތްތައް ކުރިއަރުވައި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޜަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރާ ފަންޑެކެވެ. މި ފަންޑުން ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރާނެ ކަމަށާއި ފަންޑަށް ޖަމާކުރެވޭ ފައިސާއިން ޤާނޫނު ހުއްދަކުރާ ގޮތުގެ މަތން އިންވެސްޓް ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ޤާނޫނަކަށްވެގެންދިއުމުން ޓޫރިޒަމް ފަންޑު ގާއިމުވެ، މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު އުވޭނެ ކަމަށާއި އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
އެ އިސްލާހުގައިވާގޮތުން، ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާވާނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ލިބޭ ސްޕޮންސަރޝިޕް ފައިސާ އާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިޖުތިމާޢީ ޒިންމާގެ ދަށުން ޖަމާކުރާ ފައިސާ އާއި ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާގެ އިތުރުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫން ފައިސާއެވެ.
މި ފަންޑު ގާއިމުވުމާއެކު ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި މާލީ ވުޒާރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތައް ތަމްސީލްކުރެވޭގޮތުގެ މަތިން ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީއެއް އެކުލަވައިލަންޖެހޭނެއެވެ. އަދި ކޮމިޓީ އެކުލެވިގެންވާގޮތާއި ހިންގުމުގެ އުސޫލުތައްވެސް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންޖެހޭނެ ކަމަށްވެސް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.