ކިންގްޑަމް އޮފް ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޤީލާ އަލީ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤީލާ އަލީ ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޤީލާ އަލީ އައްޔަންކުރެއްވުމަށް ފާސްކުރެއްވީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހުގައެވެ.
ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރުވަނީ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި މިފަހުން މަޖިލީހުން ރުހުންދެއްވާފައިވާ ހުރިހާ ބޭފުޅުންނަކީވެސް ދާއިމީ މަންދޫބުން ނުވަތަ އެކި ޤައުމުތަކަށް ކުރިންވެސް ކަނޑައަޅުއްވާފައި ތިބި ސަފީރުންކަން ފާހަގަކުރައްވާފައެވެ.
ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ހައްޔަންކުރެއްވުމަށް މަޖިލީހުން މިއަދު ރުހުންދެއްވި ޤީލާ އަލީ އަކީ މިވަގުތު ރާއްޖެއިން ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުއްވޭނީ މަޖިލީހުން ފާސްކުރުމަށްފަހުއެވެ.