އުފާވެރިކަން ހޯދޭނީ ފަރުދީ ގޮތުން ކުރެވޭ ކަންކަމަށްވުރެ ބޮޑަށް ޖަމާޢަތުގެ ފެންވަރުގައި ކަށަވަރުކުރެވޭ ކަންކަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުފާވެރިކަން ހޯދުމަކީ ފަރުދީ ގޮތުން ކުރެވޭކަމަށްވުރެ ބޮޑަށް، ޖަމާޢަތުގެ ފެންވަރުގައި ކަށަވަރުކުރެވޭނެކަމެއްކަމަށެވެ. އެހެނީ ދެމިގެންދާ އުފާވެރިކަން ކަށަވަރުކުރެވޭނީ ތަފާތުތަކާއެކުވެސް އެންމެން ގުޅިގެން އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ.
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެގޮތުން ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު ވަނީ އިފްތިތާޙްކޮށްފައެވެ.
"ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް" ގިނަ ބަޔަކަށް އުފާވެރިކަން ގެނުވައިދޭ ފަދަ ގޮތަކަށް، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފާހަގަކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެގޮތުން "ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ގިފްޓް ޕެކް ޙަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުމާއި، ދުވަހުގެ ތަހުނިޔާ ފޮނުވުން ހިމެނޭކަމަށް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ޙަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި އަހަރުގެ "ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޓީވީއެމާއި، ދިރާގުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި، އުރީދޫ މޯލްޑިވްސްއާއި، ވީބީ މާރޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
މި ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގައާއި، މުއައްސަސާތަކުގެ ފެންވަރުގައާއި، މުޖުތަމަޢުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްލަ ދެއްވުމަކީ މި ދުވަސް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މަތިވެރި އެއް މަޤްޞަދެވެ.